ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 14:22
ޔޫއޭއީން ބުނާގޮތުގައި ޤަތަރަށް ތާއީދުކޮށް އޮންލައިންކޮށް ޚިޔާލު ފާޅުކުރުމަކީ ކުށެއް
ޔޫއޭއީން ބުނާގޮތުގައި ޤަތަރަށް ތާއީދުކޮށް އޮންލައިންކޮށް ޚިޔާލު ފާޅުކުރުމަކީ ކުށެއް
ގޫގުލް
ގަތަރުގެ މައްސަލަ
ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ
3 އަހަރާ 15 އަހަރާ ދެމެދުގެ ޖަލު ޙުކުމަކާ ކުރިމަތިލާން ޖެހިދާނެ
5 ލައްކަ ދިރުހަމުން ޖޫރިމަނާވެސް ކުރެވޭނެ
ޤަތަރު އެކަހެރި ކުރުމަކީ ޓެރަރިޒަމް ނައްތާލުމުގެ ފެށުން

ޤަތަރަށް ތާޢީދުކޮށް، ނުވަތަ ޤަތަރުގެ ހާލަތާއި މެދު ހިތާމަ ފާޅުކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމަކީ ޤާނޫނުގެ ދަށުން އަދަބު ލިބޭނެ ސައިބަރ ކުށެއްކަމަށް، ދާދިފަހުން ޤަތަރާއި ގުޅުން ކަނޑާލި އެކުވެރި އަރަބި އިމާރާތުގެ ޖެނެރަލް ޕްރޮސެކިއުޓަރ ހަމަދު ސައިފް އަލް ޝަމްސީ ވިދާޅުވެއްޖެއެވެ.

ޝަމްސީ ވިދާޅުވީ، ޤަތަރަށް ތާޢިދުކޮށް އޮންލައިން ޕްލެޓްފޯމްތަކުގައި ޚިޔާލު ފާޅުކުރާ އެ ޤައުމުގެ ރައްޔިތުން، ޤާނޫނުގެ ދަށުން 3 އަހަރާއި 15 އަހަރާއި ޖެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށާ، ނުވަތަ 500،000 ދިރުހަމުން ޖޫރިމަނާކުރެވޭނެ ކަމަށެވެ.

އެކުވެރި އަރަބި އިމާރާތުން ބުނީ، މިފަދަ ނިންމުމެއް ނިންމަން ޖެހުނީ ޤަތަރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުން ގެއްލެމުންދާތީ ކަމަށެވެ.

ސައުދީން އިސްވެ ޤަތަރާއި ސިޔާސީ ގުޅުން ކަނޑާލިފަހުން، 7 ޤައުމަކުން ވަނީ ސައުދީން މިސާލު ނަގައި، ޤަތަރާއިއެކު އޮތް ގުޅުންތައް ކަނޑާލާފައެވެ. އެ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ، އެކުވެރި އަރަބި އިމާރާތް، ބަޚްރެއިން، މިޞްރު، ޔަމަން، ދިވެހިރާއްޖެ، މޮރީޝަސް އަދި މޮރިޓޭނިއާއެވެ. މި ޤައުމުތަކުން ތުޙުމަތުކުރާ ގޮތުގައި އީރާނުގެ އެހީއާއި މަސައްކަތްކުރާ ޓެރަރިސްޓު ޖަމާޢަތްތަކާއި، އެ ޖަމާޢަތްތަކަށް ނިސްބަތްވާ ފަރާތްތަކަށް ޤަތަރުން ހިމާޔަތް ދިނުމުގެ ސަބަބުން ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކާތެރިކަމަށް ދަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވަމުންނެވެ.

ގަލްފާއި ގަލްފުން ބޭރުގެ ބައެއް ޤައުމުތަކުން ޤަތަރާއި ގުޅުން ކަނޑާލާފައިވާއިރު، ޤަތަރު އެކަހެރި ކުރުމަކީ ޓެރަރިޒަމް އޭގެ ޒާތުގައި ނިމުމުގެ ފެށުން ކަމަށް އެމެރިކާގެ ރައީޗް ޑޮނާލްޑް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް