ކ. މާލެ
|
14 އޭޕްރިލް 2022 | ބުރާސްފަތި 18:51
ލަންކާއަށް މިނިވަންކަން ލިބުނުފަހުން ކުރިމަތިލާންޖެހުނު އެންމެ ބޮޑު އިގުތިސާދީ ކާރިސާއާއެކު އިންޑިއާ އިން ދަނީ ލަންކާއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުން
ލަންކާއަށް މިނިވަންކަން ލިބުނުފަހުން ކުރިމަތިލާންޖެހުނު އެންމެ ބޮޑު އިގުތިސާދީ ކާރިސާއާއެކު އިންޑިއާ އިން ދަނީ ލަންކާއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުން
ލަންކާއަށް އިންޑިއާއިން އެހީވުން
ލަންކާއަށް އެހީވުމަށް އިންޑިއާއިން އިތުރު 2 ބިލިއަން ޑޮލަރު
ލޯން ސްވޮޕްގެ ގޮތުގައި ލަންކާއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން އިންޑިއާއިން އޮތީ ތައްޔާރަށް ކަމަށް ސަރުކާރުގެ އޮފަޝަލަކު ވިދާޅުވި
އިންޑިއާއިން ވަނީ މިހާތަނަށް އައިރު، ލޯން، ކްރެޑިޓް ލައިން އަދި ކަރަންސީ ސްވޮޕްގެ ގޮތުގައި 1.9 ބިލިއަން ޑޮރަލު ލަންކާއަށް ފޯރުކޮށްދީފައި
ލަންކާއިން ވަނީ ތެޔޮ ގަތުމަށް އިތުރު 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ވެސް އިންޑިއާއިން ނަގާފައި

ލަންކާއަށް ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާ ގުޅިގެން އެގައުމަށް އިންޑިއާއިން އިތުރު ދެ ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާ ގޮތުން އިންޑިއާއިން ވަނީ މާލީ އެހީގެ ގޮތުގައި ލަންކާއަށް ދެ ބިލިއަން ޑޮލަރު ފޯރުކޮށްދޭން ނިންމާފައެވެ. މިއީ ކާބޯތަކެއްޗާ ތެލަށް އެގައުމުން ލަންކާއަށް ފޯރުކޮށްދެމުންދާ އެހީގެ އިތުރުން ފޯރުކޮށްދޭން ނިންމި އެހީއެއް ކަމަށް އެނޫހުގައި ވަނީ ރިޕޯޓުކޮށްފައެވެ.

ލަންކާއަށް މިނިވަންކަން ލިބުނުފަހުން ކުރިމަތިލާންޖެހުނު އެންމެ ބޮޑު އިގުތިސާދީ ކާރިސާއާއެކު އިންޑިއާ އިން ދަނީ ލަންކާއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން އިންޑިއާގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާ ގޮތުން އިންޑިއާއިން އޮތީ ލަންކާއަށް އެހިވާން ތައްޔާރަށެވެ. އެގޮތުން ލޯން ސްވޮޕްގެ ގޮތުގައި ލަންކާއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން އިންޑިއާއިން އޮތީ ތައްޔާރަށް ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލަކުން ވަނީ ލަންކާއިން އެގައުމުގެ ލޯނުތައް ނުދައްކާ މަޑުޖައްސާލަން ނިންމި ނިންމުމަކީ ކަންބޮޑުވާން ނިންމުމެއް ކަމަށާއި އެހެންނަމަވެސް އެގައުމަށް އެހީވުމަށް ދެ ބިލިއަން ޑޮލަރު ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވެފައެވެ.

ލަންކާގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ލަންކާއިން ދެ ބިލިއަން ޑޮލަރުގެ އެހީ ހޯދަނީ އެގައުމުން އެހެން ގައުމުތަކާއި އިދާރާތަކަށް ދައްކަންޖެހޭ ލޯނުތައް ދެއްކުމަށެވެ.

ރޮއިޓަރސް އިން ވަނީ މި ދެބިލިއަން ޑޮލަރުގެ އެހީއާ ގުޅޭގޮތުން އިންޑިއާ ސަރުކާރާ، ސެންޓްރަލް ބޭންކް އަދި ލަންކާގެ ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން ކުރެ އިދާރާއެއްގެ ސީދާ ބަސް ލިބިފައި ނުވާކަމަށެވެ.

އިންޑިއާއިން ވަނީ މިހާތަނަށް އައިރު، ލޯން، ކްރެޑިޓް ލައިން އަދި ކަރަންސީ ސްވޮޕްގެ ގޮތުގައި 1.9 ބިލިއަން ޑޮރަލު ލަންކާއަށް ފޯރުކޮށްދީފައެވެ. އަދި ލަންކާއިން ވަނީ ތެޔޮ ގަތުމަށް އިތުރު 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ވެސް އިންޑިއާއިން ނަގާފައެވެ.

އިންޑިއާއިން ވަނީ ލަންކާއަށް ހަނޑޫ ހަކުރު ފުއް ވެސް ބުރާސްފަތި ދުވަހުގެ ކުރިން ފޯރުކޮށްދީފައެވެ.

- ކޮމެންޓް