ފިތުރު ޢީދު ދުވަހު ޑިއުޓީ އަދާ ކުރާ ފަރާތްތަކަށް ދިރާގުން ޢީދު ސައި ދީފިއެވެ.
އެ ކުންފުނިން ވަނީ އީދު ދުވަހުގެ ހެނދުނު ފްރަންޓްލައިނުގައި މަސައްކަތް ކުރާ އެކި ދާއިރާތަކުގެ މީހުންނަށް ބޯކިބާ ބަހައިފައެވެ. މީގެ ތެރޭގައި ނޫސްވެރިންނާއި ފުލުހުންނާއި ސިފައިންނާއި ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އެމްޓީސީސީ އާއި ސްޓެލްކޯ އާއި އެމްޑަބްލައުއެސްސީ ފަދަ ތަންތަނުގެ މުވައްޒަފުން ހިމެނެއެވެ.
ދިރާގުން ބުނި ގޮތުގައި އެ ފަރާތްތަކަށް ޢީދު ސައި ދިނީ އާއިލާއާ ދުރުގައި ޢީދު ފަދަ ދުވަހެއްގައި ވެސް ޤައުމާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އަވަދިނެތި އުޅޭތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. އަދި ސައިގެ ގޮތުގައި ބޯކިބާ ބަހާފައިވަނީ އެއީ ޒަމާނުއްސުރެ ދިވެހިން ޢީދު ނަމާދު ނިންމާލުމަށްފަހު ސައި ބުއިމުގައި ބޭނުން ކުރާ އެއް ބާވަތަށް ވާތީ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.
ދިރާގުން ވަނީ އެ ކުންފުނިން ބަހާ ޢީދު ބޯކިބާ ހޯދުމުގެ ފުރުސަތު އާއްމުންނަށް ވެސް ހުޅުވާލައިފައެވެ. ޓްވިޓާގައި ހުޅުވާލި އެ ފުރުސަތުގައި ފަސް މީހަކަށް ވަނީ ބޯކިބާ ހަދިޔާކޮށްފައެވެ.