ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ކެބިނެޓަށް 17 މިނިސްޓަރުން އައްޔަނުކުރައްވައިފިއެވެ.
ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން ހޯމަ ދުވަހު ކެބިނެޓަށް އައްޔަނުކުރެއްވި ބޭފުޅުންގެ ތެރޭގައި ރާޖަޕަކްސަ އާއިލާއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅަކު ނެތެވެ. އެހެން ނަމަވެސް ބޮޑުވަޒީރު ކަމުގެ މަގާމުގައި އަދިވެސް ހުންނެވީ މަހިންދަ ރާޖަޕަކްސައެވެ.
ސްރީ ލަންކާއަށް މިނިވަންކަން ލިބުނުފަހުން އެގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ 22 މިލިއަން މީހުންގެ އާބާދީއަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ދުވަހުގެ ބޮޑުބައެއް ކަރަންޓާ ނުލައި ހޭދަކުރަން ޖެހޭ އިރު، ކާބޯތަކެއްޗާ ބޭސް އަދި ތެޔޮ ގަތުމުގައި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
އެގައުމުގެ ފޮރިން ރިޒަރވް ދަށްވުމުގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ކާރިސާއާއެކު ލަންކާއިން ވަނީ އައިއެމްއެފްއާ އެކު މަޝްވަރާތައް ކުރެވެންދެން އެގައުމުން ދައްކަން ޖެހޭ ބޭރުގެ ދަރަނިތައް ދެއްކުން މަޑުޖައްސާލަން ނިންމައި ރިޒަރވްގައި ހުރި ފައިސާއިން ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ހަރަދުކުރަން ނިންމާފައެވެ. މި ނިންމުމަށް އައިއެމްއެފް އިން ތައުރީފުކޮށްފައިވާއިރު، މި ހޯމަ ދުވަހު އައިއެމްއެފްއާ އެކު މަޝްވަރާތައް ފެށުމަށްވެސް ވަނީ ނިންމާފައެވެ.
ރައީސް ގޮތަބަޔާގެ ކެބިނެޓަށް އިތުރު މިނިސްޓަރުން އައްޔަނު ކުރައްވާފައި މިވަނީ މި މަޝްވަރާތައް ފެށުމަށް ކައިރިވެފައިވަނިކޮށެވެ.
ގައުމުގެ އިގުތިސާދީ ހާލަތު ގޯސްވުމާ ގުޅިގެން ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެ ކެބިނެޓުގެ ހުރިހާ މެމްބަރުން އިސްތިއުފާދެއްވިއެވެ. އޭގެ ފަހުން މަޖިލީހުގައި ހިމެނޭ ހުރިހާ ޕާޓީއެއް ގުޅިގެން ހުރިހާ ޕާޓީއެއް އެކުލެވޭ ސަރުކާރެއް އެކުލަވާލަން ރައީސް ގޮތަބަޔާ ހުށަހެޅުއްވިއެވެ. ނަމަވެސް އިދިކޮޅުން މި ހުށަހެޅުން ބަލައެއް ނުގަތެވެ. އިދިކޮޅުން ގޮވާލަމުން ދިޔައީ ރައީސް އާއި ބޮޑުވަޒީރުގެ އިސްތިއުފާއަށެވެ.
ކެބިނެޓަށް އަލަށް އައްޔަނުކުރެވުނު 17 މެމްބަރުންގެ ތެރެއިން ކުރީގެ ކެބިނެޓުގައި ހިމެނުނު ފަސް މެމްބަރުން ހިމެނެއެވެ. އަދި އައްޔަނު ކުރެވުނު ގިނަ މެމްބަރުންނަކީ ސަރުކާރު ހިއްސާވާ ޕާޓީ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާގެ މެމްބަރުންނެވެ.
ސަރުކާރުގެ ކެބިނެޓަށް އިތުރު މެމްބަރުން އައްޔަނުކުރެވުނުކަން ބަޔާންކޮށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ވަނީ ކެބިނެޓުގައި ރައީސް އަދި ބޮޑުވަޒީރުގެ މަގާމު ބަދަލުނުވާކަމަށް ބުނެފައެވެ.
މިހާރުގެ ކެބިނެޓުގައި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ފިޔައި ރާޖަޕަކްސަ އާއިލާއަށް ނިސްބަތްވާ އެހެން ބޭފުޅެއް ހިމެނިވަޑައި ނުގަންނަވާއިރު، ކުރިން ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ބަސިލް ރާޖަޕަކްސަ އާއި ޗަމަލް ރާޖަޕަކްސަގެ އިތުރުން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމަލް ރާޖަޕަކްސަވެސް އަލުން ކެބިނެޓަށް އައްޔަނުކުރައްވާފައެއް ނުވެއެވެ.
ލަންކާގެ ވެރިރަށް ކޮލޮމްބޯގައި ރައީސް އޮފީސް ކުރިމަތީގައި އެތައް ހާސް އާންމުންނެއް މުޒާހަރާ ކުރާތާ މިހާރު ހަފުތާއަކަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ ރައީސް ރާޖަޕަކްސަ އާއި ބޮޑުވަޒީރު ރާޖަޕަކްސަގެ އިސްތިއުފާއަށެވެ.