ކ. މާލެ
|
17 އޭޕްރިލް 2022 | އާދީއްތަ 22:53
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން
ގެޓީ އިމޭޖަސް
އިންޑިއާ-ޔޫކޭ ގުޅުން
އިނގިރޭސި ބޮޑުވަޒީރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވަނީ
މި ދަތުރުފުޅުގައި އިންޑިއާ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ އިގުތިސާދީ، ހާރިޖީ އަދި ސްޓްރެޓެޖިކް ޑިފެންސް ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ
މިދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ބައްދަލުކުރައްވާނެ
ޖޯންސަން އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިހަފުތާގެ ބުރާސްފަތި ދުވަހު

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައިފިއެވެ.

ރޮއިޓރަސްގައި ރިޕޯޓުކޮށްފައިވާގޮތުން ޖޯންސަން އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިހަފުތާގެ ބުރާސްފަތި ދުވަހުއެވެ. މިދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޖޯންސަންގެ މި ދަތުރުފުޅުގައި އިންޑިއާ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ އިގުތިސާދީ، ޚާރިޖީ އަދި ސްޓްރެޓެޖިކް ޑިފެންސް ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރޮއިޓާސް ރިޕޯޓު ކުރެއެވެ. އަދި ދެގައުމުގެ ދެމެދު ފްރީ ޓްރޭޑް ޑީލް އެކުލަވާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށްވެސް ވެއެވެ. މި ފްރީ ޓްރޭޑް ޑީލް އެކުލަވާލެވިއްޖެ ނަމަ އިނގިރޭސިވިލާތުގެ ވިޔަފާރިއަށް ބޮޑުފައިދާއެއް ކުރާނެ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. މިގޮތުން 2035 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކުހެން 36.5 ބިލިއަން ޑޮލަރުގެ ފައިދާ ލިިބެމުންދާނެ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

ނަމަވެސް ޖޯންސަން އިންޑިއާ އަށް ކުރައްވާ މިދަތުރުފުޅުގެ ނަތީޖާ އެންމެ ފުރިހަމަ ގޮތުގައި ނެރެވޭނެތޯ އެނަލިސްޓުން ސުވާލު އުފައްދައެވެ. ސަބަބަކީ ރަޝިއާ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އިންޑިއާއިން ގެންގުޅެމުންދާ އުސޫލުތަކުގެ ސަބަބުންނެވެ.

ހުޅަނގުގެ ގައުމުތަކުން އިންޑިއާއިން ރަޝިއާއެކު ބާއްވާ ގުޅުން ކުޑަކުރުމަށް ގޮވާލަމުންދިޔަ ނަމަވެސް އެކަމަށް އެގައުމުން މާބޮޑު ސަމާލުކަމެއް ނުދެއެވެ. މިކަމުގެ ސަބަބުން ހުޅަގުން ދަނީ އިންޑިއާގެ މި އުސޫލުތަކަށް ފާޑުކިޔަމުންނެވެ.

އިނގިރޭސި ބޮޑުވަޒީރުގެ މިދަތުރުފުޅުގައި އިންޑިއާ އާއެކު ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ހާލަތާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވަން ހަމަޖެހިފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް
18 އޭޕްރިލް 2022 | ހޯމަ 05:11
އަންނައުނު
ރަޝިޔާ ސައިޒް ކޮއްލީމަ މިހާރު އިންޑިއާއައް ސަލާންޖަހަން.