ވެޓަރެންސް ލީގުގެ ފައިނަލް މެޗަށް ނިކުންނައިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގަވައިދުން ކުޅެން ނުދެވުން ކަމަށް މޯލްޑިވްސް ސޮކަރ މޭޓްސްގެ ކެޕްޓަން އައްސަދު އަބްދުލްޣަނީ ބުނެފިއެވެ.
މާދަމާ ހަވީރު އޮންނަ ވެޓަރެންސް ލީގުގެ ފައިނަލް މެޗުގެ ކުރިން އައްސަދު ބުނީ ރަސްމީކޮށް ކުޅުން ހުއްޓާލުމަށްފަހުވެސް ގަވައިދުން ފުޓްބޯޅަ ކުޅެމުން އައި ކަމަށެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން ގާތްގަނޑަކަށް ތިން އަހަރު ނުކުޅެ ހުރެފައި އަލުން ކުޅެން ފެށީ މި މުބާރާތާއި ދިމާކޮށް ކަމަށެވެ. އެހެންކަމުން ކުޅުންތެރިންނަށް ފިޓްނަސްގެ މައްސަލަ ވަރަށް ބޮޑަށް ދިމާވާކަން އައްސަދު ފާހަގަކުރިއެވެ. އަދި ބައެއް ކުޅުންތެރިން އަލުން ކުޅެންފެށީ ސީދާ މުބާރާތަށްކަން ފާހަގަކޮށް އައްސަދު ބުނީ ރަނގަޅަށް ފަރިތަކުރުން ކުރިއަށް ނުގެންގޮސް މުބާރާތް ކުޅޭތީ އުމުރުން ދޮށިވުމުގެ ސަބަބުން އަނިޔާގެ މައްސަލަތައް ވަރަށް ގިނަ ކަމަށެވެ.
އަޅުގަނޑުމެންނަށް ދިމާވާނެ ހަމަ އެންމެ ބޮޑު އުނދަގުލަކަށް ވެގެންދާނީ ގަވައިދުން މީގެ ކުރީގައި އަޅުގަނޑުމެން ކުޅެމުން އައި ކުޅުން ހުއްޓިފައި އޮވެފައި ހަމައެކަނި މުބާރާތަށް ކުޅެން ޖެހުމުންމޯލްޑިވްސް ސޮކަރ މޭޓްސްގެ ކެޕްޓަން އައްސަދު އަބްދުލްޣަނީ
މީގެ ކުރިން ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައިވާ ސޮކަރ މޭޓްސްގެ ކެޕްޓަން އައްސަދު ބުނީ ފައިނަލަށް ނިކުންނައިރު ހުރިހާ ގޮތަކުންވެސް ފައިދާ ބޮޑީ އިދިކޮޅު ޓީމަށް ކަމަށެވެ. ނަމަވެސް ފައިނަލަށް ނިކުންނާނީ މެޗު ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލާލަން ކަމަށް އައްސަދު ބުންޏެވެ.
ސޮކަރ މޭޓްސް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ލީގު ބުރުގެ އެއްވެސް މެޗަކުން ބަލިނުވެއެވެ. ނަމަވެސް ބައެއް މެޗުތަކުގައި ޓީމުގެ ފަރާތުން އުންމީދުކުރި ވަރުގެ ނަތީޖާއެއް ނުފެނުމުން ސަޕޯޓަރުންވެސް އެކަމާއި ސުވާލު އުފެއްދިކަމަށް އައްސަދު ބުންޏެވެ. އައްސަދު ބުނީ މިގޮތަށް ދިމާވީ އިދިކޮޅު ޓީމަކީ މާ ބަލި ޓީމެއްކަމަށް ހީކޮށްގެން މެޗަށް ނިކުމެވުމާއި ހުރިހާ ކުޅުންތެރިންނަށް ފުރުސަތުދޭން ބޭނުން ވުމުން ކަމަށެވެ.
އިދިކޮޅުން ކުޅެން ނިކުންނަ ޓީމެއްގައި އަބަދުވެސް މިއުޅެނީ އެއްކޮށް ކުޅެން އުޅޭ މީހުން. އެހެންވެ އެކޮލުން ނިކުންނަ ޓީމަކީ މާ ބަލިޓީމެއްކަމަށް ބައެއްްފަހރު ހީކުރެވިފައިވެސް އެބައޮތް.މޯލްޑިވްސް ސޮކަރ މޭޓްސްގެ ކެޕްޓަން އައްސަދު އަބްދުލްޣަނީ
މި މެޗާއި ގުޅޭގޮތުން ސޮކަރ މޭޓްސްގެ ކޯޗު އަހުމަދު މުހައްމަދު (އަންމަޑޭ) ބުނީ މާދަމާ ކުޅޭ ފައިނަލު މެޗަކީ މިފަހަރުގެ މުބާރާތުގައި ކުޅޭނެ އެންމެ ފޯރިގަދަ މެޗަށް ވާނެ ކަމަށެވެ. ފައިނަލަށް ނިކުންނައިރު އޮތް އެންމެ ބޮޑު ހުރަހަކީ ހުރިހާ ގޮތަކުންވެސް އިދިކޮޅު ޓީމަށް ފައިދާ ބޮޑުވުން ކަމަށް އަންމަޑޭ ބުންޏެވެ. ނަމަވެސް ޓީމު ނިކުންނާނީ މެޗުން ފުރިހަމަ ކާމިޔާބީ ހޯދަންކަން އޭނާވެސް ފާހަގުރިއެވެ.