ކ. މާލެ
|
14 އޭޕްރިލް 2022 | ބުރާސްފަތި 07:36
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހުބާޒް ޝަރީފް
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހުބާޒް ޝަރީފް
ރޮއިޓަސް
ޕާކިސްތާނު އެމެރިކާ ގުޅުން
ޕާކިސްތާނުގެ އައު ބޮޑުވަޒީރަށް އެމެރިކާގެ ހޫނު މަރުޚަބާއެއް
އެމެރިކާއިން ވަނީ ދެގައުމުގެ ގުޅުން ކުރިން އޮތް ގޮތަށް ކުރިޔަށްދާނެކަމަށް އުންމީދުކުރާކަމަށް ބުނެފައި

ޕާކިސްތާނުގެ އައު ބޮޑުވަޒީރު ޝަހުބާޒު ޝަރީފަށް އެމެރިކާއިން ހޫނު މަރުޚަބާއެއް ކިޔައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި ކުރިން ހުންނެވި އިމްރާން ޚާންގެ އިތުބާރުނެތްކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށް އޭނާ ވަނީ މަގާމުން ދުރުކޮށްފައެވެ. އޭގެފަހުން ބޮޑުވަޒީރުކަމަށް ޝަހުބާޒު ޝަރީފް ގެނެސްފައިވާއިރު އެމެރިކާއިން ވަނީ ދެގައުމުގެ ގުޅުން ކުރިން އޮތް ގޮތަށް ކުރިޔަށްދާނެކަމަށް އުންމީދުކުރާކަމަށް ބުނެފައެވެ.

އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އިމްރާން ޚާންގެ ބޮޑުވަޒީރުކަމުގައި ހީނަރުވެފައިވާ ދެގައުމުގެ ގުޅުން ޝަހުބާޒު ޝަރީފްގެ ދައުރުގައި ހަރުދަނާވެގެން ދާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ޕާކިސްތާނަކީ އެމެރިކާގެ މުހިންމު ބައިވެރިއެއްކަމަށާއި ދެ ގައުމުގެ ގުޅުމަށް އެމެރިކާއިން އިޚުތިރާމުކުރާކަމަށް ބްލިންކެންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި އެމެރިކާއިން ޕާކިސްތާނުގެ ބޮޑުވަޒީރަށް މަރުޚިބާ ކިޔާކަމަށާއި މީގެކުރިން ދެ ގައުމު ގުޅިގެން ކުރިޔަށް ގެންދިޔަ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް އެދޭކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ބްލިންކެން ބަޔާނެއް ނެރުއްވާފައިމިވަނީ ޕާކިސްތާނުގެ އައު ބޮޑުވަޒީރުކަމަށް ޝަހުބާޒު ޝަރީފު އައްޔަނުކުރިތާ ދެދުވަސް ފަހުންނެވެ.

އިތުބާރު ނެތްކަމުގެ ވޯޓާއެކު އިމްރާން ޚާން ވިދާޅުވީ ދެން އުފެދޭ ސަރުކާރެއް ގަބޫލުނުކުރައްވާނެ ކަމަށާއި ވެރިކަމުން ދުރުކުރީ އެމެރިކާ އަޑީގައި އޮވެގެންކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރަށް ހޫނު މަރުޚަބާއެއް ވިދާޅުވެ، ބްލިންކެން ބަޔާން ނެރުއްވި ނަމަވެސް އެމެރިކާ އާއި ޕާކިސްތާނުގެ ގުޅުން މާބޮޑަށް ފުޅާވެގެންދާނެކަމަކަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ނުދެކެއެވެ. އެފަރާތްތަކުން ދެކޭގޮތުގައި އެމެރިކާއިން ބޮޑަށް ބަލާނީ ސަލާމަތީ ކަންކަމުގައި އެއްބާރުލުން ހޯދުމަށެވެ. ވަކިން ޚާއްސަކޮށް ކައުންޓަރ ޓެރަރިޒަމާއި އަފްޣާނިސްތާނުގެ މައްސަލައިގައި ޕާކިސްތާނުގެ އެހީތެރިކަން ހޯދުމަށް އެމެރިކާއިން އިސްކަމެއް ދޭނެއެވެ.

- ކޮމެންޓް