ސްރީލަންކާގައި ހުންނަ ރާޖަޕަކްސަ އާއިލާގެ ގެކޮޅުގައި ރޯކޮށްލައިފިއެވެ.
ޑެއިލީ މިރަރ ލާންކާއިން ރިޕޯޓުކޮށްފައިވާގޮތުން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންދާ މީހުންގެ ގްރޫޕެއް ވަނީ ހަމްބަންޓޯޓާގެ މެޑަމުލަނާގައި ހުންނަ ރާޖަޕަކްސަ އާއިލާގެ ގެކޮޅުގައި ރޯކޮށްލާފައެވެ.
އެގޭގައި ރޯވެ އަދަމުންދާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ކުރުނަގަލާގައި ހުންނަ އިސްތިއުފާ ހުށަހަޅުއްވާފައިވާ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ގެކޮޅުގައިވެސް ރޯކޮށްލާފައިވާކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.
ލަންކާ ސަރުކާރު ނިސްބަތްވާ ސްރީ ލަންކާ ޕޮޑުޖާނާ ޕެރަމުނާ (އެސްއެލްޕީޕީ)ގެ މަޖިލިސް މެމްބަރުންގެ ގެތަކަށްވެސް ދަނީ ހަމަލާދެމުންނެވެ.
އެނޫހުން ރިޕޯޓުކޮށްފައިވާގޮތުން ސަރުކާރު ނިސްބަތްވާ ޕާޓީގެ މަޖިލިސް މެމްބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މެމްބަރުންގެ ގެއަށް ވަނީ ހަމަލާދީފައެވެ. އަދި ބައެއް ގެތަކުގައި ރޯކޮށްލާފައިވާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން އެސްއެލްޕީޕީގެ ބައެއް އޮފީސްތަކުގައިވެސް ރޯކޮށްލާފައިވާ ކަމަށް ޑެއިލީ މިރަރއިން ރިޕޯޓުކޮށްފައިވެއެވެ.
ހަމަލާތައް އަމާޒުވެފައިވާ އެމްޕީ އިންގެ ގެތަކުގެ ތެރޭގައި ސަނަތު ނިޝާންތާގެ އިތުރުން ޖޯންސަން ފަނަންޑީއާއި ކަންޗަނާ ވިޖެސޭކަރާ އަދި ރަމެޝް ޕަތިރަނައާއި ނިމާލް ލަންޒަގެ ގެ ހިމެނެއެވެ.
އެޕާޓީގެ ހުރިހާ މެމްބަރުންގެ ގެތަކުގެ ސެކިއުރިޓީ މިހާރު ވަރުގަދަކޮށްފައިވާކަމަށް އެނޫހުން ރިޕޯޓުކޮށްފައިވެއެވެ.