ކ. މާލެ
|
21 އޭޕްރިލް 2022 | ބުރާސްފަތި 12:56
މީހަކު ފިތުރު ޒަކާތް ދައްކަނީ
މީހަކު ފިތުރު ޒަކާތް ދައްކަނީ
ރާއްޖެއެމްވީ
ފިތުރު ޒަކާތް
ފިތުރު ޒަކާތުގެ ގޮތުގައި 2.2 މިލިއަން ރުފިޔާ ދައްކައިފި
މިހާތަނަށް ފިތުރު ޒަކާތް ދައްކާފައިވަނީ 49,451 މީހުން
ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ން ފެށިގެން ވަނީ ހުޅުވާލާފައި

ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 2.2 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރަމަޟާން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 2,225,581.00 (ދެ މިލިއަން ދެލައްކަ ފަންސަވީސްހާސް ފައްސަތޭކަ އަށްޑިހަ އެކެއް) ރުފިޔާ ކަމަށެވެ. މިނިސްޓްރީން ބުނީ މިހާތަނަށް ފިތުރު ޒަކާތް ދައްކާފައިވަނީ 49,451 މީހުން ކަމަށެވެ. މިއީ އޮންލައިންކޮށް އަދި މިނިސްޓްރީއަށް ގޮސް ފިތުރު ދެއްކި މީހުންގެ އަދަދެވެ.

މިހާތަނަށް 2.2 މިލިއަން ރުފިޔާ ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވާ އިރު، ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ން ފެށިގެން ވަނީ ހުޅުވާލާފައެވެ. 30 އެޕްރީލް 2022 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.

މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހޯލުގައެވެ. ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކަކީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށުންނެވެ.

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސްފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00، މެންދުރުފަހު 1:00ން 2:30ށް އަދި ރޭގަނޑު 9:00ން 102:30 އަށެވެ.

މި އަހަރުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ނުދެއްކޭ ފަރާތްތަކުގެ ޒަކާތް ބަލައިގަންނަން ފަށާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އިންތިޒާމު ހަމަޖެހިފައިވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ކަމަށެވެ. މިނިސްޓްރީން ޒަކާތް ބަލައިގަންނަމުންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން މެންދުރު 1:00 އާއި ހަމައަށެވެ.

ފިޠުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށްވެސް ހަމަޖެހިފައިވާއިރު، ދިރާގުގެ ދިރާގުޕޭ، އުރީދޫގެ އެމްފައިސާ، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ، އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާއި ހަމައަށް ޒަކާތް ދެއްކޭނެއެވެ. އަދި އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނީ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މާލެ ސިޓީ ފިޔަވައި ރަށްރަށުން ފިތުރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ އެ ރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލުންނެވެ. ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯއަށްވާ ފައިސާއިންނެވެ.

އެގޮތުން އާދައިގެ ހަނޑުލުން 12 ރުފިޔާ، ތައިލެންޑު ހުދު ހަނޑުލުން 77 ރުފިޔާ، ރަތް ހަނޑުލުން 72 ރުފިޔާ، ބާސްމަތީ ހަނޑުލުން 77 ރުފިޔާ، އެންމެ މޮޅު ބާސްމަތީ ހަނޑުލުން 132 ރުފިޔާ، އާދައިގެ ފުށުން 12 ރުފިޔާ އަދި އާޓާ ފުށުން 75 ރުފިޔާ ނެގޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އެމީހަކު ބޭނުން ރަށަކަށް އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ހަމަޖައްސާފައެވެ. އޮންލައިން ޕްލެޓްފޯމްތަކުން ފިތުރު ޒަކާތް ދައްކާކަމުގައި ވާނަމަ، ސެންޓްރަލް އެކައުންޓަކަށް އެފައިސާ ޖަމާވެގެން މާލޭގެ ފަގީރުންނަށް އެފައިސާ ބެހުން ނިމުމަކަށް ވަނީ ގެނެވިފައެވެ.

އެގޮތުން މިފަހަރު ގެނެވުނު އެއް ބަދަލަކީ ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ އެމީހަކު ފައިސާ ދައްކަން ބޭނުންވާ ރަށެއްގެ ޕޯޓަލް މެދުވެރިކޮށް ހިޔާރު ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެއްސުމެވެ. އަދި އެފައިސާ ރަމަޟާން މަސް ނިމޭއިރު ކައުންސިލްތަކަށް ޖަމާކުރެވިގެން ދިޔުމެވެ.

- ކޮމެންޓް