ކ. މާލެ
|
14 އޭޕްރިލް 2022 | ބުރާސްފަތި 21:52
ސިފައިންގެ ކްލަބާއި މޭޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
ސިފައިންގެ ކްލަބާއި މޭޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
އަދަދު
ވެޓަރެންސް ލީގު
ސޮކަ މޭޓްސް އާއި ސިފައިންގެ މެޗު އެއްވަރުވެއްޖެ
މެޗު ނިމުނީ 4-4 ން އެއްވަރުވެގެން

މައިލޯ އެފްއޭއެމް ވެޓަރެންސް ލީގު 2022 ގައި މޯލްޑިވްސް ސޮކަ މޭޓްސް އާއި ދިވެހި ސިފައިންގެ ކްލަބު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. މެޗު ނިމުނު އިރު ނަތީޖާ އަކީ 4-4 އެވެ.

މި މެޗުން މޮޅުވެގެން، ލީގުގެ ކުރީގައި އޮތް ހުޅުމާލެ ވެޓަރެންސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ޕޮއިންޓުގެ ގޮތުން އެއްވަރު ކުރުމުގެ ފުރުސަތު ސޮކަ މޭޓްސްއަށް އޮތެވެ. އެކަމަކު، ފަހު ވަގުތު ސިފައިން ދެލަނޑު ޖަހައި، އެއްވަރުކުރުމުން ސޮކަ މޭޓްސްއަށް މި ވަނީ މުހިންމު ޕޮއިންްޓްތަކެއް ގެއްލިފައެވެ.

ލީގު ބުރުގެ އެއްވަނައިގައި އޮތް ހުޅުމާލެ ވެޓަރެންސް ކްލަބާއި ދެ ވަނައިގައި އޮތް ދަ ގްރާންޑޭއަށް ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ. ހުޅުމާލެ ވެޓަރެންސް އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ތިން ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ސޮކަ މޭޓްސްއެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި ސިފައިންގެ ކްލަބަށް ލީޑު ނަގައިދިނީ އަހުމަދު ފަޒަލްއެވެ. ނަމަވެސް މެޗުގެ 23 ވަނަ މިނިޓްގައި އަހުމަދު މަމްދޫހު ވަނީ ސޮކަ މޭޓްސްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެ މިނެޓެއް ފަހުން ފަޒަލް ވަނީ އިތުރު ލަނޑެއް ޖަހައި ސިފައިންނަށް ލީޑު ނަގައިދީފައެވެ.

ދެވަނަ ހާފަށް ނުކުމެ، ސޮކަ މޭޓްސްއިން ވަނީ އަށް މިނިޓް ތެރޭ ދެ ލަނޑު ޖަހައި، އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މި ލަނޑުތައް ޖެހީ ސޮކަ މޭޓްސްގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ އާއި މަމްދޫހުއެވެ. އަދި މެޗުގެ 50 ވަނަ މިނިޓްގައި އަލީ ނާސިފް ވަނީ ސޮކަ މޭޓްސްއަށް ހަތަރު ވަނަ ލަނޑެއް ޖަހައިދީ، އެޓީމަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ.

ނަމަވެސް މެޗު ނިމެން އެއް މިނިޓަށް ވެފައި ވަނިކޮށް ފަޒަލް ވަނީ ލަނޑެއް ޖަހައި ސިފައިންނަށް އުންމީދެއް ހޯދައިދީފައެވެ. އަދި އިތުރު ވަގުތުގައި އަހުމަދު އިރުފާން ވަނީ ލަނޑެއް ޖަހައި، ސިފައިންނަށް ޕޮއިންޓެއް ހޯދައިދީފައެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ ޓީމުގެ ފަޒަލްއެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް އަލުން ބާއްވަން ފަށާފައިވާއިރު އެފްއޭއެމްއާއި ގުޅިގެން މި ފަހަރުގެ މުބާރާތް އިންތިޒާމް ކުރަނީ ކްލަބް އިވެންޓްސް އިންނެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްޞަކޮށްފައިވާ މުބާރާތުގައި ވާދަކުރަނީ 7 ޓީމެވެ. މުބާރާތުގައި ކޮންމެ ޓީމެއްގައިވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމަނަން ފުރުޞަތު ލިބެއެވެ.

މުބާރާތުގައި ދެން މެޗެއް އޮންނާނީ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު ކުޅޭނީ ލީގުގެ ކުރީގައި އޮތް ދެ ޓީމު ކަމަށްވާ ހުޅުމާލެ ވެޓަރެންސް އާއި ދަ ގްރާންޑޭ އެވެ. މެޗު ފަށާނީ 16:30 ގައެވެ.

- ކޮމެންޓް