ވިޔަފާރި ހިންގުމުގައި ޙަރަކާތްތެރިވެފައިވާތީ ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ހޯމަ ދުވަހު ޖޭއެސްސީން ބުނީ އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރު ވައިބަރ ކޮމިއުނިޓީ ގްރޫޕެއް އުފައްދައި އެ ގްރޫޕުގެ ސުޕަރ އެޑްމިންއެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ހަމައެއާއެކު، އެ ގްރޫޕުގައި އުޅަނދެއްގެ ދަތުރުފަތުރާ ގުޅޭ މަޢުލޫމާތު ހިއްސާކޮށް، އެ އުޅަނދުން ކުރަމުންދިޔަ ވިޔަފާރި ހިންގުމުގައި އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރު އަމަލީގޮތުން ޙަރަކާތްތެރިވެފައިވާކަން ތަޙުޤީޤަށް ލިބިފައިވާ ހެކިތަކުންނާއި އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރުގެ ޢިއުތިރާފުން ސާބިތުވާކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން ވަނީ އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރުގެ މި ޢަމަލަކީ، ޤާނޫނު ނަންބަރު 2010/13, ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށެވެ.
ވުމާއެކު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން އެންގުމަށް 2022 އޭޕްރީލް 17 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ މި އަހަރުގެ 27 ވަނަ ޖަލްސާގައި ވަނީ ނިންމާފައެވެ.