ކ. މާލެ
|
7 މެއި 2022 | ހޮނިހިރު 19:36
އިންޑިއާ އައުޓް ކެމްޕެއިން
އިންޑިއާ އައުޓް ކެމްޕެއިން
ސިމާހާ ނަސީމް
މަގޭ ރިޕޯޓް
ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ޞުލްޙަޔާއި އަމާންކަމަށް ލޯބިކުރާ ޤައުމެއް
 
ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މެންބަރުން "އިންޑިޔާ އައުޓް" ކެމްޕޭނަކީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއްކަމަށް އިއްތިފާޤުވެވަޑައިގަންނަވާ

ދިވެހިންގެ ޙަޤީޤީ ތަބީޢަތަކީ، ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ބަލައި، ޙިކުމަތްތެރިކަމާއެކީ، ހުރިހާ ޤައުމުތަކާ ގުޅިގެން، އެކުވެރިކަމުގެ ރޫޙެއްގައި މަސައްކަތްކުރުމެވެ. މިގޮތުން ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ޞުލްޙަޔާއި އަމާންކަމަށް ލޯބިކުރާ ޤައުމެކެވެ.

އަޅުގަނޑުމެން ދިވެހިންގެ ގޮތަކީ، އަބަދުވެސް، އަޅުގަނޑުމެންގެ ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ބަލާ، ޙިކުމަތްތެރިކަމާއެކީ، ހުރިހާ ޤައުމުތަކާ ގުޅިގެން، އެކުވެރިކަމުގެ ރޫޙެއްގައި މަސައްކަތްކުރުމެވެ. މިވީހާ ތަނަށްވެސް، އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތާ އަދި މިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން މިގޮތުގައި ކަށަވަރުކޮށް، ދަމަހައްޓަމުން އައިސްފައިވުމުގެ ސިއްރަކީ މިއެވެ. އަޅުގަނޑުމެން ދިވެހިންގެ ޙަޤީޤީ ތަބީޢަތަކީވެސް މިއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދިފާޢީ ސިޔާސަތުގެ އަޞްލަކީވެސް މިއެވެ.

ގައުމުގެ ދިފާއު ބަލަހައްޓާ އެމްއެންޑީއެފްއަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެއްވާ، ސިފައިންނަށް ތަމްރީނުގެ އިތުރު ފުރުޞަތުތައް ހޯއްދަވާދެއްވާ، ސިފައިންނަށް ބޭނުންވާ ކަންކަން ވީހާވެސް ރަނގަޅަށް ކޮށްދެއްވަން ކުރައްވާ މަސައްކަތަކީ އެ ދާއިރާ އިތުރަށް ތަރައްގީކޮށް އަމާންކަން ގާއިމްކުރުމަށް ކުރާ މަސައްކަތުގެ އަލިގަދަ ހެއްކެކެވެ.

ނަމަވެސް މިކަންކަމާ ދިމާ އިދިކޮޅަށް، ބައެއް ފަރާތްތަކުން ވަކި މަންފާއެއް ހާސިލްކުރުމުގެ ނަމުގައި ވަކި ކަހަލަ ކެމްޕޭންތައް ހިންގާ ގައުމު ހަލަބޮލިކޮށްލަން ކުރާ މަސައްކަތަކީ ދިވެހިން ބަލައިގަންނަ ކަންކަމެއް ނޫނެވެ. އޭގެ ފަހަތުގައި އަޑި ނޭނގޭ ބޮޑު ސިއްރެއް ވެއެވެ. މިއީ ސީދާ ރާއްޖޭގެ ދާހިލީ މިނިވަންކަމަށް ބުރޫ އަރުވަން ކުރާ މަސައްކަތެކެވެ. ނުރައްކާތެރި އަމަލެކެވެ.

މިގޮތުން "އިންޑިޔާ އައުޓް"ގެ ނަމުގައި ހިންގާ ކެމްޕޭނަކީ، ދިވެހިރާއްޖޭގެ ސަލާމަތާއި ރާއްޖޭގައި ދިރިއުޅޭ ބޭރު ޤައުމުތަކުގެ ރައްޔިތުންނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންވާގޮތަށް މިފަހުގެ ތާރީޚުގައި ހިންގާތީ ފެނުނު އެންމެ ނުރައްކާތެރި ކެމްޕޭނެވެ.

މިކެމްޕޭނުގެ ސަބަބުން، ދިވެހިރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގެއްލި، ސަރަޙައްދީ ޤައުމުތަކާ އޮތް ގާތް ގުޅުން ހީނަރުވެ، ސަރަޙައްދީ ސަލާމަތީ މަޞްރަޙަށް ނުރައްކާވެ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް، ހުރަސް އެޅިގެންދާނެއެވެ.

ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މެންބަރުން "އިންޑިޔާ އައުޓް" ކެމްޕޭނަކީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއްކަމަށް އިއްތިފާޤުވެވަޑައިގަންނަވައެވެ. އަދި މިކަމާ ގުޅޭގޮތުން، އެމްއެންޑީއެފްގެ ލަފާދޭ މަޖިލީހާއި، ސީނިއަރ ޖެނެރަލް އޮފިސަރުންނާއި، ކޮމާންޑް އެންޑް ސްޓާފް ލެވެލްގައި މަސައްކަތްކުރައްވާ ހުރިހާ އޮފިސަރުންނާއި، ރާއްޖެއިން ބޭރުގައި މަސައްކަތްކުރައްވަމުން ގެންދަވާ ދިވެހި އަސްކަރިއްޔާގެ ޑިފެންސް އެޑްވައިޒަރުންނާ މަޝްވަރާކުރައްވާފައިވެއެވެ. ޖުމްލަކޮށް އެހުރިހާ ބޭފުޅުންވެސް، މިކެމްޕޭނުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ބޮޑެތި ނުރައްކާތައް ކުރިމަތިވާކަމަށް ވިދާޅުވެއެވެ.

މިއީ ސީދާ ދިވެހިންގެ މެދުގައި ފިތުނަ އުފައްދާ ޒުވާން ޖީލެއް ހަލާކުކޮށްލަން ކުރާ މަސައްކަތެކެވެ. މި ކެމްޕެއިންގެ ފަހަތުގައި މަސްތުވާތަކެތީގެ ވިޔަފާތި ކުރާފަރާތްތަކާ، ބޮޑެތި އަދަދުތަކުން ފަންޑުކުރާ ފަރާތްތައް ހިމެނޭކަމަށް ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސަށް މައުލޫމާތު ލިބުމަކީ މި ކެމްޕެއިންގެ ގެންދާ މަގްސަދާމެދު ކޮންމެ ދިވެއްސެއް ވެސް ސުވާލު އުފައްދާ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
100%
0%
0%
0%
0%
0%
ކޮމެންޓް