ކ. މާލެ
|
30 އޭޕްރިލް 2022 | ހޮނިހިރު 15:02
ގޭންގް ކުށްތައް ގިނަވެ، އިކުއެޑޯގައި ކުއްލި ހާލަތު އިއުލާނުކުރުން
ގޭންގް ކުށްތައް ގިނަވެ، އިކުއެޑޯގައި ކުއްލި ހާލަތު އިއުލާނުކުރުން
ގެޓީ އިމޭޖަސް
އިކުއެޑޯގައި ކުއްލި ހާލަތު
ގޭންގް ކުށްތައް ގިނަވެ، އިކުއެޑޯގައި ކުއްލި ހާލަތު އިއުލާނުކޮށްފި
ރައީސް ވަނީ އެ ގައުމުގެ 3 ޕްރޮވިންސެއްގައި ކުއްލި ހާލަތު އިއުލާނުކުރައްވާފައި
މަގުތައް ބެލެހެއްޓުމުގައި 4000 ފުލުހުންނާއި، 5000 ސިފައިން ހަރަކާތްތެރިވާނެ
ކުށްކުރާ މީހުން ގައުމުގެ އަމާންކަން ނަގާލުމަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ

ގޭންގް ކުށްތައް ގިނަވެ، އިކުއެޑޯގައި ކުއްލި ހާލަތު އިއުލާނުކޮށްފިއެވެ.

އިކުއެޑޯގައި ގޭންގް ކުށްތައް އިތުރުވެ، މީހުން މެރުމުގެ މައްސަލަތައް ގިނަވެފައިވާތީ އެ ގައުމުގެ ރައީސް ވަނީ އެ ގައުމުގެ 3 ޕްރޮވިންސެއްގައި ކުއްލި ހާލަތު އިއުލާނު ކުރައްވާފައެވެ. އެއީ ގުއަޔާސް، މަނާބީ އަދި އެސްމަރަލްދަސްގައެވެ.

ރިޕޯޓުތައް ބުނާގޮތުން، އެ 3 ޕްރޮވިންސްގައި ކާފިއު އިއުލާނުކޮށް، ފުލުހުންނާއި ސިފައިން މަގުތަކުގައި ހަރަކާތްތެރިވާނެއެވެ. އަދި މަގުތަކުގެ އަމަން ބެލެހެއްޓުމަށް ސަލާމަތީ ބާރުތަކުން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

މިއީ ރައީސް ގިލާމޯ ލާސޯގެ ވެރިކަމުގައި، ގޭންގް ކުށްތައް ގިނަވުމުގެ ސަބަބުން ކުއްލި ހާލަތު އިއުލާނުކުރާ ދެވަނަ ފަހަރެވެ.

އެ ގައުމުގެ ރައީސް ލާސޯއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން، މަގުތައް ބެލެހެއްޓުމުގައި 4000 ފުލުހުންނާއި 5000 ސިފައިން ހަރަކާތްތެރިވާނެއެވެ. އަދި ކާފިއު ހިންގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 23:00ން ފަތިހު 5:00އަށެވެ. އޭނާ ވިދާޅުވާގޮތުގައި ކުށްކުރާ މީހުން ގައުމުގެ އަމާންކަން ނަގާލުމަށް އެއްވެސް ފުރުސަތެއް ނުދެއްވާނެއެވެ.

ރައީސް ލާސޯ ވިދާޅުވާ ގޮތުގައި އެ ގައުމުގައި ގޭންގް ކުށްތައް އިތުރުވަމުން އަންނަ މައިގަނޑު ސަބަބަކީ ޑްރަގްގެ ވިޔަފާރި ފުޅާވަމުން ދިއުމެވެ. އެގޮތުން އިކުއެޑޯއަކީ ޕެރޫއާއި ކޮލަމްބިއާއިން ގެންނަ މަސްތުވާތަކެތި އެތެރެކުރުމަށް ބޭނުންކުރާ ޓްރާންސިޓް ރޫޓެއްކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

ވަކިން ޚާއްސަކޮށް، މެކްސިކޯގެ ނަން މަޝްހޫރު ގޭންގުތައްވެސް އިކުއެޑޯގެ ގޭންގުތަކާ ގުޅިގެން އޮޕަރޭޓް ކުރާކަމަށްވެއެވެ.

އިކުއެޑޯއަކީ ތާރީޚުގައިވެސް އެންމެ ނުރައްކާތެރި ޖަލުތަކުގެ ހަމަނުޖެހުން ހިނގާފައިވާ އެއް ގައުމުކަމަށް ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އެ ގައުމުގެ ޖަލެއްގައި ހިނގި ހަމަނުޖެހުމެއްގައި 119 ގައިދީއަކު މަރުވެފައިވާއިރު، އޭގެ ދެ މަސްފަހުން އަނެއްކާވެސް ހަމަނުޖެހުމެއް ހިނގައި އިތުރު 68 ގައިދީއަކު މަރުވިއެވެ.

އޭރު ރައީސް ލާސޯ 60 ދުވަހުގެ ފުރަބަންދެއް އިއުލާނު ކުރެއްވި ނަމަވެސް، ފަހުން ދިމާވި ގާނޫނީ ހުރަސްތަކެއްގެ ސަބަބުން އެ މުއްދަތު 30 ދުވަހަށް ކުޑަކުރެއްވިއެވެ.

- ކޮމެންޓް