މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓަރެންސް ލީގު ކާމިޔަބު ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް ހުޅުމާލެ ވެޓަރެންސް ޓީމުގެ ކޯޗު އަހުމަދު ނިޔާޒު ބުނެފިއެވެ.
މާދަމާ އޮންނަ ފައިނަލު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިޔާ ބުނީ އިދިކޮޅުން ކުޅެން ނިކުންނަ ޓީމު ލީގު ބުރުގެ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރި ނަމަވެސް މުބާރާތް ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. މިކަމަށް ހިތްވަރު ލިބެނީ މުބާރާތުގައި ކުޅުންތެރިން ދައްކާފައިވާ ކުޅުމުން ކަމަށް ނިޔާ ފާހަގަކުރިއެވެ. މުބާރަތުގެ އެއްވެސް މެޗަކުން ބަލިނުވެ ހުޅުމާލެ ވެޓަރެންސް ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައެވެ.
ފައިނަލަށް ދިއުމުގެ ދަތުރު ފަސޭހަ. އެކަމަކު ފައިނަލް ފަސޭހައެއް ނުވާނެ. ސޮކަރ މޭޓްސްއަކީވެސް ސީނިއަރ ގިނަ ކުޅުންތެރިންތަކެއް ތިބި ޓީމެއްހުޅުމާލެ ވެޓަރެންސް ޓީމުގެ ކޯޗު އަހުމަދު ނިޔާޒު
އިދިކޮޅު ޓީމުގައިވެސް ފާހަގަކުރެވޭ މޮޅެތި ކުޅުންތެރިންތަކެއް ތިބުމުން ފަައިނަލް މެޗު ފަސޭހަ ނުވާނެކަން ފާހަގަކޮށް ނިޔާ ބުނީ އެކަމަކު މިއީ އެޓީމަށް މޮޅުވެވޭނެ މެޗެއް ކަމަށެވެ.
ފައިނަލުގައި ދެން ވާދަކުރާ މޯލްޑިވްސް ސޮކަރ މޭޓްސްގެ ކެޕްޓަންވެސް ފާހަގަކުރި ފަދައިން ހުޅުމާލެ ވެޓަރެންސްގެ ކެޕްޓަން އިސްމާއިލް މުހައްމަދު (އިއްސެ) ބުނީ ފިޓްނެސްގެ މައްސަލަ ވަރަށް ބޮޑަށް ކުޅުންތެރިންނަށް ދިމާވާ ކަމަށެވެ. ޚާއްސަކޮށް ރޯދަމަހު ދުވާލު ގަޑީގައި މެޗުތައް ކުޅެން ޖެހުމުން ގިނަ ދަތިތަކެއް ހުރިކަން ފާހަގަކޮށް އިއްސެ ވަނީ މުބާރާތް ރޭގަނޑު ބާއްވާނަމަ މި މައްސަލައަށް ހައްލެއް ލިބޭނެކަމަށް ބުނެފައެވެ.
އިއްސެ ބުނީ މިފަހަރުގެ މުބާރާތުގައި އެންމެ ރަނގަޅަށް ކުޅުނު އެއްޓީމަކީ ދަ ގްރާންޑޭ ކަމަށެވެ. ނަމަވެސް ފައިނަލުގައި ވާދަކުރާ ސޮކްރ މޭޓްސް ޓީމުގައިވެސް ތަޖުރިބާކާރު މޮޅެތި ކުޅުންތެރިން ތިބިކަން ފާހަގަކޮށް އިއްސެ ބުނީ މެޗަށް ނިކުންނާނީ އެޓީމަށް ފުރިހަމަ އިހްތިރާމް ދީގެން ކަމަށެވެ.
ކޯޗު ނިޔާ ބުނީ އެޓީމުގެ އަލީޝަމީމް (ކޮއެރޭ) އަށް މުބާރާތުގެ ކުރީކޮޅުގައި އަނިޔާވުމަކީ ދިމާވި ބޮޑު ގޮންޖެހުމެއް ކަމަށެވެ. ކޮއެރޭއަކީ ވެޓަރެންސް ލީގުގައި މީގެ ކުރިންވެސް އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވާ އެއް ކުޅުންތެރިޔާއެވެ. މާދަމާ އޮންނަ ފައިނަލް މެޗުގައިވެސް އޭނާއަށް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އެހެންކަމުން ޓީމުގެ ކުރި ރަނގަޅު ކުރުމަށްޓަކައި މަޖީދުގެ ބޭނުން ހިފޭނެކަމަށް ނިޔާ ބުންނެވެ. މިއީ މަޖީދު މިފަހަރުގެ މުބާރާތުގައި ކުޅޭނެ ފުރަތަމަ މެޗެވެ.
ރާއްޖޭގެ އުމުރުން ދުވަސްވީ ކުޅުންތެރިންނަށް ޚާއްސަކޮށްގެން މި މުބާރާތް ބާއްވަމުން އަންނާތީ ހުޅުމާލެ ވެޓަރެންސް ޓީމުގެ ކެޕްޓަން އިއްސެ ވަނީ އެކަން ފާހަގަކޮށްފައެވެ.
އަސްލު ވަރަށް ރަނގަޅު ކޮންމެ އަހަރަކު މިމުބާރާތް މިގޮތަށް ބާއްވާތީވެ. ދެން ރޯދަމަހު ދުވާލަށްވުރެ ރޭގަނޑު މުބާރާތް ބާއްވާނަމަ އަދި ކުޅުން ތަންކޮޅެއް ރަނގަޅު ކޮށްލެވުނީސްހުޅުމާލެ ވެޓަރެންސްގެ ކެޕްޓަން އިސްމާއިލް މުހައްމަދު (އިއްސެ)
މި މުބާރާތުގެ ސަބަބުން ކުޅުންތެރިންގެ ފިޓްނެސް ރަނގަޅަށް ބެހެއްޓުމަށްވެސް ވަރަށް ބޮޑަށް ހިތްވަރު ލިބިގެންދާކަމަށް ކޯޗު ނިޔާ ބުންޏެވެ. ނިޔާ ބުނީ މިފަހަރުގެ މުބާރާތުގައި އޭނާވެސް ކުޅެން ބޭނުންވިކަމަށާއި، ނަމަވެސް ކޯޗެއްގެ ގޮތުގައި ފެނުނީ އެކަށިގެންވާ ވަރަށް ފަރިތަކުރުންތަކުގައި ބައިވެރި ނުވެވުމުން ކަމަށެވެ. ނަމަވެސް މިއަންނަ އަހަރުގެ މުބާރާތުން އޭނާވެސް ފެނިދާނެކަމަށް ބުންނެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު 16:15 ގައި އެފްއޭއެމްގެ އެއްނަންބަރު ޓާފް ދަނޑުގައެވެ.