އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް ކަމަށްވާ ޓްރެވިސް ހެޑް އާއި އޭނާގެ ލޯބިވެރިޔާ ޖެސިކާ ޑޭވިސް ރާއްޖެއަށް އައީ ހިތްހަމަޖެހުމާއެކު ޗުއްޓީ ހޭދަ ކޮށްލުމަށެވެ. ހަފްތާއަކަށްވުރެ ގިނަ ދުވަހު ޕުލްމަން ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށްފަހު އެނބުރި ގައުމަށް ދިއުމަށް މާލެއަށް ކުރި ދަތުރު ދެ މީހުންނަށްވެސް ވެގެންދިޔައީ ދުވަހަކު ވެސް ހަދާނުން ނުފިލާނެ ދަތުރަކަށެވެ. ޓްރެވިސް އާއި އޭނާގެ ލޯބިވެރިޔާ ދަތުރު ކުރީ ކައްދޫ އެއާޕޯޓުގެ ރަންވޭމަތިން ކައްސާލި މޯލްޑިވިއަންގެ ފްލައިޓުގައެވެ.
ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް ފްލައިޓް ޖައްސަން ދިޔަ ވަގުތު ފްލައިޓުގެ ތެރޭގައި ތިބި ހުރިހާ ފަސިންޖަރުންގެ ވެސް ތިބީ ބިރުގެންފައި ކަމަށް ޓްރެވިސްގެ ލޯބިވެރިޔާ ޖެސިކާ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ޕޯސްޓުގައި ވަނީ ބުނެފައެވެ. އޭނާ އެ ހާދިސާ ސިފަކުރީ ވަރަށް ބިރުވެރި ހާދިސާއެއްގެ ގޮތުގައެވެ.
މާބަނޑު ހާލަތުގައި އިން ޖެސިކާ ބުނީ އޭނާއަށް އެ ހާދިސާ އިތުރަށް ބިރުވެރިވީ އިން ހާލަތުގެ ސަބަބުން ކަމަށެވެ. އޭނާގެ ބަނޑަށް ހަ މަހެވެ. އޭނާ އެ ވަގުތު ސިފަކޮށްފައިވަނީ ފިލްމެއްގެ މަންޒަރެއްގެ ގޮތުގައެވެ.
ޖެސިކާ ވަނީ އެ ހާދިސާއާ ގުޅޭ ގިނަ ވާހަކަތަކެއް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައެވެ. އެގޮތުން އެ ހާދިސާއަށްފަހު ކަންކަން ހިނގައިދިޔަ ގޮތާމެދު ހިތްހަމަ ނުޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ޖެސިކާ ބުނި ގޮތުގައި އެ ހާދިސާއަށްފަހު އިތުރު ފްލައިޓެއް އަންނަންދެން ހުރިހާ ފަސިންޖަރުން ބޭތިއްބީ އެއް ކޮޓަރިއަކަށް ލާފައިކަމަށެވެ. އެތަނުގައި ބޯ ފެނާއި މުއާމަލާތް ކުރެވޭ ގޮތެއް ނެތް ކަމަށާއި އޭގެ ސަބަބުން ފަސިންޖަރުންގެ ތެރެއިން ދިވެހިންތަކެއް ރުޅިގަދަވެ ސްޓާފުންނާ ބޭއަދަބީކޮށް މުއާމަލާތް ކުރި ކަމަށް އޭނާ ބުންޏެވެ. އެ ކޮޓަރި ތެރޭގައި ގިނަ އިރުތަކެއް ވަންދެން ބަންދުކޮށްފައި ބޭތިއްބި ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެ ފަސިންޖަރުން އަނބުރާ މާލެ ގެންދަން ފްލައިޓެއް ކައްދޫ އެއާޕޯޓަށް ދިޔައީ ހަތަރު ގަޑިއިރު ފަހުންނެވެ.
އެމީހުން އަހަރުމެން ބޭތިއްބި ތަނުން ފެންވެސް ފޯނުގެ ސިގްނަލެއް ވެސް ނުލިބޭ. އެތާނގައި 45 މިނެޓް ތިބެން ޖެހުނު. އޭގެ ސަބަބުން މީހުން އިތުރަށް ބިރުގަތް. ރެސްކިއު ފްލައިޓަށް ހަތަރު ގަޑިއިރު މަޑުކުރަން ޖެހުނު. އެކަމަކު މިހާރު އަޅުގަނޑުމެންގެ ހާލު ރަނގަޅު،"ޖެސިކާގެ އިންސްޓަގްރާމް ސްޓޯރީ
ބުރާސްފަތި ދުވަހުގެ ރޭ އެ ހާދިސާ ހިނގަން މެދުވެރިވީ ވައިގަދަވުމުގެ ސަބަބުން ކަމަށް މޯލްޑިވިއަން އެއާލައިނުން ބުންޏެވެ. އެ ހާދިސާ ހިނގާފައިވަނީ ފުރަތަމަ ފަހަރު ކައްދޫގައި ޖައްސަން އުޅެ، ނުޖެއްސި ދެވަނަ ފަހަރަށް ޖައްސަން އުޅުމުގެ ތެރޭގައެވެ.
މޯލްޑިވިއަން އިން މައުލޫމާތު ދޭ ގޮތުގައި އެރޭ ކައްދޫއަށް ގަޑިއަކު 60 މޭލަށް ވައި ޖެހުނެވެ.