މައިލޯ އެފްއޭއެމް ވެޓަރެންސް ލީގުގެ ޗެމްޕިއަންކަން ހުޅުމާލެ ވެޓަރެންސް ޓީމުން ކާމިޔާބުކޮށްފިއެވެ.
ހުޅުމާލެ ވެޓަރެންސްއިން މުބާރާތް ކާމިޔާބުކުރީ ފައިނަލު މެޗުގައި ތަރިން ގިނަ މޯލްޑިވްސް ސޮކަރ މޭޓްސް ބަލިކޮށްގެންނެވެ. މިއަދު ހަވީރު އެފްއޭއެމްގެ އެއް ނަންބަރު ޓާފު ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 1-0 ންނެވެ. މިއީ ހުޅުމާލެ ވެޓަރެންސްއިން މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މި ދެޓީމުވެސް ފައިނަލަށް ދަތުރުކުރީ ލީގު ބުރުގެ އެއްވެސް މެޗަކުން ބަލި ނުވެއެވެ. ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީވެސް ޗެމްޕިއަން ހުޅުމާލެ ވެޓަރެންސްއިންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ނަމަވެސް ފޯރިގަދަކޮށް ފެނުނު ފުރަތަމަ ހާފުގައި ދެޓީމުންވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތު ތަކެއް ތަނަވަސްކުރިއެވެ. ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ވަރުބަލި ކުޅުމެކެވެ. މެޗުން މޮޅުވި ލަނޑު 48 ވަނަ މިނެޓުގައި ހުޅުމާލެ ވެޓަރެންސްއަށް ކާމިޔާބުކޮށްދިނީ އިސްމާއިލް މުހައްމަދު (އިއްސެ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ އިއްސެއެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ކާމިޔާބުކުރީ ހުޅުމާލެ ވެޓަރެންސްގެ ކެޕްޓަން އިއްސެއެވެ. މުބާރާތުގައި އޭނާ 8 ލަނދު ޖެހިއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ހުޅުމާލެ ވެޓަރެންސް ޓީމުގެ ކޯޗު އަހުމަދު ނިޔާޒު (ނިޔާ) އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކީ ހުޅުމާލެ ޓީމުގެ ކީޕަރު ނާނީއެވެ. ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ މުބާރާތުގައި އަލަށް ބައިވެރިވި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.