އިމެނުއެލް މެކްރޯން ދެވަނަ ދައުރަކަށް ފްރާންސްގެ ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.
ރައީސުންނަށް އަލުން އިންތިޚާބު ކާމިޔާބު ކުރެއްވޭތަން ވަރަށް މަދުން ނޫނީ ނުފެންނަ ގައުމެއްގައި މެކްރޯން ވަނީ އޭޕްރީލް މަހު ބޭއްވުނު އިންތިޅާބްގެ ދެވަނަ ބުރުގައި މަރީން ލެޕެން އާއި ވާދަކުރައްވާ 58.5 އިންސައްތަ ވޯޓު ހޯއްދަވާފައެވެ.
މަގާމާ އަލުން ހަވާލުވެ ވަޑައިގެންނެވުމަށްފަހު ހޮނިހިރު ދުވަހު ދެއްވި ކުރު ޚިތޯބެއްގައި، ދުނިޔެއަށާއި ފަރަންސޭސިވިލާތަށް މީގެކުރިން ކުރިމަތިނުވާފަދަ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އާ އީޖާދުތައް އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލަމުން، އެމަނިކުފާނުގެ ދެވަނަ ދައުރަކީ، ހަމައެކަނި ފުރަތަމަ ދައުރު ކުރިއަށް ގެންދިޔުން ނޫން ކަމަށް ވިދާޅުވިއެވެ. އަދި، ދެވަނަ ދައުރަކަށް ވާނީ "އާ" ދައުރެއް ކަމުގައި ވެސް ވިދާޅުވިއެވެ.
މެކްރޯން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް 500 އެއްހާ މެހެމާނުން ވަޑައިގެންނެވިއިރު އޭގެ ތެރޭގައި ކުރީގެ ދެ ރައީސުން ކަމަށްވާ ފްރާންސުވާ އޮލާންޑޭ އާއި ނިކޮލާ ސަރުކޯޒީ އާއި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރުން ކަމަށްވާ އެޑުއާޑް ފިލިޕޭ އާއި އެލެން ޖޫޕޭ އާއި ޖީން ޕިއޭ ރެފަރިންގެ އިތުރުން ދީނީ ލީޑަރުން ހިމެނިވަޑައިގެންނެވިއެވެ.
2017ވަނަ އަހަރު ފްރާންސުގެ އެންމެ ޒުވާން ރައީސްގެ ގޮތުގައި ވެރިކަމަށް ވަޑައިގެންނެވިއިރު މެކްރޯން ވައުދުވެވަޑައިގެންނެވި އިސްލާހީ ބަދަލުތައް ތަންފީޒު ކުރެއްވުމުގެ އިތުރުން ޔޫކްރެއިންގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ވެސް މެކްރޯން ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނުގެ ފުރަތަމަ ދައުރު ހިންގެވި ގޮތާ ގުޅޭ ގޮތުން ގިނަ ބަޔަކު ޝަކުވާ ކޮށްފައިވާއިރު އެކަންކަން ރަނގަޅު ކުރައްވައި މީހުންނާ ގުޅިގެން ދެވަނަ ދައުރު ރަނގަޅު ކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް މެކްރޯން ދެއްވިއެވެ.
ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި "ޔޫރަޕިއަން ޑޭ" ފާހަގަ ކުރެއްވުމަށް ޔޫރަޕިއަން ޕާލިމަންޓަށް ވަޑައިގަންނަވާނެއެވެ. އެއަށްފަހު ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލާފް ޝޮލްޒްއާ ބައްދަލުކުރެއްވުމަށް ބަރލިންއަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.
މެކްރޯންގެ އާ ދައުރު ރަސްމީކޮށް ފެށޭނީ މި މަހުގެ 13 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.