ކ. މާލެ
|
28 އޭޕްރިލް 2022 | ބުރާސްފަތި 17:13
ގދ.ތިނަދޫ
ގދ.ތިނަދޫ
ސޯޝަލް މީޑިއާ
ގދ ތިނަދޫގައި ހިންގާ ހައުސިންގ މަޝްރޫޢު
ގދ. ތިނަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ
ފައިސާ ބަލައިގަންނާނީ 8 މެއި އިން 26 މެއި އަށް
މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި އެއް މިލިއަން ފަންސާސްހާސް ރުފިޔާ ނުވަތަ އެއަދަދާއި އެއްވަރު އަދަދެއްގެ ޔޫ.އެސް.ޑޮލަރުން ހުށަހަޅަން ޖެހޭނެ
ބީލަން ހުޅުވުން އޮންނާނީ 30 މެއި ވާ ހޯމަ ދުވަހުގެ 10:00 ގައި ފިނޭންސް މިނިސްޓްރީގައި

ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ތިނަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދުމުގެ މަތިން މިމަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ހުޅުވާލާކަމަށެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް  500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 8 މެއި އިން 26 މެއި އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 14:00 އަށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  މެދުވެރި ކޮށެވެ. މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/1,050,000ރ (އެއް މިލިއަން ފަންސާސްހާސް ރުފިޔާ) ނުވަތަ އެޢަދަދާއި އެއްވަރު ޢަދަދެއްގެ ޔޫ.އެސް.ޑޮލަރުން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

ބީލަން ހުޅުވުން އޮންނާނީ 30 މެއި ވާ ހޯމަ ދުވަހުގެ 10:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް މިހާރުވެސް 14 ރަށެއްގައި 1575 ހައުސިންގ އެޅުމުގެ މަސައްކަތް، ޕްލޭނިންގ މިނިސްޓްރީން ފަށައިގެން ކުރިޔަށްގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ވިދާޅުވެފައެވެ.

އެންމެފަހުން ހައުސިންގ ޔުނިޓްތައް އެޅުމަށް ހުޅުވާލާފައިވަނީ އއ ރަސްދޫގައެވެ. އެއީ 50 ހައުސިންގ ޔުނިޓެވެ.

- ކޮމެންޓް