ސައޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ ކަދުރު، ސައޫދީ އެމްބަސީން އިސްލާމިކް މިނިސްޓްރީއާ ރަސްމީކޮށް ހަވާލު ކުރާނީ މި ހަފްތާގެ ތެރޭގައި ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ, ކުރީ ދުވަހު 25 ޓަނުގެ ކަދުރު ލިބިއްޖެ ކަމަށާއި ހޮނިހިރު ދުވަހު އަނެއް 25 ޓަނުގެ ކަދުރު ކްލިއަރވާނެ ކަމަށެވެ.
ކަދުރު ހަވާލުކުރުމުގެ ކަންތައްތައް ރަސްމީކޮށް ކުރިއަށް ގެންދިޔުމަށް ސައޫދީ އެމްބަސީން ބޭނުންވާ ކަމަށް ވެސް ވިދާޅުވިއެވެ. މިނިސްޓްރީއާ ކަދުރު ހަވާލު ކުރުމަށްފަހު ބެހުމުގެ ކަންތައްތައް ކުރިއަށްދާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
ހުރިހާ ގެތަކަށް ކަދުރު ނުބެހުނު ނަމަވެސް، ކަދުރު ބަހާނީ އެންމެ ބޭނުން ޖެހިފައިވާ ގޭބިސީތައް ކަނޑައެޅުމަށްފަހު، ހިސާބުކޮށް، އެގޭބީސީތަކަށް އިސްކަންދެއްވައިގެން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު, މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ އާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި، އެދަފުތަރަށް އަމާޒުކޮށް، އިސްލާމިކް މިނިސްޓްރީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން 'ޒަކާތު ނަފާ'ގެ ނަމުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ޕްރޮގްރާމެއް ފެށުމަށްވެސް ވަނީ ނިންމާފައެވެ.
ފަސް އަހަރަށް ރާވާފައިވާ މިޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން, ކަނޑައެޅޭ ވަކި އަދަދެއްގެ ބަޔަކަށް ޒަކާތު ފަންޑުން ޚަރަދުކޮށް، ޒަކާތުގެ ފައިދާ އޭގެ އެންމެ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދިނުމަށާއި، އެ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގެއް ފަހިކޮށްދިނުމަށާއި އަދި ފުދުންތެރި މުޖުތަމައެއް ބިނާ ކުރުމަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ވެސް ސައޫދީ އަރަބިއްޔާއިން ވަނީ ރާއްޖެއަށް 25 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.