މޫސުމީ ބަދަލު ކުރިމަތިވާ ސަބަބުތައް ހުއްޓުވުމަށް ފިޔަވަޅު އެޅުން ލަސްވަނީ އެކަން ހަގީގަތުގައި ގަބޫލް ނުކުރާތީ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ޕަލާއޮގައި އޮތް 7ވަނަ "އަވަރ އޯޝަން" ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކުދި ޖަޒީރާ ގައުމުތަކަކީ މޫސުމީ ބަދަލުތަކުގެ ވާހަކަ ދެއްކުމުގައި އެންމެ ކުރީ ސަފުގައި ތިބި ގަމުތައް ކަމަށެވެ. އަދި މޫސުމީ ބަދަލު ކުރިމަތިވާ ސަބަބުތައް ހުއްޓުވުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އެކަން ކުރެވޭނީ ވާހަކަދައްކައި އެކަމަށް އަހުލުވެރިކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ. އެހެންނަމަވެސް ފިޔަވަޅުތައް އެޅުމުގައި ވަރަށް ލަސްކަމަށާއި، ފިޔަވަޅު އެޅުން އަވަސްކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ، ފިޔަވަޅު އެޅުން ލަސްވަނީ ހަގީގަތުގައި، މިކަން ހިނގާކަން ގަބޫލުނުކުރެވޭތީ ކަމަށެވެ. ކަމެއް ގަބޫލުކޮށް ފިޔަވަޅު އެޅުމުން އެކަމަކުން އަރައިގަތުން އަވަސްވާނެ ކަމުގެ އެންމެ ރަނގަޅު މިސާލަކީ ކޮވިޑް19 ޕެންޑަމިކް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމުގެ ބިރުވެރިކަން އެބައޮތްކަން ގަބޫލުކޮށް ޕެންޑަމިކްގައި ބޯޑަރުތައް ބަންދުކޮށް ހުއްޓުވުމަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އެޅި ކަމަށެވެ. ތާރީޚުގައިވެސް އެންމެ އަވަހަށް އުފެއްދި ވެކްސިން އުފައްދައި، ކުރިން ޚިޔާލަށް ނުގެނެވޭ އެތައް ކަމެއް ކުރި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މޫސުމީ ބަދަލާއި، ދެމެހެއްޓެނިވި ނޫން ގޮތުގައި ކުރާ ކަންކަމުން ތިމާވެށްޓަށް ބޮޑެތި ގެއްލުން ލިބެމުންދާކަން ގަބޫލް ކުރަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މި މަސައްކަތުގައި ކުދި ޖަޒީރާ ގައުމުތައްވަނީ ގުޅިފައި ކަމަށެވެ. ޕަލާއޮ އަށްވުރެ ރަނގަޅު ގައުމެއް މި ކޮންފަރެންސް ބޭއްވުމަށް އޮތް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށާއި، ކޮންފަރެންސްގައި ވާހަކަދައްކަވާލެއްވުމުގެ ފުރުސަތު ލިބުމަކީ އުފާ ކުރައްވާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނސްޓަރ އަސްލަމްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ، ރައްޖޭގެ އިގްތިސާދު މައިގަނޑު ގޮތެއްގައި ބަރޯސާ ވެފައި އޮންނަނީ ދެކަމަކަށް ކަމަށެވެ. އެއީ ފަތުރުވެރިކަމާއި މަސްވެރިކަން ކަމަަށާއި، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުން ކަމަށް ވިދާޅުވިއެވެ. ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން 2019ގައި ޒިޔާރަތްކުރި ކަމަށާއި، ޕެންޑަމިކްގައި އަދަދުތައް ދަށަށް ދިޔަ ނަމަވެސް މިހާރު އަދަދުތައް އަންނަނީ އިތުރުވަމުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމަކީ އިގްދިސާދަށް އެންމެ މުހިންމު ސިނާއަތްކަމަށްވާއިރު، ފަތުރުވެރިކަމަށް ވިއްކާ ޕްރޮޑަކްޓަކީ ރީތި ގޮނޑުދޮށްތަކާއި، ސާފު މާހައުލު އަދި ކަނޑު އަޑީގެ ރީތި މަންޒަރުތައް ކަމަށެވެ. އެހެންކަމުން ތިމާވެށި ސާފުކޮށް ރައްކާތެރި ކުރުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
އަދިވެސް ރާއްޖޭގައި މަސްވެރިކަން ކުރަމުން އަންނަކީ ޒަމާނުއްސުރެ ކުރަމުން އައި ގޮތަށް ކަމަށާއި، ޒަމާނީ ގޮތްތައް ނުގެންގުޅޭ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގައި ކުރަމުން އަންނަ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖެއިން ބޭނުންވަނީވެސް އެކަން އެގޮތުގައި ބޭއްވުމަށްކަމަށާއި، ރާއްޖޭގައި ބާނާ މަހާއި އެހެން ހިސާބުތަކުން ބާނާ މަސް ތަފާތުވަނީ މި ސަބަބާހެދި ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އެކަން މާރކެޓްގައި ފާހަގަވާން ބޭނުންވިނަމަވެސް މިހާތަނަށް އަދި އެ ނިޒާމު މާ އެދެވޭ ގޮތެއްގައި ގާއިމްވެފައި ނެތް ކަމަށް ވިދާޅުވިއެވެ. އެކަން އެހެން ވެއްޖެނަމަ އެންމެންވެސް އެގޮތް އިޚްތިޔާރު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ، މިއީ އިއާދަކުރަނިވި ހަކަތައަށް ގަދައަޅާ މަސައްކަތްކުރަންވީ ވަގުތު ކަމަށާއި، ޔޫކްރެއިން ރަޝިޔާ ހަނގުރާމައިގެ ސަބަބުން ހަކަތަ ލިބުމުގައި މުޅި ދުނިޔެއަށް ގޮންޖެހުން އެބައޮތް ކަމަށެވެ. އެހެންކަމުން އިއާދަކުރަނިވި ހަކަތައަށް ގައުމުތަކުން މިދަނޑިވަޅުގައި މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
ރަށް ގިރުން ފަދަ ކަންކަމުން ދިފާއުމުވަށް ރާއްޖެއިން ބޭނުން ވަނީ ތިމާވެށްޓާއި ރައްޓެހި ގޮތްތައް ކަމަށާއި، އެކަމުގައި ގައުމުތަކުގެ ޚިޔާލާއި ވިސްނުން ބޭނުންވާ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖެއިން އެހީތެރިކަން ބޭނުންވަނީ މާލީ ގޮތުން ނޫން ކަމަށާއި، ޓެކްނޮލޮޖީގެ ގޮތުން ކަމަށެވެ. އަދި ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ތިމާވެށްޓާއި ރަށްޓެހި ގޮތަށް ކަންކަން ތަރުތީބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.