ކ. މާލެ
|
7 މެއި 2022 | ހޮނިހިރު 13:18
ފަތުރުވެރިން
ފަތުރުވެރިން
ވެލާނާ އެއާޕޯޓް
ރާއްޖޭގެ ފަތުރުވެރިކަން
ހަނގުރާމަ ނެތްނަމަ، 2019ގައި ފަތުރުވެރިން އައި މިންވަރަށް މިއަހަރު ފަތުރުވެރިން އައީސް: މިނިސްޓަރ
މިއަހަރު އައި ފަތުރުވެރިންގެ އަދަދު 2019 ވަނަ އަހަރަށްވުރެ 11 އިންސައްތަ ދަށް
މިއަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ އެމެރިކާއިން
މިއަހަރުގެ މިހާތަނަށް ބައި މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައި

ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ކުރިއަށްނުދާނަމަ 2019 ވަނަ އަހަރުގެ މި މުއްދަތުގައި ފަތުރުވެރިން ރާއްޖެ އައި މިންވަރަށް މިއަހަރުގެ މިހާތަނަށް ފަތުރުވެރިން އައީސްކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ, މިއަހަރުގެ މިހާތަނަށް ފަތުރުވެރިން އައި އަދަދު 2019 ވަނަ އަހަރާ އަޅާ ބަލާއިރު 11 އިންސައްތަ ދަށްކަމަށެވެ. ރަޝިއާއާއި ޔޫކްރެއިނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑު ހިއްސާއެއް އޮތް ދެ ގައުމުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ, ހަމަނުޖެހުންތައް ހިނގަމުން ނުދާނަމަ އިތުރު 10 އިންސައްތައިގެ ކުރިއެރުން ލިބުނީސް ކަމަށެވެ. އަދި މިއަހަރުގެ އަދަދުތައް 2019 ވަނަ އަހަރުގެ އަދަދުތަކާ އަރާ ހަމަވީސްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރެއިން މިހާރު އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ އެމެރިކާއިން ކަމަށެވެ. އިންޑިއާއިން ފަތުރުވެރިން އަންނަ މިންވަރުވެސް ރަނގަޅު ކަމަށާއި، ކުއްލިއަކަށް އެންމެ ގިނަވެގެން އައިސްފައިވަނީ އިނގިރޭސިވިލާތް ކަމަށެވެ. އިޓަލީންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަމުންދާކަމަށާއި، މީގެ ކުރިން ޔޫރަޕު ސަރަހައްދުން ފަތުރުވެރިން އަންނަމުންދިޔަ ގައުމުތަކުން މެދުކެނޑުމަކަށްފަހު އަނެއްކާވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަމުންދާކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް ބައި މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ނަންބަރުތަކާމެދު ހިތްޕުޅުހަމަޖެހޭ ކަމަށެވެ. އެހެންނަމަވެސް މިއީ ފަތުރުވެރިކަމުގެ ރަން އަހަރު ކަމަށްވުމާއެކު, މަސައްކަތްކުރަމުންދަނީ ވަރަށް އުންމީދީ ނަންބަރުތަކެއް އިއުލާނުކޮށްގެން ކަމަށާއި، އެހާ ހިސާބަށް ދެވޭނެ ކަމުގެ އުންމީދު އެބަ އޮތްކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިހާރު މަސައްކަތްކުރަމުންދަނީ ތިން ޓާގެޓުގެ ތެރެއިން އެންމެ ދަށް ޓާގެޓު ހާސިލްކުރަން. 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް. މިހާތަނަށް 5 ލައްކަ ފަހަނައަޅާ ދިއުން އެއީ ރަނގަޅު ފާލެއް.
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

މިއަހަރު ނިމުމުގެ ކުރިން 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން މިހާރު މަސައްކަތްކުރަމުންދާއިރު, ފެބްރުއަރީ މަހު ރަޝިއާ އަދި ޔޫކްރެއިނާ ދެމެދު ހަނގުރާމަ ފެށުނު ހިސާބުން އެދެގައުމުން ފަތުރުވެރިން އައުން ވަނީ ހުއްޓިފައެވެ. އޭރު ފަތުރުވެރިން ރާއްޖެ އަންނަ މާކެޓުތަކުގެ ތެރެއިން ޓޮޕް މާކެޓުގެ ގޮތުގައި އޮތީ ރަޝިއާއެވެ. ރަޝިއާ ފަތުރުވެރިން އައުން ހުއްޓުނު ހިސާބުން ޓޮޕް މާކެޓަށް އަރާފައިވަނީ އިނގިރޭސިވިލާތެވެ.

ރަޝިއާ ފަތުރުވެރިން އައުން މިވަގުތަށް ހުއްޓިފައި އޮތްނަމަވެސް, މިމަހުގެ 14 ވަނަ ދުވަހު ރަޝިއާގެ އެއިރޯފްލޮޓުގެ ދަތުރުތައް ފަށަން އެގައުމުން ވަނީ ނިންމާފައެވެ. މިއާއެކު ގިނަ އަދަދެއްގެ ފަތުރުވެރިން އެގައުމުން ރާއްޖެ އަންނާނެ ކަމަށް ބެލެވެއެވެ. އަދި ކުރިއަށްއޮތްތަނުގައި ފަތުރުވެރިކަން ދާނީ ރަނގަޅުވަމުން ކަމަށް ލަފާކުރެވެއެވެ.

- ކޮމެންޓް