ކ. މާލެ
|
3 މެއި 2022 | އަންގާރަ 16:09
މަރު ކޮމިޝަން- މިހާތަނަށް ކޮމިޝަނުން ތަހުގީގު ނިންމައި، ފައިނަލް ރިޕޯޓު ނިމިފައިވަނީ މަދު މައްސަލައެއްގެ
މަރު ކޮމިޝަން- މިހާތަނަށް ކޮމިޝަނުން ތަހުގީގު ނިންމައި، ފައިނަލް ރިޕޯޓު ނިމިފައިވަނީ މަދު މައްސަލައެއްގެ
ރާއްޖެ އެމްވީ
މަރުކޮމިޝަނުގެ މަސައްކަތްތައް
އަހަރުގެ މެދުތެރެއަށް، މަރު ކޮމިޝަނުގެ މުހިއްމު ޓާގެޓެއް: ހާސިލުވާނެތަ؟
މިއީ ކޮމިޝަނުގެ ޒިންމާ އަދާކުރެވެންދެން ދެމި އޮންނާނެ ކޮމިޝަނެއް
އިންސާފު ހޯދައިދިނުމާ ގާތަށްވެސް މަސައްކަތް ނުކުރެވޭކަމަށް ގިނަ ބަޔަކު ބުނޭ
ކޮމިޝަނުގެ މަސައްކަތް އުއްމީދުކުރެއްވި މިންވަރަށްވުރެ މާ ބޮޑުތަން ލަސްކަމަށް ރައީސް ސޯލިހު ވިދާޅުވި

ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ތަހުގީގު މަރު ކޮމިޝަނުން އެއްކޮށް ނިންމައި، މިއަހަރު މެދުތެރޭގައި ރައީސަށް އަރުވާނެކަމުގެ ޔަގީންކަން އެރުވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު އެހެން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ކުރީގެ މަރުތަކަށް އިންސާފު ހޯދުމުގައި އުންމީދުކުރެއްވި ވަރަށްވުރެ މާބޮޑުތަން ލަސްކަމަށެވެ. އަދި އެކަމުގައި ކުރަންޖެހޭ މަސައްކަތާއި ފިލުވަންޖެހޭ އޮޅުން ބޮޑުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަރު ކޮމިޝަނުން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންގޮސްފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލާފައިވާ މައްސަލަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާތަނަށް ކޮމިޝަންގެ ފަރާތުން 200އަށްވުރެ ގިނަ މީހުންނާ ސުވާލުކޮށްފައިވާ ކަމަށެވެ. ބޭރުގެ ފައިނޭންޝަލް އެކްސްޕަރޓެއްގެ އެހީގައި މާލީ މުއާމަލާތްތައް އެނަލައިޒްކޮށްފައި ވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މި އަހަރުގެ މެދުތެރޭގައި ތަހުގީގު އެއްކޮށް ނިންމައި ކޮމިޝަންގެ ހޯދުންތައް އެމަނިކުފާނަށް އަރުވާނެކަމުގެ ޔަގީންކަން އަރުވާފައިވާކަމަށެވެ.

މަރު ކޮމިޝަނުން ބަލަމުން ގެންދަނީ ހަމައެކަނި ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މައްސަލަ އެކަންޏެއް ނޫނެވެ. މަރުގެ ބޮޑެތި މައްސަލަތަކެއް ކޮމިޝަނުން ތަހުގީގު ކުރަމުންދާއިރު، މިހާތަނަށް ކޮމިޝަނުން ތަހުގީގު ނިންމައި، ފައިނަލް ރިޕޯޓު ނިމިފައިވަނީ މަދު މައްސަލައެއްގެއެވެ.

އެކަމުގެ ސަބަބެއްކަމަށް ކޮމިޝަނުގެ މެމްބަރުން އޭރު ފާހަގަ ކުރައްވާފައިވަނީ، ވަކި މުއްދަތެއް ކަނޑައަޅައި، ވަކި ތާރީޚެއް ކަނޑައަޅައިގެން ކަންކަން ނިންމާނެކަމަށް ބުނަން ބޭނުން ނުވާކަމަށާއި، "ކަމަކަށް ކަމެއް ކުރަން ބޭނުން ނުވާ" ކަމަށެވެ.

