ކ. މާލެ
|
28 އޭޕްރިލް 2022 | ބުރާސްފަތި 14:56
ހައިކޯޓުގެ ފަނޑިޔާރު އަބްދުالله ހަމީދު އަދި އަބްދުއްރައޫފް އިބްރާހިމް
ހައިކޯޓުގެ ފަނޑިޔާރު އަބްދުالله ހަމީދު އަދި އަބްދުއްރައޫފް އިބްރާހިމް
ރާއްޖެއެމްވީ
ހައިކޯޓުގެ 2 ފަނޑިޔާރަކު ވަކިކުރުމުގެ މައްސަލަ
ފަނޑިޔާރު ރައޫފާއި ހަމީދު ވަކި ކުރަން ޖޭއެސްސީން ނިންމި ގޮތާމެދު ގިނަ ސުވާލުތަކެއް
ހުށަހެޅިފައިވާ މައްސަލައަކީ ކޮން މައްސަލައެއްކަން ސާފުވާން ޖެހޭ
މައްސަލަ ސާބިތު ނުވާކަމަށް ކޮމިޓީން ނިންމާފައި އޮއްވައި، އަލުން މައްސަލަ ބެލި
ތަހުގީގު ކޮމިޓީގެ ފުރަތަމަ ރިޕޯޓުގައި ބަޔާން ކޮށްފައިވަނީ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް

ހައިކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛް އަބްދުއް ރައޫފް އިބްރާހިމް އަދި އަލްއުސްތާޛް އަބްދުﷲ ހަމީދު ވަކި ކުރުމާމެދު ގޮތެއް ނިންމުމަށް ޖޭއެސްސީން ވަނީ މަޖިލީހަށް ފޮނުވާފައެވެ.

މި މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވާއިރު، ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީން ނިންމި ގޮތާމެދު ގިނަ ސުވާލުތަކެއްވެސް މިވަނީ ފެންމަތިވެފައެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ފަނޑިޔާރުންގެ ފަރާތުން ވަނީ ސިޓީއެއްވެސް ފޮނުއްވާފައެވެ. ޖުޑީޝަރީ ކޮމިޓީގައިވެސް އެ ސިޓީއާ ގުޅޭގޮތުން ވާހަކަ ދެކެވިފައިވާއިރު، ސިޓީގައި ބަޔާން ކޮށްފައިވާ ކަންކަން ސާފު ކުރުމަށް އެ ކޮމިޓީން ވަނީ ނިންމާފައެވެ.

ފަނޑިޔާރުންގެ ފަރާތުން ފާހަގަކުރައްވާ ގޮތުގައި އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކީ ކޮން މައްސަލައެއްކަން އެންގުމާއި، އެމައްސަލައިގެ ދިފާޢު ހުށަހެޅުމާއި، ދިފާޢު ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ލިބުމުގެ ޙައްޤަކީ ޢަދްލު އިންޞާފުގެ ހަމަތަކުން މައްސަލައެއް ބެލުމުގައި ކަށަވަރުކުރަންޖެހޭ އެންމެ އަސާސީ ކަންތައްތަކެވެ.

އެހެންނަމަވެސް، މި މައްސަލަ ޖޭއެސްސީން ފަހުން ނިންމާފައިވަނީ އެ ޙައްޤަށް އުނިކަން އަންނަ ގޮތަކަށް ކަމުގައި އެ ދެފަނޑިޔާރުން ވިދާޅުވެއެވެ.

މިއީ ކޮން މައްސަލައެއް؟

މިއީ، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުޙައްމަދު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމެއް ދެމެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމަށްފަހު، ހަމަ އެދުވަހު ފަނޑިޔާރު ޢަލީ ސަމީރު އޭރުގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ.މުޙައްމަދު މުޢިއްޒާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބައްދަލުކުރައްވައި, ސަރުކާރުން ދޫކުރި ފްލެޓްތަކެއް ޚާއްޞަ އަގުތަކެއްގައި ބައްލަވައިގަތުމުގެ މަޝްވަރާކޮށް، އެކޯޓުގެ ބައެއް ފަނޑިޔާރުންނަށް ޚާއްސަ އަގުތަކެއްގައި ފުލެޓް ލިބިފައިވާކަމަށް ބުނެ ކާކުކަން ނޭނގޭ ގޮތަށް ޖޭއެސްސީއަށް ހުށައެޅުނު މައްސަލައެކެވެ.

