ބޯކޮށް ވާރެވެހި ގުގުރާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ބުދަ ދުވަހުގެ ރޭ ދަންވަރު 2:30ން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 8:30އާ ހަމައަށް އެސަރަހައްދަށް ވައިޓް އެލާޓް ނެރޭކަމަށެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.