އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް އާސެނަލްއިން ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގެ ތިންވަނަ މިނެޓުގައި އާސެނަލްއަށް ލީޑު ނަގައިދިނީ ނޫނޯ ޓަވަރޭޒްއެވެ. ޓީމަށް ލީޑު ފުޅާ ކޮށްދިނީ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ބުކާޔޯ ސާކާއެވެ. ނަމަވެސް ދެލަނޑުގެ ލީޑުގައި އާސެނަލްއަށް މަޑުކޮށްލެވުނީ ދެމިނެޓުއެވެ. ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއްޖަހާ ފަރަގު ކުޑަކޮށްފައެވެ. އާސެނަލް މެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ގްރާނިޓް ޒަކާއެވެ.
މި ނަތީޖާއާއެކު ޖުމްލަ 33 މެޗު ކުޅެގެން ލިބުނު 60 ޕޮއިންޓާއެކު އާސެނަލް އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ. އާސެނަލްއަށްވުރެ އިތުރަށް އެއް މެޗު ކުޅެގެން ލިބުނު 54 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ހަވަނައިގައެވެ. މި ދެޓީމުންވެސް މަސައްކަތް ކުރަމުން އަންނަނީ ލީގުގެ ގަދަ ހަތަރަކުން ޖާގަ ކަށަވަރުކޮށް މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ކުރުމަށެވެ.