ނައިޖީރިޔާގައި ތެޔޮ އަގުބޮޑުވުމާއި ގުޅިގެން ހޯމަ ދުވަހުން ފެށިގެން އެތެރޭގެ ހުރިހާ އުދުހުންތަކެއް މެދުކަނޑާލަން ނައިޖީރިއަން އެއަރލައިނުން ނިންމައިފިއެވެ.
އެއަރލައިން އޮޕަރޭޓަރުން ބުނީ ނައިޖީރިއާގައި ތެޔޮ ލިޓަރެއް ނައިޖީރިޔާ ފައިސާއިން 190ން 700ށް މައްޗަށް ޖެހިފައިވާކަމަށެވެ. އެއީ 0.45 ޑޮލަރުން 1.70 ޑޮލަރަށެވެ. ނައިޖީރިޔާގައި ތެޔޮ އަގުބޮޑުވުމުގެ މައިގަނޑު ސަބަބަކީ ރަޝިޔާއިން ޔޫކްރެއިނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކެވެ.
ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށިފަހުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފައެވެ. ވަކިން ޚާއްސަކޮށް ރަޝިޔާއާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ތެލުގެ އަގު ވަނީ މަތިވެފައެވެ.
ތެލުގެ އަގު މައްޗަށް ދިޔުމާއި ގުޅިގެން ނައިޖީރިއާ އެއަރލައިން އޮޕަރޭޓަރުން ބުނެފައިވަނީ މިހާރު ތެޔޮ ހުރި އަގުގައި އެއް ގަޑިއިރުގެ ފްލައިޓެއްގެ ޓިކެޓްގެ އަގު އުޅޭނީ 289 ޑޮލަރަށްކަމަށެވެ. އެއީ މިހާރުވެސް ދަތިހާލުގައި އުޅެމުން އަންނަ ނައިޖީރިއާގެ ގިނަ ރައްޔިތުންނަށް އަތްފޯރާ އަގެއް ނޫންކަމަށްވެސް ވަނީ ބުނެފައެވެ.
އެހެންކަމުން މެއި 9ން ފެށިގެން ނައިޖީރިއާގެ އެތެރޭގެ ހުރިހާ އުދުހުންތައް ވަކި އެއްޗެއް އަންގަންދެން މެދުކަނޑާލާނެކަމަށް ވަނީ ބުނެފައެވެ.
އެއަރލައިންގެ މިނިންމުމާއި ގުޅިގެން ނައިޖީރިއާގެ ކަމާގުޅޭ އިދާރާތަކުން ވަނީ މިނިންމުމާމެދު އިތުރަށް ވިސްނުމަށް އެދިފައެވެ. އެއީ މިނިންމުމާއެކު ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ބޮޑުވުމުގެ ސަބަބުންނެވެ. ވައިގެ މަގުން އަވަސްކަމާއެކު ކުރެވޭ ދަތުރުތައް އެއްގަމު މަގުން ކުރުމަށް އެތައް ވަގުތެއް ހޭދަކުރަން ޖެހޭނެތީއެވެ.