ކ. މާލެ
|
9 ޖޫން 2017 | ހުކުރު 02:59
ގަތަރުގެ ގައުމީ ދިދައާއެކު އެ ގައުމުގެ ރައްޔިތެއް
ގަތަރުގެ ގައުމީ ދިދައާއެކު އެ ގައުމުގެ ރައްޔިތެއް
ސަކްޝީ.ކޮމް
ގަތަރުގެ މައްސަލަ
މިހާބޮޑު ދެކޮޅުވެރި ކަމެއް ދުޝްމަނުންގެ ކިބައިންވެސް ނުދެކެން: ގަތަރުގެ ޚާރިޖީ ވަޒީރު
ބައެއްގެ ފިއްތުންތަކަށް ޚާރިޖީ ސިޔާސަތު ބަދަލެއް ނުކުރާނަން
ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައިވެސް ދެމިތިބޭކަށް ގަތަރަށް ދައްޗެއް ނެތް
ބައިނަލް އަގްވާމީ މުޖްތަމައުގެ ތާއީދު އެބައޮތް

ގަތަރަށް އަވައްޓެރި ގައުމުތަކުގެ ކިބައިން ފެނިގެން ދިޔަ ދެކޮޅުވެރި ކަމަކީ ދުޝްމަން ގައުމެއްގެ ކިބައިންވެސް ފެނިގެންނުދާނެ ފަދަ ކަމެއް ކަމަށް ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއް ރަހްމާން އަލް ތާނީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ގަތަރުގެ ވެރިރަށް ދޯހާގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ، ގަތަރުގެ ޚާރިޖީ ސިޔާސަތު  އޮތީ އަމާން ދޭ ގޮތައް ނޫން ކަމަށާއި، އަދި އަމާން ދޭން ދުވަހަކު ތައްޔާރު ނުވެސް ވާނެ ކަމަށާއި، ގަތަރުގެ ޚާރިޖީ ސިޔާސަތުގެ މިނިވަންކަން ދަމަހައްޓަވާނެ ކަމަށެވެ.

ގަތަރުން ޓެރަރިޒަމަށާއި ހައްދުފަހަނަ އަޅާ ދިއުމަށް މަދަދުވެރިވާ ކަމަށް ބުނެ ގަލްފްގެ އަރަބި ގައުމުތައް ކަމަށްވާ، ބަހްރޭން އާއި ސައޫދީ އަރަބިއްޔާ، މިސްރު އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސް އިން ވަނީ ގަތަރާ ގުޅުން ކަނޑާލާ ދަތި ކުރުމުގެ ފިޔަވަޅު އަޅާފައެވެ.

އެ ގައުމުތަކުން ގަތަރާ މެދު ކުރާ ތުހުމަތު ތަކަށް އެ ގައުމުން ގެންދަނީ އިންކާރު ކުރަމުންނެވެ.

ގަތަރުގެ ޚާރިޖީ ވަޒީރުގެ ވާހަކަފުޅު ރިޕޯޓު ކުރަމުން އަލްޖަޒީރާއިން ބުނެފައިވަނީ ތާއަބަދަށް ވިޔަސް ގަތަރަށް ދަތިކުރުމުގެ ފިޔަވަޅު ތައް ތަހައްމަލު ކުރުމުގައި ގަތަރަށް ދެމި އޮވެވިދާނެ ކަމަށް ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއް ރަހްމާން އަލް ތާނީ ދެކެވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ބައިނަލް އަގްވާމީ މުޖްތަމައުގެ ތާއީދު ގަތަރަށް އެބައޮތް ކަމަށާއި، ދަތި ކުރުމުގެ ފިޔަވަޅުތަކުން އަރައި ގަތުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ގަތަރުން އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގަތަރުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ގުޅުން ކަނޑާލި ގައުމުތަކުން ހުށަހަޅާ ކަންކަން އަދި އެނގިވަޑައިގެންފައި ނުވާ ކަމަށާއި މައްސަލަ ހައްލު ކުރަން ސުލްހަވެރި ގޮތްތައް އިސްކުރައްވާނެ ކަމަށެވެ.

 

"މި މައްސަލައަށް އަސްކަރީ ގޮތުން ދުވަހަކުވެސް ހައްލެއް ނުހޯދޭނެ" ގަތަރުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ތުރުކީގެ އިތުރު ސިފައިން ގަތަރަށް އައުމަށް ހަމަޖެހުމާ ގުޅޭ ގޮތުން ވިދާޅުވީ، އެއީ މުޅި ގަތަރުގެ ސަލާމަތައްޓަކައި އެ ގައުމުން ކުރާ ކަމެއް ކަމުގައެވެ.

މައްސަލަ އުފެދުމާއެކު އީރާނުން ވަނީ ގަތަރައް އެހީވުމަށް ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ. އެ ގޮތުން ކާބޯތަކެތި ގަތަރަށް ފޯރު ކޮށްދިނުމަށް އީރާނުގެ ތިން ބަނދަރެއް ބޭނުން ކުރުމުގެ ފުރުސަތު ގަތަރަށް ވަނީ ދީފައެވެ. މިހުށަހެޅުމަށް ގަތަރުން އަދި ވަކި ގޮތެއް ނުނިންމައެވެ.

ގަތަރުގެ ޚާރިޖީ ވަޒީރު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ޔުނައިޓެޑް އެރަބް އެމިރޭޓްސް އިން ސަރުކާރުގެ އޮފިޝަލުން ނާ ހަވާލާދީ، ގަތަރަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ އެ ގައުމުގެ ސިޔާސަތު ތައް ބަދަލު ކުރަން ޕްރެޝަރ ކުރުމުގެ ގޮތުން ކަން ހާމަ ކޮށްފައިވަނިކޮށްނެވެ.

މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ގަތަރާއި އަވައްޓެރި އަރަބި ގައުމުތަކާ ދެމެދު އުފެދިފައިވާ ރުޅިވެރިކަމަކީ ކުއްލިއަކަށް މެދުވެރިވި ކަމެއް ނޫނެވެ. މިއީ ކުރިންވެސް ފެށިފައިވާ ދެކޮޅުވެރިކަމެއްގެ ނަތީޖާ ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މިސްރުގެ ފުރަތަމަ ޑިމޮކްރަޓިކް ސަރުކާރު ގާއިމް ކުރި މުސްލިމް ބްރަދަހުޑް އަށް ގަތަރުން ކުރާ ތާއީދާ މެދު ހިތްހަމަ ނުޖެހިގެން 2014 ވަނަ އަހަރު ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް އިން ވަނީ އެގައުމުތަކުގެ ސަފީރުން ގައުމަށް އަނބުރާ ގެނެސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް