ކ. މާލެ
|
4 މެއި 2022 | ބުދަ 20:16
ސްރީލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ، ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން އާންމުން މުޒާހަރާކުރަނީ
ސްރީލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ، ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން އާންމުން މުޒާހަރާކުރަނީ
ރާއްޖެއެމްވީ
ލަންކާގެ އިގުތިސާދީ ކާރިސާ
ލަންކާގެ ފޮރިން ރިޒަރވް 50 މިލިއަން ޑޮލަރަށްވުރެ ދަށަށް
ލަންކާ ރުޕީސް ފްލޯޓްކުރުމުގެ މަސައްކަތްވެސް މިއަށްވުރެ އަވަހަށް ހަގީގަތުގައި ކުރަންޖެހޭ
އައިއެމްއެފްއާއެކު މިހާރު ކުރަމުންދާ މަޝްވަރާތަކުގެ ނަތީޖާ ނެރެން އަދި 6 މަސްދުވަސް ވަރު ނަގާނެ

ސްރީލަންކާގެ ފޮރިން ރިޒަރވް މިހާރު 50 މިލިއަން ޑޮލަރަށްވުރެ ދަށްވެފައިވާކަމަށް އެގައުމުގެ ފިނޭންސް މިނިސްޓަރު އަލީ ސަބްރީ ވިދާޅުވެއްޖެއެވެ.

ޑެއިލީ މެއިލްގައި ރިޕޯޓުކޮށްފައިވާގޮތުން ފިނޭންސް މިނިސްޓަރު ސަބްރީ ވަނީ, ލަންކާގެ ފޮރިން ރިޒަރވް ދަށްވަމުންދާއިރު އެގައުމަށް އެހީ ހޯދުމަށް އައިއެމްއެފްއާއެކު މަޝްވަރާކުރަން ފެށިފައި މިވަނީ މާ ލަހުންކަމަށް ވިދާޅުވެފައެވެ.

ސަބްރީ ވިދާޅުވީ އެގައުމުން މިއަށްވުރެ އަވަހަށް އައިއެމްއެފްގެ އެހީއަށް އެދެންޖެހުނު ކަމަށެވެ. އަދި ލަންކާ ރުޕީސް ފްލޯޓް ކުރުމުގެ މަސައްކަތްވެސް މިއަށްވުރެ އަވަހަށް ހަގީގަތުގައި ކުރަންޖެހޭނެކަމަށެވެ.

މީގެ އިތުރުން ސަބްރީ ވަނީ އައިއެމްއެފްއާއެކު މިހާރު ކުރަމުންދާ މަޝްވަރާތަކުގެ ނަތީޖާ ނެރެން އަދި 6 މަސްދުވަސް ވަރު ނަގާނެކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ލަންކާއަށް ބްރިޖް ފައިނޭންސް ހޯދުމަށް އިތުރު ގައުމުތަކާ މަޝްވަރާކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19ގެ ސަބަބުން އިގުތިސާދަށް އައި ލޮޅުމާއި, އަދި ސަރުކާރުން ނަގަމުންދިޔަ ޓެކްސްތައް މަދުކުރުމުގެ ސަބަބުން ސްރީލަންކާ ސަރުކާރުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެގެން ދިޔައެވެ. މިއާއެކު ބޭރުގެ ފައިސާ ލިބުން މަދުވެ، ފޮރިން ރިޒަރވް އެއްކޮށްހެން ހުސްވެގެން ދިޔައެވެ.

ލަންކާއަށް 1948 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން ކުރިމަތިވި އެންމެ ބޮޑު އިގުތިސާދީ ކާރިސާ ކުރިމަތިވެފައިވާއިރު، އެންމެ ބޭނުންވާ ތަކެތި ކަމުގައިވާ ކާނާ އާއި، ބޭހާ ތެލަށް ޚަރަދުކުރާނެ ވަރަށްވެސް ލަންކާ ސަރުކާރުގައި ފައިސާއެއް ނެތެވެ.

- ކޮމެންޓް