ފަނޑިޔާރު އަލީ ސަމީރު ވަނީ ދާދި ފަހުން އިސްތިއުފާ ދެއްވާފައެވެ.

ފުލެޓްތައް ލިބިފައިވަނީ އެބޭފުޅުންނަށް ހައުސިންގ އެލަވަންސްވެސް ލިބެމުން ދަނިކޮށް ކަމަށް އެ މައްސަލައިގައި ވަނީ ބުނެފައެވެ. ވުމާއެކު، ފަނޑިޔާރުންގެ ދިފާއު ބިނާކުރީވެސް އެ ކަންކަމުގެ މައްޗަށެވެ.

ޖޭއެސްސީން މި މައްސަލަ ބަލައި ނިންމި ގޮތުގެ އެންމެ ފަހުގެ ރިޕޯޓުގައި ބުނެފައިވަނީ، ފްލެޓް ދިނުމުގައި ބަލާ އާންމު އުސޫލުތަކުގެވެސް ބޭރުން ރައްޔިތުންގެ މަޖިލީހުގެވެސް ދައުރެއް ނެތި، ސީދާ އެ ފަނޑިޔާރުންނަށް ދިން އިނާޔަތެއްގެ ގޮތުގައި ފަނޑިޔާރު ރައޫފާއި، ފަނޑިޔާރު ހަމީދަށްވެސް ފްލެޓު ލިބިފައިވާ ކަމަށެވެ.

މި ދެ ފަނޑިޔާރުން ކޮށްފައިވާކަން ސާބިތުވާ އަމަލަކީ ޤާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ބަޔާންކުރާ ފަނޑިޔާރު ކަމުގެ މަގާމާ އެކަށީގެން ނުވާ އަމަލެއް ކަމަށް ބަޔާންކޮށް ޖޭއެސްސީން ވަނީ އެ ދެބޭފުޅުން ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމައި ދިނުމަށް އެދިލައްވާފައެވެ.

މިއީ ތަޙްޤީޤު ރިޕޯޓުގައި ބަޔާން ކޮށްފައިވާ މައްސަލައާ ތަފާތު މައްސަލައެއް؟

ފަނޑިޔާރުންގެ ފަރާތުން ފާހަގަކުރައްވާ ގޮތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނުގައި، އެބޭފުޅުންގެ މައްޗަށް ހުށަހެޅުނު މައްސަލަ ކަމަށް ބަޔާން ކޮށްފައިވަނީ ތަޙްޤީޤު ރިޕޯޓުގައި ބަޔާންކޮށްފައިވާ މައްސަލައާ މުޅިން ތަފާތު ކަމެކެވެ. އެގޮތުން ނޫސްބަޔާނުގައި އެ ކޮމިޝަނުން ގޮތް ނިންމި މައްސަލަ ކަމަށް ބަޔާން ކޮށްފައިވަނީ ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ޚާއްޞަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށާއި، އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ޤަޟިއްޔާއެއްގެ ޙުކުމް ކުރެއްވުމަށް ނިންމެވި ކަމަށް ތުހުމަތުކޮށް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ފަނޑިޔާރުން ވިދާޅުވާ ގޮތުގައި ޝަކުވާގެ ގޮތުގައި ހުށަހެޅުނު މައްސަލައާއި، އެ ކޮމިޝަނުން ބަލައި ފިޔަވަޅު އެޅުމަށް ނިންމި މައްސަލައަކީ މުޅިން ތަފާތު ދެ މައްސަލައެކެވެ.

ފަނޑިޔާރުންގެ މައްޗަށް ހުށައެޅުނު މައްސަލައަކީ ސަރުކާރުން ބޯހިޔާވަހިކަން ހޯދައިދިނުމަށް ގެންގުޅޭ އުސޫލާ ޚިލާފަށް، ޚާއްޞަ އަގެއްގައި ފުލެޓް ގަނެފައިވާ ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެއް ނޫނެވެ. އެފަދަ މައްސަލައެއް ތަޙްޤީޤު ކުރުމަށް ނިންމާފައިވާ ކަމަކަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އަންގާފައެއްވެސް ނުވެއެވެ.

