މިދިޔަ އަހަރު 22 މާކެޓެއްގައި 260 ކެމްޕޭން ހަރަކާތް ހިންގާފައިވާ ކަމަށް އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ތޮއްޔިބު ވިދާޅުވީ ކޮވިޑުގެ ފަހުން ރާއްޖެ ނޭނގޭ ބަޔަކު މަދު ކަމަށާއި ރާއްޖެ އެކި ގޮތްގޮތުން އިޝްތިހާރު ކުރުމަށް ތަފާތު އެކި ކެމްޕޭން ހަރަކާތްތައް ހިންގާފައިވާ ކަމަށެވެ.
މިދިޔަ އަހަރު އެއް މިލިއަން ފަތުވެރިން ގެނައުމަށް އަމާޒު ހިފާ، އަހަރު ނިމެން ދެ މަސް ދުވަހަށްވެފައިކޮށް އެންމެންގެ އެއްބާރުލުމާއެކު އެ އަމާޒަށް ވާސިލްވެފައިވާ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.
މީގެއިތުރުން މިދިޔަ އަހަރު ފަތުރުވެރިކަމުން ރާއްޖެއަށް 18 އެވޯޑު ލިބުނު ކަމަށް ވެސް ވިދާޅުވިއެވެ. އަދި އިންޑިއަން އޯޝަންގެ އެންމެ ރަނގަޅު ޓޫރިޒަމް ބޯޑުގެ ގޮތުގައި އެމްއެމްޕީއާރްސީ ހޮވިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށް ތޮއްޔިބު ފާހަގަކުރެއްވިއެވެ.
ރާއްޖެ މިހާރު ދަނީ ރިކަވަރީ ފޭސްއަކަށްކަން ފާހަގަކުރައްވާ ތޮއްޔިބު ވިދާޅުވީ މަސައްކަތް ބައްޓަން ވެފައި ހުރީ ތަފާތު މާކެޓްތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް ކަމަށެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާ އަކީ ވަރަށް ޗެލެންޖިންގ ކުއާޓާއެއް ކަމަށާއި މިއަހަރަކީ 95 ހަރަކާތްތައް ހިންގުމަށް ރޭވިފައިވޭ ކަމަށް ވެސް ވިދާޅުވިއެވެ.
ތޮއްޔިބު ވިދާޅުވީ އެހެން ޤައުމުތަކުން ވެސް އެ ޤައުމުތައް އިޝްތިހާރު ކުރުމަށްޓަކައި ކުރާ މަސައްކަތްތަކަކީ ކޮބައިތޯ ބަލާފައިވާނެ ކަމަށާއި އެހެންނަމަވެސް އެ ޤައުމުތަކުން އިޝްތިހާރު ކޮށްފައިނުވާ ކަމަށެވެ. ތޮއްޔިބު ވިދާޅުވީ ރާއްޖޭގެ ދުރު ވިސްނުމާއި ސިޔާސަތުތައް ރަނގަޅުވެފައި ދައުލަތުން މާކެޓް ކުރުމަށްޓަކައި ދިން ފައިސާ ކުޑަކޮށްފައިނުވާ ކަމަށެވެ.
އެމްއެމްޕީއާރްސީން މިހާތަނަށް ކުރި މަސައްކަތުން ތަފާތު މާކެޓް ހަރަކާތްތަކުން ދެ ބިލިއަނަށްވުރެ ގިނަ މީހުންނަށް ރީޗްވެފައިވާ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.
ރާއްޖެއިން މިއަދު މި ހޯދާ ކާމިޔާބީއަކީ ދުރު ވިސްނޭ ވެރިއެއްގެ ހަރުދަނާ ސިޔާސަތުގެ ނަތީޖާ ކަމަށް ވެސް ތޮއްޔިބު ވިދާޅުވިއެވެ. ކޮވިޑްގެ ބަލިމަޑުކަމާއެކު އެންމެ ފުރަތަމަ ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ވަރަށް ގިިނަ ބައެއްގެ ފާޑިކިޔުންތައް އަމާޒުވިކަމަށް ތޮއްޔިބު ވިދާޅުވިއެވެ. ރާއްޖެ އިނދަ ޖައްސާލަން ކަމަށް ބުނެ ބައެއް ފަރާތްތަކުން ކޮމެންޓް ކުރަމުންދިޔަ ނަމަވެސް ހިކުމަތްތެރިކަމާއެކު ސަރުކާރުން މަސައްކަތް ކުރަމުން ދިޔައީ އެ ހާލަތުން އަރައި ގަތުމަށް ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބައި މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމުގެ ކާމިޔާބީ ފާހަގަކުރަމުން އަންނައިރު، ފުރަތަމަ ކުއާޓަރަކީ ވަރަށް ގޮންޖެހުން ގިނަ ކުއާޓަރެއް ކަމަށްވެސް ތޮއްޔިބު ވިދާޅުވިއެވެ. ތޮއްޔިބު ވިދާޅުވީ، އެހެން ގައުމުތަކުން ބޯޑަރުތައް ހުޅުވާލައި، އިޝްތިހާރުކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދިޔަނަމަވެސް ރާއްޖެއަށް ލިބިފައި އޮތް އެޑްވާންޓޭޖަކީ، ކޮވިޑްގެ ދެ އަހަރު ހުއްޓުމެއްނެތި އިޝްތިހާރު ކުރުމަށް ކުރި މަސައްކަތް ކަމަށެވެ. މި ކުއާޓަރުގައި 48 މާރކެޓިންގ ހަރަކާތެއް ކުރިއަށް ގެންދެވުނު ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.