ސިވިލް ކޯޓުގެ އިސްގާޒީ ޢަބްދުﷲ ޢަލީއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން އަންގާރަ ދުވަހު ވަނީ އިސްގާޒީ ޢަބްދުﷲ ޢަލީއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމި ސަބަބުތައް ބަޔާން ކޮށްފައެވެ. އެއީ 2020 ވަނަ އަހަރުގެ ޖޫން މަހު ތަހުގީގު ކުރަން ފެށި މައްސަލައެކެވެ.
ޖޭއެސްސީން މައުލޫމާތު ދޭ ގޮތުގައި ސިވިލް ކޯޓުގެ ގަޒިއްޔާއިން ބައްލަވާ މައްސަލައަށް ހާޒިރު ވުމަށްޓަކައި މައްސަލައިގައި ހިމެނޭ ފަރާތަށް އަމުރު ލިބުނުއިރު، މެޖިސްޓްރޭޓް ކޯޓަކުން ބައްލަވާ މައްސަލައާ ގުޅިގެން ހަމަ އެ ފަރާތަށް، އެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބިފައިވާތީ، ފަހުގެ ތާރީޚަކަށް ސިވިލް ކޯޓުގެ މައްސަލަ ހަމަޖައްސައިދިނުން އެދި އެމީހާގެ ފަރާތުން ހުށައަޅާފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނެފައިވާ ގޮތުގައި އިސްގާޒީ ޢަބްދުﷲ ޢަލީ ވަނީ ކޯޓަށް ޙާޟިރުވުމަށް ޢައްޔަނު ކޮށްފައިވާ ފަރާތް ކޯޓަށް ހާޟިރު ނުކޮށް މައްސަލަ ބާތިލު ކުރައްވާފައެވެ.
އެއީ އަދުލު އިންސާފު ޤާއިމްކުރާ ދާއިރާގެ ހައިބަތާއި އިތުބާރު ގެއްލޭފަދަ ގޮތަކަށް ކުރައްވާފައިވާ އަމަލެއްކަން ޖޭއެސްސީން ފާހަގަ ކުރެއެވެ.
އަދި ގާޒީ އަމަލު ކުރައްވާފައިވަނީ ފަނޑިޔާރުންގެ ވާޖިބު އަދާ ކުރެއްވުމުގައި ތަޢައްޞުބެއް އޮތްކަން ފެންނަންއޮތް، އަދި ފަނޑިޔާރުގެ ޢަދުލުވެރި ކަމާމެދު ސުވާލު އުފެދިދާ ގޮތުގެ މަތިންކަން އޭނާގެ ބަހުންނާއި، ލިޔެކިޔުންތަކުން މައްސަލައިގެ ތަޙުޤީޤަށް ސާބިތުވާކަމަށް ޖޭއެސްސީން މައުލޫމާތު ދެއެވެ.
އިސްގާޒީ އަބްދުﷲ އަލީގެ މި އަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ކޮށްފައިވާ އަމަލަކަށް ވާތީ، އޭނާއަށް ނަޞޭޙަތް ދިނުމާއެކު، ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ. އެއީ 2022 އޭޕްރީލް 17 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ މި އަހަރުގެ 27 ވަނަ ޖަލްސާގައި ނިންމާފައިވާ ނިންމުމެކެވެ.