ކ. މާލެ
|
25 އޭޕްރިލް 2022 | ހޯމަ 17:44
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން
ރޮއިޓަރސް
އެމެރިކާއިން ޔޫކްރެއިނަށް އެހީ ފޯރުކޮށްދިނުން
އެމެރިކާއިން ޔޫކްރެއިން އަށް އިތުރު ފައިސާގެ އެހީ ފޯރުކޮށްދެނީ
ޔޫކްރެއިން އަށާއި އެސަރަހައްދުގެ އެހެން ގައުމުތަކުގެ ތެރެއިން ރަޝިއާގެ އަމަލުތަކުން ރައްކާތެރިކަން ބޭނުންވާ ގައުމުތަކަށް އެހީވުމަށް 713 މިލިއަން ޑޮލަރު ފޯރުކޮށްދޭން އެމެރިކާއިން ވަނީ ނިންމާފައި
ޔޫކްރެއިންގެ އިސްވެރިންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުން ތިން ގަޑިއިރަށް ދެމިގެން ދިޔަ
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އަދި ސެކެޓްރީ އޮފް ޑިފެންސް ލޮއިޑް އައުސްޓިން ވަނީ ޔޫކްރެއިންގެ ރައީސް އާ ބައްދަލުކުރައްވާފައި

އެމެރިކާއިން ޔޫކްރެއިން އަށް އިތުރު ފައިސާގެ އެހީ ފޯރުކޮށްދޭން ނިންމައިފިއެވެ.

މި އެހީ ފޯރުކޮށްދޭން ނިންމާފައިވާކަން އެމެރިކާއިން ހާމަކޮށްފައި ވަނީ އެގައުމުގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އަދި ސެކެޓްރީ އޮފް ޑިފެންސް ލޮއިޑް އައުސްޓިން ޔޫކްރެއިން އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

މި ދެބޭފުޅުންގެ އިތުރުން އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ވަނީ އާދިއްތަ ދުވަހު ޔޫކްރެއިން އަށް ވަޑައިގެން އެގައުމުގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ އާ ބައްދަލުކުރައްވާފައެވެ. މިއީ ޔޫކްރެއިން ރަޝިއާ ހަނގުރާމަ ފެށުނު ފަހުން އެމެރިކާގެ އިސް އޮފިޝަލުން ޔޫކްރެއިންއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މިދަތުރުފުޅުގައި ޔޫކްރެއިންގެ އިސްވެރިންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުން ތިން ގަޑިއިރަށް ދެމިގެން ދިޔަކަމަށާއި މިއީ މިކަމަށް ކަނޑައެޅި ވަގުތަށްވުރެ މާގިނަ ވަގުތުކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވެއެވެ. މި ބައްދަލުވުމުގެ ތެރޭގައި އެމެރިކާގެ އޮފިޝަލުން ވަނީ އެގައުމުގެ ކެބިނެޓް ސެކެޓްރިއޭޓުން ރައީސް ޒެލެންސްކީގެ ސަރުކާރަށާއި އެސަރަހައްދުގައި ހިމެނޭ އިތުރު ގައުމުތަކުގެ ތެރެއިން ރަޝިއާގެ އަމަލުތަކުން ރައްކާތެރިކަން ބޭނުންވާ ގައުމުތަކަށް އެހީވުމަށް 713 މިލިއަން ޑޮލަރު ފޯރުކޮށްދޭން ނިންމާފައިވާކަން ހާމަކޮށްފައެވެ.

މިމަހުގެ ކުރީކޮޅު ގައުމުތަކުގެ އިސްވެރިން ވަނީ ޔޫކްރެއިނަށް ވަޑައިގެން ޔޫކްރެއިނާއެކު ތިބިކަން ހާމަކުރައްވާފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ މިމަހުގެ ކުރީކޮޅު ޔޫކްރެއިންއަށް ވަޑައިގެން ޒެލެންސްކީއާ ކިޔެވްގައި ބައްދަލުކުރައްވާފައެވެ. މީގެއިތުރުން ރިޕަބްލިކަންގެ ދެ މެމްބަރުންވެސް ވަނީ ޔޫކްރެއިންއަށް ވަޑައިގަންނަވާފައެވެ.

މީގެ އިތުރުން އދ ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް ޔޫކްރެއިން ވަޑައިގަންނަވަން ނިންމަވާފައިވާކަން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ހޯމަ ދުވަހު ގުޓަރެސް ތުރުކީއަށް ވަޑައިގަންނަވާއިރު، އަންގާރަ ދުވަހު އޭނާ ރަޝިއާއަށް ވަޑައިގަންނަވާނެއެވެ. އަދި ގުޓަރެސް ޔޫކްރެއިން އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

މި ދަތުރުފުޅުގައި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އަދި ފޮރިން މިނިސްޓަރު ޑިމިޓްރީ ކުލެބާ އާއި ގުޓަރެސް ބައްދަލުކުރައްވާ މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް