މައިލޯ އެފްއޭއެމް ވެޓަރެންސް ލީގުގައި ދިވެހި ސިފައިންގެ ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.
މެޗު ނިމުނީ 3-3 ންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ގްރީންއިންނެވެ. ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ގްރީންއަށް ލީޑު ނަގައިދިނީ އިބްރާހިމް މަމްނޫންއެވެ. ނަމަވެސް މެޗުގެ 30 ވަނަ މިނެޓުގައި ސިފައިންގެ ޓީމުގެ އިބްރާހިމް ފަޒަލް ލަނޑެއް ޖަހާ ސިފައިންނަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އަނެއްކާވެސް ގްރީންއަށް ލީޑު ނަގައިދިނީ އިލްޔާސް އިބްރާހިމްއެވެ.
ދެވަނަ ހާފުގައި ކުޅެން ނިކުމެ ސިފައިން ވަނީ ދެލަނޑު ޖަހާ ލީޑު ނަގާފައެވެ. ލަނޑުތައް ޖަހައިދިނީ އަފްރާހް އިބްރާހިމް އާއި އަހްމަދު ޝާމިންއެވެ. ނަމަވެސް ގްރީންގެ މަމްނޫން ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާ އެއްވަރު ކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ދެލަނޑު ޖެހި ގްރީންގެ މަމްނޫންއެވެ.
މިމެޗުން ލިބުނު ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް އޮތީ ހަ ވަނައިގަ އެވެ. ޖެހިޖެހިގެން ތިން ވަނަ މެޗު އެއްވަރުކޮށް ސިފައިން އޮތީ ފަސް ވަނައިގައެވެ.
އެފްއޭއެމްއާއި ގުޅިގެން ކްލަބް އިވެންޓްސް އިން މިފަހަރުގެ މުބާރާތް އިންތިޒާމް ކުރާއިރު، މުބާރާތް އަލުން ބާއްވަން ފަށާފައި މިވަނީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްޞަކޮށްފައިވާ މުބާރާތުގައި މިފަހަރު 7 ޓީމު ވާދަ ކުރެއެވެ. މުބާރާތުގައި ކޮންމެ ޓީމެއްގައިވެސް ތަންކޮޅެއް އުމުން ހަގު ބައެއް ކުޅުން ތެރިން ބައިވެރި ކުމުގެ ފުރުސަތު އޮވެއެވެ. މިގޮތުން ކޮންމެ ޓީމެއްގައިވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމަނަން ފުރުޞަތު ލިބެއެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި މޯލްޑިވްސް ސޮކަރ މޭޓްސް ބައްދަލުކުރާނީ ހުޅުމާލެ ވެޓަރެންސްއާއެެވެ. މެޗު ފަށާނީ އެފްއޭއެމް ޓަރފްގައި 16:30 ގައެވެ.