ޔުނައިޓެޑް އެރަބް އެމިރޭޓްސްއިން އިން ގަތަރަށް ޕޯސްޓްގެ ޚިދުމަތް ދިނުން ހުއްޓާލައިފިއެވެ. ޔޫއޭއީގެ ނޫސްތަކުން ބުނެފައިވަނީ ވަކި އެއްޗެއް އަންގަންދެން ގަތަރަށް ޕޯސްޓުގެ ޚިދުމަތް ދިނުން ހުއްޓާލުމަށް ޔޫއޭއީގެ ހުރިހާ ޕޯސްޓް އޮފީސްތަކަށް ޕޯސްޓާ ބެހޭ މައި އިދާރާ އެމިރޭޓްސް ޕޯސްޓަލް ގްރޫޕުން އަންގާފައިވާ ކަމަށެވެ. އަދި މިހާރު ރައްދު ނުކުރެވި ހުރި ހުރިހާ ތަކެތި އަނބުރާ ފޮނުވާލާ ގޮތައް ވަނީ ހަމަޖެހިފައެވެ.
ގަތަރުގެ މައްސަލަ ހައްލުކުރުމަށް މަޝްވަރާ ކުރުމަށް ފްރާންސްގެ ރައީސް ހުރިހާ ފަރާތްތަކަށް ގޮވާލައްވައިފި
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ގަތަރުގެ މައްސަލަ ހައްލު ކުރުމަށް ހުރިހާ ފަރާތްތަކުން ވާހަކަ ދެއްކުމަށް ބުދަ ދުވަހު ގޮވާލައްވާފައިއެވެ. މިއި މި މިކަމަށް ފަރަންސޭސި ރައީސް 24 ގަޑީއިރުގެ ތެރޭގައި ގޮވާލެއްވި ދެވަނަ ފަހަރެވެ. ބުދަ ދުވަހު ފަރަންސޭސި ރައީސް ވަނީ ގަތަރުގެ އަމީރު ޝޭޚް ތަމީމް ބިން ހަމަދު އަލް ތާނީއާ ފޯނުން ގުޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ. ފްރާންސުން ބުނެފައިވަނީ މައްސަލަ ހައްލު ކުރަން މެދުވެރިއެއްގެ ރޯލު އަދާކުރަން ފްރާންސުން އޮތީ ތައްޔާރަށް ކަމަށެވެ. ފަރަންސޭސި ރައީސް ވަނީ ގަލްފް ސަރަހައްދަށް ހަމަޖެހުން ގެންނެވުމުގެ ބޭނުންފުޅުގައި އީރާންގެ ރައީސް ހަސަން ރޫހާނީއާއި، ސައުދީ ރަސްގެފާނު ކިންގް ސަލްމާންއާ ވެސް ފޯނުން މަޝްވަރާ ކުރައްވާފައެވެ.
ހަމަނުޖެހުމާ ގުޅިގެން ސިފައިން ސައުދީ ބޯޑަރަށް ޖަމާ ކުރަމުން ނުދާ ކަމަށް ގަތަރުން ބުނެފި
ގަތަރާއި ސަރަހައްދުގެ ބައެއް ގައުމުތަކާ ދެމެދު އުފެދިފައިވާ ސިޔާސީ ބޮޑު ހަމަ ނުޖެހުމުގެ ސަބަބާ ގުޅިގެން ގަތަރުގެ ސިފައިން ސައުދީ ބޯޑަރަށް ޖަމާ ކުރަމުން ނުދާ ކަމަށް ގަތަރުގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ. ގަތަރުގެ ޑިފެންސް މިނިސްޓްރީން މިކަން ހާމަކުރީ، ހަމަނުޖެހުންތަކާ ގުޅިގެން ގަތަރުގެ ދެކުނު ސަރައްހަދީ ރޮނގުން ސައުދީ އަރަބިއްޔާ އާ އިންވެގެން އޮންނަ ސަރަހައްދުގައި ގަތަރުގެ ސިފައިން ތައްޔާރީ ހާލަތަކަށް ގެންނަމުންދާ ކަމަށް ބުނެ ފެތުރެމުންދާ ރިޕޯޓުތަކަކާ ގުޅިގެންނެވެ. ގަތަރުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، ބޯޑަރު ހިމާޔާތް ކުރުމަށް ކޮންމެ ދުވަހުގެ 24 ގަޑީއިރު އެއްގަމާއި ވައިގެ މަގުންނާއި ކަނޑުގެ މަގުން ބަލަހައްޓަމުންދާ ކަމަށެވެ.
ރައީސް ޓްރަމްޕް ގަތަރުގެ ވަލީ އަހުދާއި ގުޅުއްވައިފި
ގަލްފްގެ ބައެއް ގައުމުތަކާއި ގަތަރާއި ދެމެދު އުފެދިފައިވާ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް ގަތަރުގެ ވަލީ އަހުދު މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އާ ފޯނުން މަޝްވަރާ ކުރައްވައިފިއެވެ. ވައިޓް ހައުސް އިން މިކަމާ ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެންމެ މުހިންމު ކަމެއް ދޭން ޖެހޭ ކަމެއް ކަމަށް ދެ ލީޑަރުން އެއްބަސްވެ ވަޑައިގެންނެވީ، ޓެރަރިޒަމް އާ ދެކޮޅަށް މަސައްކަތް ކުރުމަށް ސައުދީ ވެރިރަށް ރިޔާދުގައި ބޭއްވި ޓްރަމްޕް ބައިވެރިވެ ވަޑައިގެންނެވި ސަމިޓުން ނިންމި ނިންމުންތައް ތަންފީޒް ކުރުން ކަމަށެވެ. މި މަޝްވަރާގައި ސަރަހައްދުގެ ހަމަޖެހުމަށްޓަކައި ގަލްފް ކޯޕަރޭޝަން ކައުންސިލް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ރައީސް ޓްރަމްޕް އެދިވަޑައިގަންނަވާ ގޮތް ކަމުގައި ވަލީ އަހުދަށް ދެންނެވި ކަމަށްވެސް ވައިޓް ހައުސްގެ ސްޓޭޓްމަންޓުގައި ވެއެވެ.