ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 22:19
އާސެނަލް އަށް ކުޅެމުން އަންނަ އެލެކްސަސް ސަންޗޭޒް
އާސެނަލް އަށް ކުޅެމުން އަންނަ އެލެކްސަސް ސަންޗޭޒް
ގޯލް.ކޮމް
ސަންޗޭޒްގެ ޓްރާންސްފާ
ހަފްތާއަކު 480،000 ޔޫރޯ ލިބޭ އެއްބަސްވުމެއް ބާޔާން އިން ސަންޗޭޒްއަށް ހުށަހަޅައިފި
ސަންޗޭޒް ހޯދުމަށް ސިޓީންވެސް އަންނަނީ މަސައްކަތްކުރަމުން
ސަންޗޭޒް އާސެނަލްގައި މަޑުކުރާނެ ކަމަށް ކޯޗު ވެންގާ ބުނޭ

ހަފްތާއަކު 480،000 ޔޫރޯ ލިބޭ އެއްބަސްވުމެއް އާސެނަލްއަށް ކުޅެމުން އަންނަ ޗިލީގެ ކެޕްޓަން އެލެކްސަސް ސަންޗޭޒް އަށް ބަޔާން މިއުނިކުން ހުށަހަޅައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަޝްހޫރު ކުޅިވަރު ނޫހެއްކަމަށްވާ ކިކާ އިން ބުނީ ސަންޗޭޒް ހޯދުމަށް ބަޔާން އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އޭނާ އަށް ހަފްތާއަކު 480،000 ޔޫރޯ ލިބޭ އެއްބަސްވުމެއް ހުށަހަޅާފައިވާ ކަމަށެވެ. މިއީ ބަޔާންގެ ފޯވާޑް ރޮބާޓް ލެވެންޑޯސްކީއަށް ހަފްތާއަކު ލިބޭ އަދަދަށްވުރެ އިތުރު އަދަދެކެވެ. އޭނާ އަށް ހަފްތާއަކު ލިބެނީ 288،000 ޔޫރޯ އެވެ.

ބަޔާންގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ ސަންޗޭޒް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީވެސް ހިމެނެ އެވެ.

ސަންޗޭޒް ހޯދުމަށް ކްލަބްތަކުން މަސައްކަތްކުރަމުން އަންނައިރު، އާސެނަލްގެ ކޯޗު އާސެން ވެންގާ ދާދި ފަހުން ބުނީ ސަންޗޭޒް އެ ކްލަބުގައި މަޑުކުރާނެ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް އޭނާ ކްލަބާއެކު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ބެލެވެއެވެ.

މީގެ ކުރިން ބާސާ އަށް ވެސް ކުޅެފައިވާ ސަންޗޭޒް އާސެނަލްގައި މޮޅު ކުޅުމެއް އޭނާ ބަދަލުވި ފުރަތަމަ ސީޒަންގައި ދެއްކި ނަމަވެސް އަނިޔާގައި ހުރުމާ އެކު އެ ކްލަބާ އެކު ހޭދަކުރި ދެވަނަ ސީޒަނުގައި އެދެވޭ ކުޅުމެއް ވަނީ ދެއްކޭ ގޮތް ނުވެފައެވެ. އެހެންނަމަވެސް އޭނާ ވަނީ މި ސީޒަނުގައި އާސެނަލްގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ކުޅުނު 51 މެޗުގައި އޭނާ ވަނީ 30 ލަނޑު ކާމިޔާބުކޮށްފައެވެ.
ބާސާގައި ހޭދަކުރި ތިން ސީޒަނުގައި އެ ކްލަބަށް ކުޅުނު 141 މެޗުގައި 47 ލަނޑު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ މިވީތަނަށް އާސެނަލް އަށް ކުޅުނު 122 މެޗުގައި 59 ލަނޑު ކާމިޔާބުކޮށްފަ އެވެ.
ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ޖެހިޖެހިގެން ދެ ފަހަރު ޗިލީއާ އެކު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ހޯދި ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ ބާސާއާ އެކު ލަލީގާ، ކޮޕާ ޑެލްރޭ، ދެ ސްޕެނިޝް ސުޕާކަޕް، ޔުއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އާސެނަލްއާ އެކު ދެ އެފްއޭކަޕްގެ އިތުރުން ދެ އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

ޗިލީ ގައުމީ ޓީމާއެކު 20 އަހަރުން ދަށުގެ ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ އެގައުމުގެ ސީނިއާ ޓީމާއެކު ކޮޕާ އެމެރިކާ ދެފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް