މައިލޯ އެފްއޭއެމް ވެޓަރެންސް ލީގުގައި ޕޮލިސް ކްލަބާއި ވާދަކޮށް ދިވެހި ސިފައިންގެ ކްލަބް ކުރިހޯދައިފިއެވެ.
މި މެޗު ސިފައިންގެ ޓީމުން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީވެސް ސިފައިންގެ ޓީމުންނެވެ. ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި ސިފައިންގެ ޓީމަށް ލީޑު ނަގައިދިނީ އަލީ ފާރޫގެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޮލިހުން ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. ޕޮލިހުން މެޗުގައި ޖެހި ހަމައެކަނި ލަނޑު 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ނާޒިމެވެ.
ސިފައިންގެ ޓީމު މޮޅުވި ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ އަހްމަދު ފަޒަލްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ މުހައްމަދު އަމީންއެވެ.
ލީގު ބުރުގައި ހޯދި ފުރަތަމަ މޮޅާއެކު ދިވެހި ސިފައިންގެ ކުލަބު އޮތީ ލީގުގެ ހަތަރުވަނައިގައެވެ. އެެއީ ކުޅުނު ފަސް މެޗުގެ ތެރެއިން އެއްމެޗުން މޮޅުވެ, ތިން މެޗު އެއްވަރުކޮށް, އެއްމެޗުން ބަލިވެގެން ހޯދި 6 ޕޮއިންޓާއެކުގައެވެ. ލީގު ބުރުގައި މިހާތަނަށް ޕޮލިހުން ކުޅުނު 6 މެޗުން ވެސް ވަނީ ބަލިވެފައެވެ.
އެފްއޭއެމާ ގުޅިގެން ކްލަބް އިވެންޓްސްއިން މިފަހަރުގެ މުބާރާތް އިންތިޒާމުކުރާއިރު، މުބާރާތް އަލުން ބާއްވަންފަށާފައި މިވަނީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްފައިވާ މުބާރާތުގައި މިފަހަރު 7 ޓީމު ވާދަކުރެއެވެ. ކޮންމެ ޓީމެއްގައިވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމަނަން ފުރުސަތު ލިބެއެވެ.
މުބާރާތުގައި ދެން މެޗެއް އޮންނާނީ ހޮނިހިރު ދުވަހުއެވެ. އެމެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސްއާއި އީގަލްސްއެވެ. މެޗު ފަށާނީ 16:30ގައެވެ.