ސްރީލަންކާއިން ދަރަނި ދައްކަންޖެހޭ އެންމެނާ ދޭތެރޭ ގެންގުޅޭނީ އެއް އުސޫލެއް ކަމަށް އެގައުމުގެ ސެންޓްރަލް ބޭންކުން ބުނެފިއެވެ.
ސްރީލަންކާގެ ސެންޓްރަލް ބޭންކްގެ ގަވަރުނަރު ނަންދަލަލް ވީރަސިންގް ވަނީ އެގައުމުން ގައުމުތަކަށް ދައްކަންޖެހޭ ދަރަނި އަނބުރާ ދެއްކުމުގައި ގެންގުޅޭނީ އެއް އުސޫލެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސޮވްރިން ބޮންޑް ހޯލްޑަރުން ވިޔަސް ޗައިނާ ނުވަތަ ޖަޕާން ވިޔަސް އެގައުމުން އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށާއި ދަރަނިތައް އަނބުރާދެއްކުމުގައި ގެންގުޅޭނީ ހަމަ އެއް އުސޫލެއް ކަމަށް ވިދާޅުވިއެވެ.
އޭނާ ވަނީ ދަރަނިތައް އަނބުރާ ދެއްކޭނެ ގޮތެއް މަގުފަހި ކުރުމަށް މަޝްވަރާތައް ކުރުމަށް ދަރަނި ދައްކަންޖެހޭ ގައުމުގެ އެއްބާރުލުން ބޭނުންވާ ކަމަށާއި އެއްބާރުުލުން ނުލިބި މިކަން ދިގުދެމިގެން ގޮސްފި ނަމަ އެގައުމަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވެގެންދާނެ ކަމަށް ފާހަގަކުރައްވާފައެވެ.
ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އައިއެމްއެފްއާ އެކު ކުރެވެމުންދާ މަޝްވަރާތަކުގެ ކުރިއެރުންތައް ފެންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.
ގަވަރުނަރު ނަންދަލަލް ވަނީ އެގައުމުން މިހާރުވެސް ބައެއް ބޮންޑް ތަކުގެ ކޫޕަން ރިޕޭމެންޓްސް ނުދެއްކި ގޮސްފިކަމަށާއި އައިއެމްއެފްއާ އެކު ކުރެވޭ މަޝްވަރާތަކުގެ ދަށުން ބްރިޖް ލޯނެއް ހޯދުމުގެ މަސައްކަޔް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
ކޮވިޑް-19ގެ ސަބަބުން އިގުތިސާދަށް އައި ލޮޅުމާ އަދި ސަރުކާރުން ނަގަމުންދިޔަ ޓެކްސްތައް މަދުކުރުމުގެ ސަބަބުން ސްރީލަންކާ ސަރުކާރުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެގެން ދިޔައެވެ. މިއާއެކު ބޭރުގެ ފައިސާ ލިބުން މަދުވެ، ފޮރިން ރިޒަރވް އެއްކޮށްހެން ހުސްވެގެން ދިޔައެވެ.