މައްސަލަ ސާބިތުނުވާކަމަށް ނިންމާފައި އޮއްވައި، އަލުން މައްސަލަ ބެލުން:

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގެ ތަޙްޤީޤު ކޮމެޓީގެ ދެވަނަ ރިޕޯޓުގެ ނިންމުމުގައި، ހައިކޯޓަށް ކަނޑައެޅި 5 ފުލެޓްގެ ތެރެއިން ޝަކުވާ ރައްދުވާ 3 ފަނޑިޔާރުންނަށް ފްލެޓް ލިބިފައިވަނީ، ހައިކޯޓުގެ ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން ނޫންކަން ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވެއެވެ.

ތަޙްޤީޤު ކޮމިޓީން ފުރަތަމަ ތައްޔާރުކުރި ރިޕޯޓުގައި ފަނޑިޔާރު ރައޫފުއާއި ފަނޑިޔާރު ހަމީދުގެ މައްޗަށް ހުށަހެޅުނު މައްސަލަ ސާބިތު ނުވާކަމަށްވެސް އޮތީ ނިންމާފައެވެ.

އޭރު އެ މައްސަލަ ޖޭއެސްސީން ނިންމިއިރު ބުނެފައިވާ ގޮތުގައި، އަރަބިއްޔާ ކޮށިން އެ ދެ ފަނޑިޔާރުންނަށް ފުލެޓް ލިބިފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އަދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާ އެކުގައި މަޝްވަރާތަކެއް ކުރެވިގެންނެވެ.

މީގެ އިތުރުން، ޖޭއެސްސީއަށް ހުށައެޅުނު ޝަކުވާގައި ބުނާ މައްސަލައިގެ ޙުކުމް އިއްވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަނޑިޔާރުންނަށްވެސް އެ މަޝްރޫޢުގެ ދަށުން ފުލެޓް ލިބިވަޑައިގެންފައިވާކަން ޖޭއެސްސީން ފާހަގަ ކުރެއެވެ.

ފްލެޓާއި ގުޅޭ ހުށަހެޅުއްވުމުގައި ޢާންމު ރައްޔިތަކާ ތަފާތު ހެޔޮ އަގެއް ފުލެޓް އަގުގެ ގޮތުގައި ނެތްކަން ފާހަގަވާކަމަށްވެސް ޖޭއެސްސީން ފުރަތަމަ ނިންމި ރިޕޯޓުގައި ބުނެފައިވެއެވެ. ވުމާއެކު، ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ އިއްތިފާޤުން އޭރު ނިންމީ، ޤާނޫނު މަނާކުރާ އިނާޔަތެއް ބަލައިގަތް ކަމަށް ބަލާނެ ތަނެއް ނެތްކަމަށެވެ.

ތަހުގީގު ކޮމިޓީން އެގޮތަށް ނިންމުމަށްފަހު، ކޮމިޝަނުގެ ޖަލްސާއަށް ކޮމެޓީގެ ރިޕޯޓު ފޮނުވިއެވެ. އެހެންނަމަވެސް، ކޮމިޓީގެ ރިޕޯޓު ހުށަހެޅުމުން، އިތުރު ކަންތައްތަކެއް ސާފުކުރަންޖެހޭކަމަށް ފާހަގަކުރައްވައި، އެކަންތައްތައް ބެލުމަށް ކޮމިޓީއަށް ފޮނުވުމަށް ކޮމިޝަނުން އަނެއްކާވެސް ނިންމީއެވެ.

އެގޮތަށް ފޮނުވާފައިވަނިކޮށް އެކޮމިޓީގައި ހިމެނި ވަޑައިގަންނަވާ މެންބަރަކު އެކޮމިޓީން އިސްތިއުފާ ދެއްވިއެވެ. ވުމާއެކު، ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ މެންބަރަކު އެކޮމިޓީއަށް އައްޔަންކުރައްވައި ކޮމިޓީ އަނެއްކާވެސް އެކުލަވާލެއްވިއެވެ.

މީގެއިތުރުން، ތަޙްޤީޤު ކޮމިޓީން އެކުލަވައިލި ފުރަތަމަ ރިޕޯޓުގައި ކޮމިޓީން ނިންމާފައިވާ ނިންމުންތައް ބަދަލުކޮށް، ދެވަނަ ރިޕޯޓެއް އެކުލަވާލައި ގޮތް ނިންމާފައިވަނީ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީކަމަށް ފަނޑިޔާރުން ފާހަގަކުރައްވައެވެ.

އެއީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 29ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަމެއްކަމަށް އެ ފަނޑިޔާރުން ވިދާޅުވެއެވެ.

ތަޙްޤީޤު ކޮމިޓީން ފަނޑިޔާރާމެދު އަޅާނެ ފިޔަވަޅެއް ނިންމަންވާނީ ތަޙްޤީޤު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ ފަނޑިޔާރަށް ފުރުޞަތު ދިނުމަށްފަހުގައެވެ
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 29ވަނަ މާއްދާގެ (ހ)

މީގެ އިތުރުން، އޭރު ކަނޑައަޅާފައިވާ އުސޫލުން ވަރަށް ގިނަ ފަރާތްތަކުން ފްލެޓު ގަނެފައިވާއިރު، ހަމައެކަނި ހައިކޯޓުގެ ފަނޑިޔާރުން އެ ފުލެޓް ގަތުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއްކަމަށް ކަނޑައަޅާފައިވުމުންވެސް ވަނީ ސުވާލު އުފެދިފައެވެ. އެގޮތުން ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށްވެސް އެ އުސޫލުގެ މަތިން މީގެ ކުރިން ފްލެޓު ލިބިވަޑައިގެންފައިވެއެވެ.

އަދި އެއީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއްކަމަކަށް ވާނަމަ، ފަނޑިޔާރުންނަށް ހައުސިންގ ހަމަޖައްސައިދިނުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފުލެޓް ކޮމިޓީއެއް އެކުލަވާލައިގެން މަސައްކަތް ކުރާނެތޯވެސް ވަނީ ސުވާލު އުފެދިފައެވެ.

ކޮމިޓީން އަޅަން ނިންމި ފިޔަވަޅު ޖޭއެސްސީން ބަދަލުކޮށް، އެންމެ ހަރުކަށި ފިޔަވަޅު އަޅަން ނިންމުން:

ތަހުގީގު ކޮމިޓީގެ ފުރަތަމަ ރިޕޯޓުގައި ބަޔާން ކޮށްފައިވަނީ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށެވެ. އަދި ފަހުން އެކުލަވާލި ކޮމިޓީން ނިންމީ މައްސަލަ ސާބިތުވާ ކަމަށާއި، ފަނޑިޔާރު ރައޫފުގެ މަޤާމު ދަށް ކުރެއްވުމަށެވެ. އަދި ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމީ ފަނޑިޔާރު ހަމީދު 14 ދުވަހަށް ސަސްޕެންޑް ކުރުމަށެވެ.

އެހެންނަމަވެސް، ކޮމިޓީން އަޅަން ނިންމި ފިޔަވަޅުވެސް ބަދަލުކޮށް، އެއަށްވުރެ ހަރުކަށި ފިޔަވަޅެއް އެޅުމަށް ޖޭއެސްސީން ނިންމާފައިވާ ސަބަބާއި ގުޅޭގޮތުން ޖުޑީޝަރީ ކޮމިޓީގެ މެމްބަރުންވެސް ސުވާލު އުފައްދަވާފައިވެއެވެ. އެއީ ކޮން ހަމައަކުން ނިންމާފައިވާ ނިންމުމެއްތޯ ސާފު ކުރުމަށް ޖުޑީޝަރީ ކޮމިޓީންވެސް ވަނީ ނިންމަވާފައެވެ. އެއަށްވުރެ ހަރުކަށި ފިޔަވަޅެއް އެޅުމަށް ޖޭއެސްސީން ނިންމާފައިވާ ސަބަބާއި ގުޅޭގޮތުން ޖުޑީޝަރީ ކޮމިޓީގެ މެމްބަރުންވެސް ސުވާލު އުފައްދަވާފައިވެއެވެ. އެއީ ކޮން ހަމައަކުން ނިންމާފައިވާ ނިންމުމެއްތޯ ސާފުކުރުމަށް ޖުޑީޝަރީ ކޮމިޓީންވެސް ވަނީ ނިންމަވާފައެވެ.

މީގެ ކުރިން ތަޙްޤީޤު ކޮމިޓީގެ އިއްތިފާޤުން ނިންމައިގެން މެނުވީ، ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައެއް ނުވެއެވެ. ވީއިރު މި މައްސަލައިގައި ޖޭއެސްސީން ތަފާތު ގޮތަކަށް އަމަލު ކުރަމުންދަނީ ކީއްވެތޯވެސް ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

- ކޮމެންޓް