ކ. މާލެ
|
27 އޭޕްރިލް 2022 | ބުދަ 14:11
ޓިކްޓޮކް ޗެލެންޖް
ޓިކްޓޮކް ޗެލެންޖް
މިނިސްޓްރީ އޮފް ޓޫރިޒަމް
ނަލަ ނަލަ ރާއްޖެ ވީޑިއޯ ޗެލެންޖް
ނަލަ ނަލަ ރާއްޖެ ވީޑިއޯ ޗެލެންޖުގެ މުއްދަތު އިތުރުކޮށްފި
މިޗެލެންޖް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 12 މާރިޗް އިން 30 ޖޫންގެ ނިޔަލަށް

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރުގެ މުނާސަބަތުގައި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ވެބްސައިޓްގައި އިޢުލާނުކޮށްފައިވާ "ނަލަ ނަލަ ރާއްޖެ ވީޑިއޯ ޗެލެންޖު" ގެ މުއްދަތު އިތުރުކޮށްފިއެވެ.

މި ޗެލެންޖްގެ މަޤްސަދަކީ، އިންސްޓަގްރާމް، ފޭސްބުކް އަދި ޓިކްޓޮކްގެ ޒަރިއްޔާއިން 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރުގެ ތީމްލަވަ އިޝްތިހާރުކުރުމެވެ. ހުރިހާ އުމުރުފުރާއަކަށް ހުޅުވައިލައިގެން ކުރިއަށްގެންދާ މިޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންގެ އިތުރުން ބޭރުގެ ފަރާތްތަކަށްވަނީ ހުޅުވާލެވިފައެވެ. މިގޮތުން، މިޗެލެންޖުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 60 ސިކުންތަށް ވުރެ ދިގުނޫން ވީޑިއޯއެއް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓިކްޓޮކް މެދުވެރިކޮށް ޙިއްސާކުރެވިދާނެއެވެ.

އަދި މިއިން ކޮންމެ ވީޑިއޯއެއްގައި ޗެލެންޖަށް ޚާއްޞަކުރެވިފައިވާ ހޭޝްޓެގްތައް ހިމަނާ، މިނިސްޓްރީއިން ދީފައިވާ އޮފިޝަލް އެކަންޓުތައް ޓެގް ކުރަންވާނެއެވެ. މިޗެލެންޖް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 12 މާރިޗް އިން 30 ޖޫންގެ ނިޔަލަށެވެ. މި ޗެލެންޖާއި ބެހޭ އިތުރު މަޢުލޫމާތާއި ގައިޑްލައިން މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ.

ޓިކްޓޮކް ޗެލެންޖުގައި ބައިވެރިވާ މީހުންނަށް ވަރަށް ޚާއްސަ އަގުހުރި އިނާމްތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން ދިވެހިންގެ ކެޓަގަރީގައި 10،000ން މަތިން ފޮލޯވަރުން, އަދި 10،000ން ދަށުން ފޮލޯވަރުން ލިބޭ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް އަންނަ ކޮންމެ ފަރާތަކަށް 25000، ދެވަނައަށް އަންނަ ފަރާތްތަކަށް 15000, އަދި ތިންވަނައަށް އަންނަ ފަރާތްތަކަށް 10000 ރުފިޔާގެ ފައިސާގެ އިނާމްވަނީ ހުށަހަޅާފައެވެ. މި ޗެލެންޖްގައި ރާއްޖޭން ބޭރުން ބައިވެރިވާ މީހުންގެ ކެޓަގަރީގައި 1 މިލިއަނުން މަތިން ފޮލޯވަރުން, އަދި 1 މިލިއަނުން ދަށުން ފޮލޯވަރުން ލިބޭ ފަރާތްތަކުގެ އެއް ވަނައަށް އަންނަ ކޮންމެ ފަރާތަކަށް 8 ދުވަހުގެ ހޮލިޑޭ ޕެކޭޖެއް (2 މީހަކަށް), އަދި ދެވަނައަށް އަންނަ ފަރާތްތަކަށް 5 ދުވަހުގެ ހޮލިޑޭ ޕެކޭޖެއް (2 މީހަކަށް) ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ޗެލެންޖުގައި ބައިވެރިވާ މީހުންނަށް މާކްސް ދިނުމަށްޓަަކައި ޚާއްސަ ޖަޖުންގެ ޕެނަލެއް ހިމެނޭ ކަމަށެވެ. އެގޮތުން އެންމެ ގިނަ ވިއުސް ހިމެނޭ ވީޑިއޯއަށް 35 މާކްސް ލިބިގެންދާއިރު އެންމެ ގިނަ ލައިކްސް ލިބޭ ވީޑިއޯއަަށް 25 މާކްސް ލިބިގެންދާނެއެވެ. އަދި އެންމެ ގިނަ ޝެއަރ ހިމެނޭ ވީޑިއޯއަށް 40 މާކްސް ލިބިގެންދާނެއެވެ. ވަނަ ވަނައަށް ދާ ފަރާތްތައް ޓޫރިޒަމް މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން މެއި 17 ވަނަ ދުވަހު އިއުލާން ކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

- ކޮމެންޓް