ޖޫރިމަނާ ފައިސާގެ ގޮތުގައި ދައުލަތަށް 109 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އޭޕްރިލް 21 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކްސްއިން ލިބުނު އާމްދަނީ 5.8 ބިލިއަން ރުފިޔާއަށް އަރައެވެ. ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 2.6 ބިލިއަން ރުފިޔާއަށް އަރައެވެ.
މިގޮތުން ޓެކްސް ނޫން ގޮތްގޮތަށް ލިބުނު އާމްދަނީގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާ ހިމެނެއެވެ. މިހާތަނަށް އައިއިރު ޖޫރިމަނާ ފައިސާގެ ގޮތުގައި 109.9 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ. އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 209.7 މިލިއަން ރުފިޔާ، އަދި އެހެނިހެން ފީއާއި ޗާޖުގެ ގޮތުގައި 404.4 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.
ރިސޯޓުތަކުގެ ކުލީގެ ގޮތުގައި މިހާތަނަށް 679.1 މިލިއަން ރުފިޔާ، އަދި ބިމު ކުލީގެ ގޮތުގައި 2.7 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. ރެޖިސްޓްރޭޝަން އަދި ލައިސެންސް ފީގެ ގޮތުގައި 243.6 މިލިއަން ރުފިޔާ ލިބިފައިވާއިރު, ޓެކްސް ނޫން އެހެނިހެން އާމްދަނީގެ ގޮތުގައި 802.2 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަކުރެއެވެ. ކެޕިޓަލް ރިސީޓްގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 5.4 މިލިއަން ރުފިޔާއެވެ. އަދި ގްރާންޓްސްގެ ގޮތުގައި 80.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ޓެކްސްއިން ލިބުނު އާމްދަނީގެ ތެރޭގައި; އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު 797.2 މިލިއަން ރުފިޔާ، ބިޒްނަސް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 314.3 މިލިއަން ރުފިޔާ އަދި އެއަރޕޯޓް ސަރވިސް ޗަރޖްގެ ގޮތުގައި ލިބުނު 207.5 މިލިއަން ރުފިޔާ ހިމެނެއެވެ.