ކުރިޔަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރެއަށް ވިއްސާކުރާނެ ކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ, ހޫނުގަދަ ދުވަސްތަކަކަށްފަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާކުރަން ފަށާފައިވާކަމަށާއި, އެންމެ އުތުރުން ފެށިގެން ލ އަތޮޅާ ހަމައަށް ވިއްސާރަކުރަމުންދާކަމަށެވެ. ހުކުރު ދުވަހު އެންމެ ގިނައިން ވާރޭވެހިގެން ރިކޯޑް ކޮށްފައިވާ ރަށްތަކުގެ ތެރޭގައި ކ ދިއްފުއްޓާއި ވ ރަކީދޫ ހިމެނެއެވެ. ކ ދިއްފުއްޓަށް 48 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު ވ ރަކީދޫއަށް 27 މިލިމީޓަރުގެ ވާރޭވެހިފައިވާކަމަށް ހުސައިން ވިދާޅުވިއެވެ.
ކުރިޔަށް އޮތް 24 ގަޑިއިރުވެސް އުތުރާއި މެދުރާއްޖޭތެރެއަށް ބޮޑަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށާއި, ދެކުނުގެ ބައެއް ހިސާބުތަކަށްވެސް ވިއްސާރަކުރާނެކަމަށް ހުސައިން ވިދާޅުވިއެވެ. އެގޮތުން ލ އަތޮޅާއި ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ވާރޭވެހުމުގެ ފުރުސަތު އެބައޮތްކަމަށާއި އެންމެ ދެކުނުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް މާބޯކޮށް ވާރޭވެހޭނެކަމަށް ނުބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ, ވިއްސާރަކުރި ކަމުގައިވިޔަސް ލަފާކުރެވޭ ގޮތުގައި ވައި އެހާ ގަދަނުވާނެކަމަށާއި, އާންމުގޮތެއްގައި އުތުރުގެ އަތޮޅުތަކަށް ވައި މަޑުވާނެކަމަށެވެ. އަދި އެހިސާބަށް ވައިޖެހޭނެކަމަށް ލަފާކުރެވެނީ 3 މޭލާ 13 މޭލާ ދެމެދުގައި ކަމަށެވެ. ދެކުނާއި މެދުރާއްޖެތެރޭގައި ވައި ޖެހޭނެކަމަށް ލަފާކުރެވެނީ 8 މޭލާ 18 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި, އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށެވެ. ކަނޑުތައް އުތުރުގެ އަތޮޅުތަކަށް މަޑުނަމަވެސް މެދުރާއްޖެތެރެއާ ދެކުނަށް އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ.
ކުރިޔަށް އޮތް ދެތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް ހުސައިން ވިދާޅުވިއެވެ. ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހުމުގެ ފުރުސަތު އޮތްއިރު, އެހާ ހޫނު ގަދަ ދުވަސްވަރަކަށްފަހު ވިއްސާރަކުރަމުންދާތީ ގުގުރުމުގެ ފުރުސަތު ބޮޑުވާނެކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ. އެހެންކަމުން ގުގުރުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެން ތައްޔާރުވަމުންދާ ދުވަސްވަރުކަމުން, މޫސުމަށް ބަދަލުތަކެއް އަންނަމުންދާނެކަމަށާއި, ހުޅަނގު މޫސުން ފެށޭވަރުވާނީ މެއި މަހުގެ ދެވަނަ ހަފުތާގައި ކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ.