ކ. މާލެ
|
8 މެއި 2022 | އާދީއްތަ 05:19
ހައިޑްރޮގްރެފިކް ސާވޭގައި ހަރަކާތްތެރިވާ އުޅަނދު
ހައިޑްރޮގްރެފިކް ސާވޭގައި ހަރަކާތްތެރިވާ އުޅަނދު
އެމްއެންޑީއެފް
ކަނޑުގައި ކުރިޔަށްގެންދާ ސާވޭ
ކަނޑުގެ ސާވޭއަށް ބޭނުންކުރަނީ އިންޑިޔާގެ ފަސް އުޅަނދެއް
އޭޕްރީލް މަހުގެ 21 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 15 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ސާވޭގައި ހދ އަތޮޅުން ފެށިގެން ނ އަތޮޅަށް ސާވޭ ކުރާނެ
އެ ބޯޓްތައް ހަރަކާތްތެރިވަނީ މާލެ އަތޮޅާއި ހދ އަދި ށ އަތޮޅުގައި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދާ ހައިޑްރޮގްރެފިކް ސާވޭގައި އިންޑިއާގެ ކަނޑުމަތީ ފަސް އުޅަނދެއް ހަރަކާތްތެރިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން މިހެން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އިންޑިއާގެ ކަނޑު އުޅަނދުތަކެއް ފެންނަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ނިޔަމި ކަމުގައި ބޭނުންކުރާ ޗާޓްތައް އިސްލާހު ކުރުމަށްޓަކައި ޑިފެންސް މިނިސްޓްރީ އާއި އިންޑިއާގެ ނޭވީ ގުޅިގެން ކުރިއަށް ގެންދާ ހައިޑްރޮގްރެފިކް ސާވޭގައި އިންޑިއާގެ ފަސް އުޅަނދެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެއީ މަނަވަރަކާއި ހަތަރު ކުޑަ ބޯޓެވެ. އެ ބޯޓްތައް ހަރަކާތްތެރިވަނީ މާލެ އަތޮޅާއި ހދ އަދި ށ އަތޮޅުގައެވެ. މިމަސައްކަތް ކުރިޔަށްދަނީ އެމްއެންޑީއެފްގެ ސިފައިންނާއެކު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދާ ހައިޑްރޮގްރެފިކް ސާވޭގައި ހަރަކާތްތެރިވުމަށް އިންޑިއާގެ ނޭވީ ޝިޕެއް ރާއްޖެ އައިސްފައިވާ ކަމަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެމްއެންޑީއެފުން އޭރު ބުނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 15 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ސާވޭގައި ހދ އަތޮޅުން ފެށިގެން ނ އަތޮޅަށް ސާވޭ ކުރާނެ ކަމަށެވެ.

2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ރާއްޖޭގައި ކުރަމުންދާ ހައިޑްރޮގްރެފިކް ސާވޭއަކީ ރާއްޖޭގެ ނިޔަމި ކަމަށް ބޭނުން ކުރަމުން އަންނަ ކަރުދާސް ޗާޓާއި ޖީޕީއެސް އަދި އެކްޑިސް ގައި ބޭނުޖް ކުރާ އިލެކްޓްރޯނިކް ޗާޓްތައް އަޕްޑޭޓް ކުރުމާއި އެންކަރޭޖް އަދި އެފްރޯޗް ޗާޓް ހެދުމަށް ކުރެވޭ ސާވޭއެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ މި ސާވޭގެ އަލީގައި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެވި ރާއްޖޭގައި އެންމެ ގިނައިން ހިނގާ ކަނޑުމަތީގެ ހާދިސާ ކަމުގައިވާ ފަރަށް އެރުން ފަދަ ހާދިސާތައް މަދުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން މިފަދަ ހާދިސާތަކުން އޮޑިވެރިންނަަށް ގެއްލުން ލިބުމުގެ ފުރުސަރު ކުޑަވާނެ ކަމަށެވެ. އަދި މިމަސައްކަތުގެ ސަބަބުން އިންޝުއަރެންސް ކްރައިމްތައް ލީގަލައިޒް ކުރުމާއި އިގްތިސާދު ފުޅާކުރުމަށް ބޭނުންވާ މައުލޫމާތު ލިބޭނެ ކަމަށާ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާ ކުރުމަށް ބޭނުންވާނެ މައުލޫމާތާއި ކޯސްޓަލް ޒޯން މެނޭޖްމަންޓް ފަދަ މުހިންމު މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތު ލިބޭނެ ކަަމަށް އެމްއެންޑީއެފުން ބުނެއެވެ.


Advertisement
- ކޮމެންޓް