އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރި ފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި ކަމަށް ދެކުނު ކޮރެއާ އިން ބުނެފިއެވެ.
އެންޓި-ޝިޕް ކްރޫޒް މިސައިލަކީ ބޮޑެތި ކަނޑުބޯޓު ފަހަރާ ދެކޮޅަށް ބޭނުން ކުރާ މިސައިލެކެވެ. އޮފިޝަލުން ބުނާ ގޮތުން މިސައިލްތައް އުތުރު ކޮރެއާ އިން ލޯންޗްކޮށްފައި ވަނީ ބުރާސްފަތި ދުވަހު ހެނދުނުއެވެ. އުތުރު ކޮރެއާ އިން ފޮނުވާލި އެންޓި-ކްރޫޒް މިސައިލްއަކީ ކުރު ރާސްތާއަށް ދަތުރު ކުރާ މިސައިލްތަކެކެވެ. އެ މިސައިލްތައް ކަނޑަށް ވެއްޓުމުގެ ކުރިން 200 ކިލޯމީޓަރަށް ދަތުރުކޮށްފައިވާ ކަމަަށް ރިޕޯޓުތައް ބުނެއެެވެ.
މިއަހަަރު އުތުރު ކޮރެއާ އިން ތަކުރާރުކޮށް ބެލިސްޓިކް މިސައިލްތައް ޓެސްޓްތައް ކުރަމުންދާ އިރު، ހުރިހާ މިސައިލްތަކެއް ކާމިޔާބެއް ނޫނެވެ.
ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުން އުތުރު ކޮރެއާ އިން މިސައިލްތައް ޓެސްޓް ކުރަމުން ގޮސް ބޭނުމަކީ މިސައިލެއްގައި ނިއުކްލިއާ ވޯހެޑް އެޅުވުމެވެ.
އެންމެ ފަހުން އުތުރު ކޮރެއާ އިން މި ކުރި އެންޓި-ޝިޕް ކްރޫޒް މިސައިލް ޓެސްޓަކީ އދ. އިން އުތުރު ކޮރެއާއާ ދެކޮޅަށް ނެރެފައިވާ ގަރާރުތަކާ ހިލާފު ޓެސްޓެއް ނޫނެވެ. ގަރާރުތަކުގައި ބަޔާންވެގެން ވަނީ ބެލިސްޓިކް މިސައިލް ޓެސްޓް ކުރުމެވެ.
ދެކުނު ކޮރެއާގެ އަސްކަރިއްޔާގެ ތަރުޖަމާނު ރޮ ޖެއި-ޗޮން ވިދާޅުވީ އެންމެ ފަހުން އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓްތަކުން ދޭހަކޮށް ދޭން އެގައުމުން މަަސައްކަތް ކުރަނީ ސީދާ ވަކި ހަނގުރާމައިގެ ބޯޓަކަށް އަމާޒުކޮށް ހަމަލާއެއް ދެވިދާނެ ކަމެވެ.