މައިލޯ އެފްއޭއެމް ވެޓަރެންސް ލީގުގައި ޕޮލިސް ކްލަބާއި ވާދަކޮށް ކްލަބް ގްރީން ސްޓްރީޓްސް މޮޅުވެއްޖެއެވެ.
ގްރީން ސްޓްރީޓްސްއިން ޕޮލިސް ކްލަބުގެ މައްޗަށް ކުރިހޯދީ 2-0 ންނެވެ. ގްރީން ސްޓްރީޓްސްއިން ލީގު ބުރުގެ ކުޅުން ނިންމާލިއިރު، އެޓީމަށް ވަނީ ހަ މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. ޕޮލިސް ކްލަބް ވަނީ ކުޅުނު ހަ މެޗުންވެސް ބަލިވެފައެވެ. އެޓީމު އޮތީ ޕޮއިންޓެއް ނުލިބި ތާވަލުގެ އެންމެ ފުލުގައެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސްގެ ދެލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ. މެޗުގެ 44 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްއަށް ފުރަތަމަ ލަނޑު ޖަހައިދިނީ އިބްރާހިމް ހަލީލްއެވެ. މެޗުގެ 59 ވަނަ މިނެޓުގައި ދެވަނަ ލަނޑުޖެހީ ހުސައިން ހަބީބްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް ހަބީބްއެވެ.
އެފްއޭއެމާ ގުޅިގެން ކްލަބް އިވެންޓްސްއިން މިފަހަރުގެ މުބާރާތް އިންތިޒާމުކުރާއިރު، މުބާރާތް އަލުން ބާއްވަންފަށާފައި މިވަނީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްފައިވާ މުބާރާތުގައި މިފަހަރު 7 ޓީމު ވާދަކުރެއެވެ. ކޮންމެ ޓީމެއްގައިވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމަނަން ފުރުސަތު ލިބެއެވެ.
ލީގުގައި މާދަމާ ހަވީރު 16:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރަނީ މޯލްޑިވްސް ސޮކަރ މޭޓްސް އާއި ކްލަބް އީގަލްސްއެވެ. މިއީ ލީގު ބުރުގެ ފަހު މެޗެވެ. ދެން އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު ކުޅޭ ފައިނަލް މެޗެވެ. ފައިނަލްގައި ބައްދަލުކުރާނީ ސޮކަރ މޭޓްސް އާއި ހުޅުމާލެ ވެޓަރެންސް ކްލަބްއެވެ.