ރިސޯޓް ކުލީގެ ގޮތުގައި ނުލިބި ހުރި ފައިސާ އަހަރުން އަހަރަށް އިތުރުވަމުންދާތީ އޮޑިޓަރ ޖެނެރަލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މީރާގެ 2020ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ރިސޯޓް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 16.9 ބިލިއަން ރުފިޔާ ނުލިބި އެބައޮތެވެ. ދައުލަތުގެ އާމްދަނީގެ ގޮތުގައި މީރާއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ 78 އިންސައްތައަކީ ރިސޯޓުތަކުގެ ކުއްޔާއި، އެއާ ގުޅޭ ޖޫރިމަނާގެ ފައިސާއެވެ.
ޓޫރިސްޓް ރިސޯޓުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ 16.9 ބިލިޔަން ރުފިޔާގެ ތެރެއިން 13.5 ބިލިޔަން ރުފިޔާއަކީ ޖޫރިމަނާ އަދި އިންޓްރަސްޓްގެ ގޮތުގައި ލިބެން ޖެހޭ ފައިސާ އެވެ.
ދައުލަތުގެ އާމްދަނީގެ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަކަން އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. މިގޮތުން 31 ޑިސެންބަރު 2020ގެ ނިޔަލަށް 21,658,223,003 (އެކާވީސް ބިލިޔަން ހަ ސަތޭކަ ފަންސާސް އަށް މިލިޔަން ދުއިސައްތަ ތޭވީސް ހާސް ތިނެއް) ރުފިޔާ މީރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ ގޮތުގައި މީރާގެ ރިކޯޑުތަކުން ދައްކައެވެ.
ހިސާބުތަކުން ދައްކާގޮތުން، މީރާއަށް ނުލިބި ހުރި ފައިސާގެ އަދަދު 2016 އިން 2020 އަށް %264 (ދުއިސައްތަ ފަސްދޮޅަސް ހަތަރެއް އިންސައްތަ) ވަނީ އިތުރުވެފައިވެއެވެ.
ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން 2020ވަނަ އަހަރުގެ ނިޔަލަށް ނުލިބި ހުރި ފައިސާ:
- ރިސޯޓް ތަކުގެ ކުލި - 16.9 ބިލިއަން ރުފިޔާ
- ވިޔަފަރި ފައިދާއިން ނެގޭ ޓެކްސް - 1.8 ބިލިއަން ރުފިޔާ
- މުދަލާއި ޚިދުމަތުން ނެގޭ ޓެކްސް - 1.6 ބިލިއަން ރުފިޔާ
- ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނެގޭ ޓެކްސް - 642 މިލިއަން ރުފިޔާ
- އެހެނިހެން އާމްދަނީ އާއި ޖޫރިމަނާ - 632.3 މިލިއަން ރުފިޔާ
އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ދައުލަތުގެ އާމްދަނީގެ ގޮތުގައި މީރާއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދު، އަދި ޚާއްސަކޮށް ރިސޯޓުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން މި ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތަކުގެ ގޮތުގައި ފާހަގަކުރެވޭ ކަންކަން ހައްލުކުރުމާއި ގުޅޭގޮތުން، އަދި މިފައިސާ ހޯދުމުގައި މިހާރު އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް ފިނޭންސް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ކަމާބެހޭ އެހެނިހެން އިދާރާތަކާއި މަޝްވަރާކުރެއްވުމަށް އޮޑިޓަރ ޖެނެރަލް އެދިވަޑައިގެންނެވިއެވެ.
އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ދައުލަތުގެ އާމްދަނީގެ ގޮތުގައި ނުލިބި ހުރި ފައިސާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.