ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 22:03
ކޮލަމްބިއާ ކޮޅަށް ފަހުވަގުތު ލަނޑު ޖެހުމަށްފަހު މޮރާޓާ އުފާފާލުކުރަނީ
ކޮލަމްބިއާ ކޮޅަށް ފަހުވަގުތު ލަނޑު ޖެހުމަށްފަހު މޮރާޓާ އުފާފާލުކުރަނީ
ޓްވިޓަރ
އިންޓަނޭޝަނަލް ފްރެންޑްލީ
އިންޓަނޭޝަނަލް ފްރެންޑްލީ: ފަހުވަގުތު މޮރާޓާ ކާމިޔާބުކުރި ލަނޑުން ސްޕެއިން ސަލާމަތްވެއްޖެ
ސްޕެއިން އަދި ކޮލަމްބިއާގެ ކުރިމަތިލުން އެއްވަރުވީ 2-2 ގެ ނަތީޖާއަކުން
ކޮލަމްބިއާ މޮޅުވަމުންދަނިކޮށް ސްޕެއިންއަށް މޮރާޓާ އެއްވަރުކޮށްދިނީ 87 ވަނަ މިނެޓުގައި

އިންޓަނޭޝަނަލް ފްރެންޑްލީއެއްގައި ފަހުވަގުތު އަލްވަރާ މޮރާޓާ ކާމިޔާބުކުރި ލަނޑުން ކޮލަމްބިއާ އަތުން ސްޕެއިން ސަލާމަތްވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ސްޕެއިން އަދި ކޮލަމްބިއާ އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ސްޕެއިންގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓީމުންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި މި ލަނޑު ޕެޑްރޯ ރޮޑްރިގޭޒްގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ސިޓީގެ އެޓޭކިން މިޑްފިލްޑަރު ޑޭވިޑް ސިލްވާ އެވެ.

މި ލަނޑަށްފަހުވެސް ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ ސްޕެއިންނެވެ. އެހެންނަމަވެސް 39 ވަނަ މިނެޓުގައި ކޮލަމްބިއާ އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑްވިން އަންދަރޭސް ކާޑޮނާ އެވެ.

މި ލަނޑުތަކާއެކު ފުރަތަމަ ހަފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ކޮލަމްބިއާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން 55 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު އަނބުރާ ހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަމޭސް ރޮޑްރިގޭޒްގެ އެހީތެރިކަމާއެކު ރަޑަމެލް ފަލްކާއޯ އެވެ.

މި ލަނޑާއެކު ސްޕެއިން އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ފުލުފުލުގައި ކޮލަމްބިއާގެ ހާފަށް ބާރުބޮޑުކޮށް އެޓީމުން ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

ސްޕެއިން އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 87 ވަނަ މިނެޓުގައި އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސައުލްގެ އެހީތެރިކަމާއެކު އަލްވަރާ މޮރާޓާ އެވެ.

- ކޮމެންޓް