ތެލާއި ކަރަންޓުގެ ސަބްސިޑީ ކަނޑާނުލާނެކަމަށް ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ޝަހްބާޒް ވަނީ, ތެލުގެ ސަބްސިޑީ ކަނޑާނުލާނެކަމަށާއި, ވެރިކަމަށް އައިސް މާ ގިނަ ދުވަސްތަކެއްނުވެ އެފަދަ ފިޔަވަޅެއް އަޅުއްވައިފިނަމަ ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވާނެ ކަމަށް ވިދާޅުވެއެވެ.
ފެބްރުއަރީ މަހުގެ ތެރޭގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ވަނީ, އެގައުމުން ޕެޓްރޯލާއި ކަރަންޓުން ނަގަމުން އައި ޓެރިފްތައް ކުޑަކޮށް ސަބްސިޑީ ދޭން ނިންމަވާފައެވެ. ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް އިމްރާން ނިންމެވި މިނިންމުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާ މިދަނޑިވަޅުގައި ޕާކިސްތާނުގެ ސަރުކާރަށް 2.1 ބިލިއަން ޑޮލަރުގެ ގެއްލުންވާނެކަމަށް ލަފާކުރެވިފައިވާކަމަށާއި, ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް އެގައުމުގެ ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވެއެވެ.
މީގެ ސަބަބުން ޕާކިސްތާނުން އައިއެމްއެފާއެކު ކުރިއަށްގެންދިޔަ ރެސްކިއު ޕްރޮގްރާމްގެ މަޝްވަރާތަކަށްވެސް ވަނީ ބުރުއަރާފައެވެ.
ތެލުގެ ސަބްސިޑީ ދިނުން ކުރިއަށް ގެންދާނަމަ އޭގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށާއި, އެއީ މިހާރު ދައުލަތަށް އުފުލޭނެ ބުރައެއް ނޫން ކަމަށް ޕާކިސްތާންގެ ފިނޭންސް ސެކެޓްރީ ހަމެދް ޔައުގޫބް މީގެ ކުރިން ވިދާޅުވެފައި ވީނަމަވެސް، ބޮޑުވަޒީރު ޝަހްބާޒް މިވަނީ ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވިޔަ ނުދިނުމަށް ތެލުގެ އަގު ބޮޑުނުކޮށް ހިފޭޓުމަށް ނިންމަވާފައެވެ.
ހަމެދް ވަނީ ސަބްސިޑީސް މިގޮތަށް ދޭނަމަ އައިއެމްއެފާއެކު އެއްބަސްވެފައިވާ 'ބެލެންސް' ހޯދުމަށް ސަރުކާރުން ކުރަމުން އަންނަ އެހެން ޚަރަދުތައް ވަރަށް ބޮޑަށް ކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ.
ބޮޑުވަޒީރު ޝަހްބާޒްގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ލަފާކުރެވޭ، އަދި ޝަޖްބާޒްގެ އެންމެ އަރިސް އެއް ބޭފުޅާކަމަށްވާ މިފްތާހް އިސްމާއިލް ވަނީ ޕާކިސްތާންގެ ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 10 އިންސައްތައަށް އުފުލިގެން ދިއުން އެކަށީގެންވާކަމަށް ވިދާޅުވެފައެވެ.
ޕާކިސްތާންގެ ފިނޭންސް މިނިސްޓްރީއާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާ ގޮތުން, އެމިނިސްޓްރީން ދިޔައީ އިމްރާން ޚާންގެ ސަރުކާރާއެކުވެސް އެގައުމުގެ އިގުތިސާދު މިހާރު އޮތް ހާލަތާ ގުޅޭގޮތުން މަޝްވަރާތައް ކުރަމުންނެވެ. އަދި އައު ސަރުކާރާއެކުވެސް މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށް އެމިނިސްޓްރީން ބުނެއެވެ. އެގޮތުން ސަބްސިޑީގެ ގޮތުގައި ދެމުން އަންނަ އަދަދު ދެތިން މަސް ދުވަހަށް ބަހާލައިގެން ކުޑަކުރުމަށް ސަރުކާރަށް ހުށަހަޅާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މިގޮތަށް އަމަލުކުރުމުން ކުއްލިއަކަށް ރައްޔިތުންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ނުޖެހި މިކަން ކުރެވޭނެ ކަމަށާއި, މިގޮތަށް އަމަލުކުރާނީތޯ ނުވަތަ ނޫންތޯ ނިންމުމުގެ ބާރު މިހާރު އޮތީ ސިޔާސީ ލީޑަރުންގެ ބާރުގެ ދަށުގައި ކަމަށް ވެސް ވަނީ ބުނެފައެވެ.