އިނގިރޭސިވިލާތުގެ ލަންޑަނަށް ދިން ޓެރެރިސްޓް ހަމަލާއާ ގުޅިގެން ވޯލްޑްކަޕް ކޮލިފައިންގައި އޮސްޓްރޭލިއާ އާއި ސައުދީ އަރަބިއްޔާ ބައްދަލުކުރި މެޗުގެ ކުރިން ބޭއްވި ހަމަހިމޭންކަމުގެ ސުކޫތުގައި ސައުދީ ޓީމުން ބައިވެރިނުވުމުން އެ ގައުމުގެ ފުޓުބޯޅަ އިދާރާއިން އެކަމަށް މައާފަށް އެދިއްޖެ އެވެ.
ލަންޑަން ބްރިޖްގައި މިދިޔަ ހޮނިހިރު ދުވަހު ދިން ހަމަލާގައި އޮސްޓްރޭލިއާގެ ދެ މީހުން ވަނީ މަރުވެފައެވެ. އެގޮތުން އޮސްޓްރޭލިއާގައި ކުޅުނު މި މެޗު ފެށުމުގެ ކުރިން ދަނޑުގެ ސެމީ ސާކަލް ތެރޭގައި ވަށް ބޮޅެއް ގޮތަށް އޮސްޓްރޭލިއާ އިން ވަނީ އެތުރި ސުކޫތުގައި ބައިވެރިވެފައެވެ. އެހެންނަމަވެސް ސައުދީ ޓީމު ވަނީ ސުކޫތުގައި ބައިވެރިނުވެ ދަނޑުގައިމަތީގައި ފޯމޭޝަން އަތުރާފައެވެ. މިކަމާ ގުޅިގެން ސައުދީ އަށް ވަރަށް ބޮޑު ފާޑުކިޔުމެއް ވަނީ އަމާޒުވެފައެވެ.
ސައުދީ ޓީމުގެ މި އަމަލާ އެކު ސައުދި އަރަބިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް) އިން ވަނީ މައާފަށް އެދި ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ސާފް އިން ބުނީ ކުޅުންތެރިން ސުކޫތުގައި ބައިވެރިނުވުމަކީ ގޯހެއް ކަމަށާއި، އެހެންނަމަވެސް އެ ކުޅުންތެރިން ސުކޫތުގައި ބައިވެރިނުވީ މަރުވި އާއިލާތަކަށް އިހުތިރާމުނުކުރުމުގެ ގޮތުން ނޫން ކަމަށެވެ.
މިކަމާ ގުޅިގެން އޮސްޓްރޭލިއާގެ ފުޓުބޯޅަ އިދާރާއިންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން އެ ގައުމުގެ ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނުގައި ސައުދީ ފުޓުބޯޅަ ޓީމުގެ އަމަލުތަކަށް ވަނީ ފާޑުކިޔާފައެވެ.
ސައުދީ އާއި އޮސްޓްރޭލިއާ ބައްދަލުކުރި މި މެޗު ނިމުނީ 2-3 ގެ ނަތީޖާއިން އޮސްޓްރޭލިއާ ކޮޅަށް ބުރަވެގެންނެވެ.