އަފްޣާނިސްތާންގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 22 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން އަފްޣާނިސްތާނަށް ވެހުނު ބޯވާރޭގެ ސަބަބުން އެޤައުމުގައި ފެންބޮޑުވެ އެތައް ސަތޭކަ ގެއެއް ވަނީ ހަލާކުވެފައެވެ. އަދި އާންމު ރައްޔިތުންގެ ދަނޑުގޮވާންތައްވެސް މި ހާދިސާގެ ސަބަބުން ވަނީ ހަލާކުވެފައެވެ.
އެގޮތުން 12 ޕްރޮވިންސަކަށް އަސަރުކޮށްފައިވާއިރު 40 މީހަކަށް އެކިވަރުގެ އަނިޔާތައް ވެފައިވާކަމަށް އެޤައުމުގެ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ބުނެއެވެ.
މީގެ އިތުރުން 500 ގެއެއް އެއްކޮށް ހަލާކުވެފައިވާއިރު، 2،000ށް ވުރެ ގިނަ ގޭގެއަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. އަދި 3،000 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ ދަނޑުގޮވާމަށް ގެއްލުން ލިބިފައިވާއިރު، 300 ލައިވްސްޓޮކް ވަނީ މަރުވެފައެވެ.
އަފްޣާނިސްތާނުގައި ފެންބޮޑުވުމުގެ ހާދިސާ ހިނގާފައިވާއިރު، ޤައުމު ހިންގުމާ ހަވާލުވެފައިވާ ތާލިބާން ޖަމާއަތުން ދަނީ މިކަމުން އަރައިގަތުމަށް ބައިނަލްއަޤުވާމީ ޖަމިއްޔާތަކުގެ އެހީއަށް އެދެމުންނެވެ. މިހާތަނަށް އައި އިރު ރެޑް ކްރޮސް ޖަމާއަތުން އެޤައުމަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށް އަފްޣާން ސަރުކާރުން ފާހަގަކުރެއެވެ.
ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާއަތްތަކުންނާއި ޤައުމުތަކުން ދަނީ ތާލިބާނުންނަށް ފައިދާނުވާނެހެން އަފްޣާނިސްތާންގެ 40 މިލިއަނެއްހާ މީހުންނަށް އެހީ ފޯރުކޮށްދެވޭނެ ގޮތަކާމެދު މަޝްވަރާތައް ކުރަމުންނެވެ.
ޚަބަރުތައް ބުނާގޮތުން ވާރެވެހި ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއްކޮށްފައި ވަނީ ހުޅަނގުގެ ދެ ޕްރޮވިންސެއް ކަމަށްވާ ބަދްޣިސް އަދި ފަރްޔަބްގެ އިތުރުން އުތުރުގެ ޕްރޮވިންސެއް ކަމަށްވާ ބަޣްލަން އަށެވެ.
މިފަހަކަށް އައިސް އަފްޣާނިސްތާނުން ވަނީ މޫސުމީ ބަދަލުތަކާއެކު ހަނަފަސްކަމާވެސް ކުރިމަތިލާން ޖެހިފައެވެ. މީގެ ސަބަބުން އެޤައުމުގައި ދަނޑުގޮވާން ކުރުމުގެ ފުރުސަތު ނުލިބި ކާބޯތަކެތި މަދުވުމުގެ ބިރާވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ.
މިސަބަބުގެ އިތުރުން އަދި އެތައް އަހަރެއް ވަންދެން އެޤައުމުގައި ކުރިއަށްދިޔަ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެޤައުމުގެ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑު ފަޤީރުކަމަކާ ކުރިމަތިލާން ޖެހިފައެވެ. އަދި ތާލިބާނުން އެޤައުމުގެ ވެރިކަމާ ހަވާލުވެ އެމެރިކާގެ ސިފައިން އެޤައުމުން ފައިބަން ޖެހުނު ހިސާބުން އަފްޣާނިސްތާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކާ އެޤައުމުގެ ރައްޔިތުން ކުރިމަތިލާން ޖެހުނެއެވެ.