މަރު ކޮމިޝަން އުފައްދާފައިވަނީ 2018 ވަނަ އަހަރުއެވެ. ކޮމިޝަން އުފެއްދި ފަހުން މިހާތަނަށް ކޮމިޝަނުގެ މަސައްކަތް އުއްމީދުކުރެއްވި މިންވަރަށްވުރެ މާ ބޮޑުތަން ލަސްކަމަށް ރައީސް ސޯލިހުވެސް ވިދާޅުވާއިރު، ދައުލަތުން އެތައް ޚަރަދެއް ކޮށްގެން ހިންގާ މި ކޮމިޝަނުން ކުރާ މަސައްކަތްތައް ރައްޔިތުންނަށް ނޭނގުމަކީވެސް ގިނަ ބަޔަކު ކުރާ ޝަކުވާއެކެވެ. އެގޮތުން އަހަރުން އަހަރަށް އެތައް މިލިއަން ރުފިޔާއެއް ދައުލަތުން އެ ކޮމިޝަނަށް ޚަރަދު ކުރެއެވެ.

އެއްކަމެއްގެ ގޮތުން ބައެއް ފަރާތްތަކުން ފާހަގަކުރާ ކަމަކީ، ކޮމިޝަނުގެ މަސައްކަތް ކުރިއަށް ދާ ނުދާ މިންވަރާއި، ކުޑަމިނުން ކޮމިޝަނަށް މަސައްކަތްތައް ކުރިއަށްދާކަންވެސް ފަސޭހައިން ސާފުކޮށް ބެލޭނެ ގޮތެއް ނެތުމެވެ. ކޮމިޝަނުން ބަލަމުންދާ މައްސަލަތަކަކީ އާންމު މަސްލަހަތު ބޮޑު، އަދި ރައްޔިތުންނާވެސް އެކި ގޮތްގޮތުން ގުޅުންހުރި ބޮޑެތި މައްސަލަތަކަށްވާއިރު، އެ މައްސަލަތަކުގެ ތަހުގީގު ލަސްވާ ސަބަބަކީ އެންމެ ކުޑަމިނުން އެނގިފައި އޮންނަންޖެހޭނެ މައުލޫމާތެއްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ރައީސްވެސް ވިދާޅުވި ގޮތަށް މި އަހަރުގެ މެދުތެރޭގައި ތަހުގީގު އެއްކޮށް ނިންމައި ކޮމިޝަންގެ ހޯދުންތައް އެމަނިކުފާނަށް އެރުވުމަށް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ޓާގެޓު ހާސިލުކުރުމަށް ކޮމިޝަނުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން މެމްބަރުން ދެއްވައެވެ.

ބޮޑެތި މަރުތަކުގެ މުހިންމު މައުލޫމާތުތައް ކަމާބެހޭ މުއައްސަސާތަކުން ނަގާފައި ނެތްކަމަށާއި، އެ ރެކޯޑްތައް މިހާ ދުވަސް ފަހުން ލިބެން ނެތްކަމަށް ފާހަގަކޮށް، އެއީ ކޮމިޝަނަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. ވުމާއެކު، އަހަރުން އަހަރަށް އެ ގޮންޖެހުންތަކުން އަރައިގަނެ، ކޮމިޝަނުގެ ޒިންމާތައް އަދާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަކީ ރައްޔިތުންނަށްވެސް މިހާރަަށްވުރެ ބޮޑަށް ސާފުވާން ޖެހޭ ކަންކަމެވެ.

މިއަހަރުގެ މެދު ތެރޭގައި ރިލްވާނުގެ މައްސަލައިގެ ތަހުގީގު އެއްކޮށް ނިންމައި ރިޕޯޓު ރައީސަށް އެރުވުމަށް މަސައްކަތް ކުރަމުންދާއިރު، ރައީސް ވިދާޅުވެފައިވާގޮތަށް ކޮމިޝަނަށް އެ ޓާގެޓު ހާސިލު ކުރެވޭނެތޯވެސް ބައެއް ފަރާތްތަކުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

- ކޮމެންޓް