ކ. މާލެ
|
19 އޭޕްރިލް 2022 | އަންގާރަ 20:54
ވެޓަރެންސް ލީގުގައި މޭޓްސް އާއި ހުޅުމާލެ ބައްދަލުކުރި މެޗުގެ ތެރެއިން
ވެޓަރެންސް ލީގުގައި މޭޓްސް އާއި ހުޅުމާލެ ބައްދަލުކުރި މެޗުގެ ތެރެއިން
އަދަދު
ވެޓަރެންސް ލީގު
ހުޅުމާލެ ވެޓަރެންސް ފައިނަލްއަށް
ހުޅުމާލެއާއި މޭޓްސް ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން

މައިލޯ އެފްއޭއެމް ވެޓަރެންސް ލީގުގައި މޯލްޑިވްސް ސޮކަރ މޭޓްސްއާއި އެއްވަރުކޮށް ހުޅުމާލެ ވެޓަރެންސް މުބާރާތުގެ ފައިނަލުން ޖާގައެއް ކަށަވަރު ކޮށްފިއެވެ.

ހުޅުމާލެއާއި މޭޓްސް ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. މެެޗުގައި ފުރަތަމަ ލީޑުނެގީ މޯލްޑިވްސް ސޮކަރ މޭޓްސް އިންނެވެ. މެޗުގެ 20 ވަނަ މިނިޓްގައި މޭޓްސްގެ ލަނޑު ޖެހީ އެޓީމުގެ ފޯވާޑް، އަހުމަދު މަމްދޫހު (ފެނާންޑޯ) އެވެ. އޭނާ މި ލަނޑު ޖެހީ މުހުތާރް ނަސީރު (ޓޫކިލޯ) ޖެހި ބޯޅައަކުންނެވެ. އޭގެ އިރުކޮޅެއް ފަހުން ޓޫކިލޯ ކަކުލަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ. ހުޅުމާލެ ވެޓަރެންސް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 52 ވަނަ މިނިޓްގައި އިސްމާއިލް މުހައްމަދު (އިއްސެ) ޖެހި ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިީވެސް އިއްސެއެވެ. މެޗުން މޮޅުވާން ވެސް ހުޅުމާލެ ވެޓަރެންސް އަށް ފުރުސަތު ލިބުނު ނަމަވެސް ބޭނުމެއް ނުހިފުނެވެ.

ހަތް ޓީމުގެ މެދުގައި ކުޅޭ ލީގު ބުރުން އެއްވަނަ އަދި ދެވަނަ ފައިނަލަށް ހޮވޭއިރު، މިއަދުގެ ނަތީޖާއާއެކު ހުޅުމާލެ ވެޓަރެންސް ވަނީ ގަދަ ދެޓީމުގެ ތެރެއިން ޖާގައެއް ޔަގީންކޮށްފައެވެ. ހުޅުމާލެ ވެޓަރެންސް އަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ދެން ދެޓީމަކަށް އެއަށްވުރެ އިތުރަށް ޕޮއިންޓެއް ނުހޯދޭނެއެވެ. ދެވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ސޮކަ މޭޓްސްއަށް ވަނީ ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައެވެ.

އެފްއޭއެމްއާއި ގުޅިގެން ކްލަބް އިވެންޓްސް އިން މިފަހަރުގެ މުބާރާތް އިންތިޒާމް ކުރާއިރު، މުބާރާތް އަލުން ބާއްވަން ފަށާފައި މިވަނީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްޞަކޮށްފައިވާ މުބާރާތުގައި މިފަހަރު 7 ޓީމު ވާދަ ކުރެއެވެ. މުބާރާތުގައި ކޮންމެ ޓީމެއްގައިވެސް ތަންކޮޅެއް އުމުރުން ހަގު ބައެއް ކުޅުން ތެރިން ބައިވެރި ކުމުގެ ފުރުސަތު އޮވެއެވެ. މިގޮތުން ކޮންމެ ޓީމެއްގައިވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމަނަން ފުރުޞަތު ލިބެއެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ދަ ގްރާންޑޭ ކުޅޭނީ އީގަލްސްއާ އެވެ. މެޗު ފަށާނީ 16:30 ގައެވެ.

- ކޮމެންޓް