ކ. މާލެ
|
28 އޭޕްރިލް 2022 | ބުރާސްފަތި 20:01
ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އިދިކޮޅުން ދަނީ ތައްޔާރުވަމުން
ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އިދިކޮޅުން ދަނީ ތައްޔާރުވަމުން
ގޫގުލް
ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ
ރައީސް ގޮތަބަޔާގެ އިތުބާރުނެތްކަމުގެ ވޯޓު ނަގަން ހުށަހަޅަނީ
ލަންކާގެ ސިޔާސީ ޕާޓީ، ޔޫ.އެން.ޕީން ވެސް ޓަމިލް ނެޝަނަލް އެލަޔަންސްގެ މި ނިންމުމަށް ތާއީދުކުރާކަން ވަނީ ހާމަކޮށްފައި
ސުމަންތިރިއަން ވިދާޅުވީ، ދެން މަޖިލީސް ހުޅުވޭ ދުވަހު ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓު ނަގަން ހުށަހަޅާނެ ކަމަށް
ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓުނަގަން ތައްޔާރުވެފައިވާކަމަށް ލަންކާގެ ޓަމިލް ނެޝަނަލް އެލަޔަންސްގެ މަޖިލިސް މެމްބަރު އެމް.އޭ. ސުމަންތިރިއަން ވަނީ ވިދާޅުވެފައި

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިތުބާރުނެތްކަމުގެ ވޯޓުނަގަން ތައްޔާރުވެފައިވާކަމަށް އެގައުމުގެ ޓަމިލް ނެޝަނަލް އެލަޔަންސްގެ މަޖިލިސް މެމްބަރު އެމް.އޭ. ސުމަންތިރިއަން ވިދާޅުވެއްޖެއެވެ.

ލަންކާގެ ނޫހެއްގައި ރިޕޯޓުކޮށްފައިވާގޮތުން، ސުމަންތިރިއަން ވަނީ ދެން މަޖިލީސް ހުޅުވޭ ދުވަހު ރައީސް ގޮތަބަޔާގެ އިތުބާރުނެތްކަމުގެ ވޯޓު ނަގަން ހުށަހަޅާނެކަމަށް ވިދާޅުވެފައެވެ.

އެނޫހުން ވަނީ ލަންކާގެ ސިޔާސީ ޕާޓީ ޔޫ.އެން.ޕީން ވެސް ޓަމިލް ނެޝަނަލް އެލަޔަންސްގެ މި ނިންމުމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. ރައީސްގެ އިތުބާރުނެތްކަމާ ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ސޮއި ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި، 113 މެމްބަރުންގެ ވޯޓު މިކަމަށް ލިބިއްޖެ ނަމަ ގާނޫނީ ގޮތުން ރައީސް މަގާމުން ވަކިނުކުރެވުނު ނަމަވެސް މަޖިލީހުގެ ތާއީދު ރައީސަށް ގެއްލިފައިވާކަން ކަށަވަރުވާނެކަން އެނޫޙުން ފާހަގަކުރެއެވެ. އަދި މިއާއެކު މަގާމުން އިސްތިއުފާދެއްވުމަށް ރައީސަށް ކުރިމަތިވެފައިވާ ޕްރެޝަރު އިތުރުވާނެ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ލަންކާގެ ނޫހުން ރިޕޯޓުކޮށްފައިވާގޮތުން ޖޭ.ވީ.ޕީގެ މެމްބަރުންވެސް ރައީސްގެ އިތުބާރުނެތްކަމަށް އެއްބަސްވެ ސޮއިކުރައްވާނެއެވެ. އަދި މިކަމާގުޅިގެން ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންނާވެސް މަޝްވަރާކުރުމަށް މަސައްކަތްކުރާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމުގެ މަޝްވަރާތައް ކުރަމުންދިޔަ ނަމަވެސް އެމަނިކުފާނު ވަނީ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ލަންކާގެ ރައީސް ގޮތަބަޔާ ވަނީ މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ ސަރުކާރެއް އެކުލަވާލުމަށް މަޝްވަރާކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައެވެ. އެގޮތުން ވަގުތީ ސަރުކާރެއް އެކުލަވާލުމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު މި ހުކުރު ދުވަހު މަޝްވަރާތައް ފަށާނެކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.

ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްވެސް އިދިކޮޅުން މަސައްކަތްކުރިއެވެ. ނަމަވެސް ލަންކާގެ ނޫސްތަކުން ވަނީ އެކަން އިދިކޮޅަށް ކާމިޔާބުކުރެވޭގޮތް ވެފައި ނުވާކަމަށް ރިޕޯޓުކޮށްފައެވެ. ބޮޑުވަޒީރު މަހިންދަ ވަނީ އެމަނިކުފާނު މަގާމުން ވަކިކުރެވުނު ނަމަވެސް ދެންވެސް އަލުން މަގާމަށް ކުރިމަތިލައިފިނަމަ އަލުން މަގާމަށް ހޮވިވަޑައިގަންނަވާނެ ކަމަށާއި، މިހާރު އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލައި މަގާމުން ވަކިކުރުމަށް މަސައްކަތްކުރަމުންދާ މީހުންނަކީ މީގެ ކުރިންވެސް އެމަނިކުފާނަށް ތާއީދުކުރި މީހުން ނޫން ކަމަށް ވިދާޅުވެފައެވެ.

- ކޮމެންޓް