ޤަތަރުގައި އޮންނަ ތުރުކީގެ އަސްކަރީ ބޭސްއަށް އެ ގައުމުގެ ސިފައިން ފޮނުވުމަށް ތުރުކީގެ ޤާނޫނުހަދާ މަޖިލީހުން ރުހުން ދީފިއެވެ.
އެންމެ ފުރަތަމަ މެއި މަހު ޑްރާފްޓްކުރި މި ބިލް ބުދަދުވަހު ފާސްކޮށްފައިވަނީ ވެރިކަންކުރާ އޭކޭ ޕާޓީއާ އިދިކޮޅު ނޭޝަނަލިސްޓް ޕާޓީގެ ތާއީދު ފުޅާދާއިރާއެއްގައި ލިބިގެން 240 ވޯޓުންނެވެ.
މިއީ މެދުއިރުމަތީގެ ބައެއް ބާރުތަކުން ޚާރިޖީ އަދި ވިޔަފާރީގެ ގުޅުން ކަނޑާލައި އެކަހެރި ކޮށްފައިވަނިކޮށް އެގައުމަށް ލިބިގެންދިޔަ އެންމެބޮޑު އެއްބާރުލުމެވެ.
ތުރުކީއަކީ ޤަތަރުގެ އެންމެ ގާތް ގައުމު ކަމަށްވާއިރު އެ ގައުމުން ގެންދަނީ ޤަތަރުގައި އަސްކަރީ ބޭސްއެއް ގާއިމްކުރުމުގެ މަސައްކަތްކުރަމުންނެވެ.
އެމެރިކާއިން މެދުއިރުމަތީގައި ގާއިމްކޮށްފައިވާ އެންމެ ބޮޑު އަސްކަރީ ބޭސް ވެސް އޮންނަނީ ގަތަރުގައެވެ.
ސައުދީ އަރްބިއްޔާ އާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ވަނީ ހައްދުފަހަނައަޅާފައިވާ ޓެރެރިސްޓް ގްރޫޕްތަކަށް ގަތަރުން މާލީއެހީ ދޭކަމަށް ތުހުމަތުކޮށް ހޯމަދުވަހު ގަތަރާ ގުޅުން ކަނޑާލައި އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރުން ވެސް ގަތަރަށް މަނާކޮށްފައެވެ.
އެ ތުހުމަތު ޤަތަރުން ވަރުގަދައަށް ދޮގުކުރެއެވެ. މިއީ މި ފަހުގެ ތާރީޚުގައި އަރަބި ބާރުތަކުގެ މެދުގައި އުފެދުނު މިފަދަ އެންމެ ބޮޑު ޚިލާފެއެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރުދޮޣާން ވަނީ އަރަބި ގައުމުތަކުން އެޅިފިޔަވަޅަށް ފާޑުވިދާޅުވެފައެވެ.
އޮރްދޮޣާން ވަނީ ޤަތަރަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި އެކަހެރި ކުރުމަކުން ހައްލުވާނެ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށާއި މައްސަލަ ނިމުމަކަށް ގެނައުމަށް އަންކާރާއިން އެޅުނުހާ ބާރެއް އަޅާނެ ކަމަށެވެ.
ތުރުކީއިން އަންނަނީ ޤަތާރާއި އަދި ހަމައެއާ އެކު ގަލްފުގެ އަރަބި އެތައް އަވަށްޓެރި ގައުމަކާ އެކު ބަދަހި ގުޅުންތަކެއް ބާއްވަމުންނެވެ.
ތުރުކީއިން ޤަތަރުގައި އަސްކަރީ ބޭސްއެއް ގާއިމްކޮށްފައިވާއިރު މިއީ 2014 ވަނަ އަހަރު ވީ އެއްބަސްވުމުގެ ދަށުން މެދުއިރުމަތީގައި އެގައުމުން ގާއިމްކުރި ފުރަތަމަ ބޭސްއެވެ.